އާރްބީ ލައިޕްޒިގް އަތުން ސިޓީއަށް ބޮޑު މޮޅެއް

އާރްބީ ލައިޕްޒިގް އަތުން ސިޓީއަށް ބޮޑު މޮޅެއް

Author
ޔޫސުފް
16 ސެޕްޓެމްބަރ 2021 02:44
0

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގް އަތުން އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީން ބޮޑު މޮޅެއް ހޯދައިފިއެވެ.

މެންޗެސްޓަރ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލައިޕްޒިގްގެ މައްޗަށް ސިޓީ ކުރި ހޯދީ ފަސޭހަކަމާއެކު 3-6 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. އެގޮތުން މެޗުގެ ސޯޅަ ވަނަ މިނެޓުގައި ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ، އަކޭއެވެ. އަދި މެޗުގެ އަށާވީސް ވަނަ މިނެޓުގައި ލައިޕްޒިގްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ނަތީޖާގެ ފަރަގު ފުޅާވެގެން ދިޔައެވެ. މެޗުގައި ލައިޕްޒިގްގެ ފުރަތަމަ ލަނޑު ސާޅީސް ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، މިރޭގެ މެޗުގައި ލައިޕްޒިގްގެ ތިން ލަނޑުވެސް ކާމިޔާބުކޮށްދީ ހެޓްރިކް ހެދި ކްރިސްޓޮފަރ ކުންކޫއެވެ. މެޗުގެ ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ސިޓީއަށް ލިބުނު ޕެނަލްޓީއަކުން ރިޔާދް މަހްރޭޒް ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފް ފަށައިގެން ފަންސާސް އެއްވަނަ މިނެޓުގައި ލައިޕްޒިގުން ދެވަނަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ހަނިކުރި ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން މި ސީޒަނުގައި އެސްޓަން ވިލާއިން ސިޓީއަށް ގެންދިޔަ ގްރީލިޝް ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މެޗުގައި ލައިޕްޒިގްގެ ތިންވަނަ ލަނޑު ހަތްދިހަ ތިންވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، އޭގެ އޭގެ ދެ މިނެޓު ފަހުން ސިޓީން ވަނީ ފަސް ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ، ކަންސެލޯއެވެ. އަދި ސިޓީން މި މެޗުގައި ޖެހި ހަވަނަ ލަނޑު އަށްޑިހަ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ގެބްރިއަލް ޖެސޫސްއެވެ.

މީގެ އިތުރުން ސިޓީ ހިމެނޭ ގްރޫޕް އޭގައި ފްރާންސްގެ ޕީއެސްޖީ އާއި ކްލަބް ބްރޫޖް ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ޕީއެސްޖީ ލަނޑު ޖަހާ ލީޑު ނެގީ ފަނަރަ ވަނަ މިނެޓުގައި ހެރޭރާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް ހަތާވީސް ވަނަ މިނެޓުގައި ވަނަކެން ވަނީ ކްލަބް ބްރޫޖްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ލައިޕްޒިގް ބަލިކޮށް މިރޭ ތިން ޕޮއިންޓް ހޯދި ސިޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.