އެއްވެސް ޤައުމެއްގެ ސިޔާދަތާއި އިޤްތިޞާދަށް ގެއްލުންވާގޮތަށް ޗައިނާއިން އެއްވެސް ކަމެއް ނުކުރާނެކަމަށާއި، އެރިކާއިން ޗައިނާއާމެދު ހަސަދަވެރިވާކަމަށް ބުނެ ޗައިނާ ހޫނު ރައްދެ އެމެރިކާއަށް ދީފިއެވެ.
އިއްޔެ ރާއްޖެވަޑައިގެންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެގައި ހުންނަވައިގެން ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޕޮމްޕެއޯ ވަނީ އެމެރިކާ އިން ބަދަހިކުރާނީ އެކުވެރިކަންކަމަށާއި، ގައުމުތަކުގެ މިނިވަންކަމަށް އަރައިނުގަންނާނެކަމަށް ވިދާޅުވެ ޗައިނާއަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ޕޮމްޕެއޯ ބައްދަލުކުރައްވާ ދެޤައުމު ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި ބޭރުގެނޫސްވެރިއަކު ދެންނެވ ސަވާލަކަށް ޖަވާބުދެއްވަމުން ޕޮމްޕޭއޯ ވިދާޅުވީ ގާނޫނީ އިމުން ބޭރުން ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން ރާއްޖެ އާއި މިސަރަހައްދުގެ ގައުމުތަކަށް އެމެރިކާއިން ޚާއްޞަ ނަޒަރަކުން ބަލަމުންދާކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުގެ ޢަމަލުތައް މިސަރަހައްދުގެ ޤައުމުތަކުގެ ޚާއްޞާ އިޤްތިޞާދީ ސަރަހައްދުންވެސް ފެންނަމުންދާކަމަށާއި، ޗައިނާގެ ކުންފުނިތަކުން ތިމާވެއްޓަށް ގެއްލުން ދެމުންދާ މަންޒަރު ފެންނަމުންދާކަމަށްވެސް ޕޮމްޕެއޯ ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ އެވާހަކަފުޅުތަކަށް ހޫނު ރައްދެއް ދެމުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައި ވަނީ ޕޮމްޕެއޯ ދެއްކެވި ވާހަކަފުޅުން ސާފުވާކަމަކީ އެމެރިކާގެ ވެރިން ޗައިނާއާމެދު ހަސަދަވެރިވެގެން އުޅޭކަމަށެވެ. އެމެރިކާއިން ފަށާފައިވާ އިންޑޯ ޕެސިފިކް ސްޓްރެޓެޖީއަކީ ވަކި ޤައުމުތަކަކަކަށް އަމާޒުކޮށް ހިންގާ މަޝްރޫޢުކަމެއްކަމަށާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ވާދަވެރިކަމުގައި އެމެރކާ ފަހަތަށް ޖެހެމުންދާތީ އެކަމުގެ ހަސަދާގައި އެމެރިކާ ގެންގުޅޭ ސިޔާސަތެއްކަމަށް ޗައިނާއިން ބުނެފައިވެއެވެ. އަދި އެމެރިކާގެ އެސިޔާސަތުގައި އިންޑިއާ ކަނޑުގެ މަސްލަހަތު އިސްކޮށްފައިނުވާކަމަށްވެސް ޗައިނާގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާއާއި ޗައިނާއަކީ އިޤްތިޞާދީ ދެހަތުރުންނެވެ. އެމެރިކާގެ ރައީސް ގެންދަވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގައިވެސް ޗައިނާއަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކޮރޯނާ ވައިރަސްއަކީ ޗައިނާއިން އުފެއްދި އެއްޗެއްކަމަށް ތުހުމަތުކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ