ހޯރަފުށީ އެއާރޕޯޓަށް ކަރަންޓު ދެވޭނެ ނިޒާމެއް ޤާއިމްކޮށްފި

ހޯރަފުށީ އެއާރޕޯޓަށް ކަރަންޓު ދެވޭނެ ނިޒާމެއް ޤާއިމްކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 11:49
0

ހއ.ހޯރަފުށީ އެއާރޕޯޓުގެ ކަރަންޓުގެ ޚިދުމަތް ދެވޭނެ ނިޒާމެއް ފެނަކައިން ޤާއިމްކޮށް ދެއްވައިފިއެވެ.

ފެނަކައިން ވިދާޅުވީ މި ނިޒާމު ޤާއިމްކޮށް މިއަދުން ފެށިގެން އެއަރޕޯޓަށް ކަރަންޓު ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. ހޯރަފުށީ އެއާޕޯރޓެ ކަރަންޓުގެ ހިދުމަތް ރަސްމީކޮށް މިއަދު ދޭން ފެށިފައިވާއިރު، މި ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ބައްލަވައި ލެއްވުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދުވެސް ވަނީ އެރަށަށް ވަޑައިގެންފައެވެ.

ހޯރަފުށީގައި އަޅާ އެއާރޕޯޓްގެ މަސައްކަތް ނޮވެމްބަރު މަހު 11 ވަނަ ދުވަހަށް ނިންމުމަށް އެމަސައްކަތް ކުރަމުންގެންދާ އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ހޯރަފުށީ އެއާރޕޯޓްގެ މަސައްކަތް ހުއްޓާލުމައި ބާރަށް ކުރިއަށްދާއިރު، މަސައްކަތް ނިންމުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ މަހުގެ ނިޔަލަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ދިމާވި ގޮންޖެހުންތަކާއިއެކު މަސައްކަތުގެ ސްޕީޑަށް މަޑު ޖެހުމެއް އައިނަމަވެސް އެމްޓީސީސީން ދަނީ މަސައްކަތް މިހާރު ކަނޑައަޅާފައިވާ ތާރީހަށް ނިންމުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ.

ހޯރަފުށީ އެއަރޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އަދި މިހާރު އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި މުޅިން ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ހޯރަފުށީ އެއަރޕޯޓްގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.