ހޯމް މިނިސްޓްރީ ހިންގުމާއި ހަވާލުވެ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރަކު ހުރިނަމަ މައްސަލަތައް ބެލުމުގައި މިހާރަށްވުރެ މާބާރު ސްޕީޑުގައި ކަންކަން ބެލެވިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރައީ ވިދާޅުވެއްޖެއެވެ.
ރާއީ މިހެން ވިދާޅުވީ ހުޅުމާލޭ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މުހައްމަދު އަސްލަމް ނިޔާވުމާއި ގުޅިގެން، އެކަން ތަހުގީގްކޮށް ބެލުމަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަ ދައްކަވަމުންނެވެ. ރާއީ ވިދާޅުވީ ހުށަހެޅޭ މައްސަލަތައް އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ގަބޫލު ކުރާކަމަށެވެ. އެކަން އެހެންވަނީ މިނިސްޓަރަކަށް އެމްޑީޕީ މީހަކު ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.
ރާއީ އަކީ އެކި ފަހަރުމަތީން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދަޅުވެފައިވާ ބޭފުޅެކެވެ. ރާއީ ވިދާޅުވީ ހޯމް މިނިސްޓަރަކަށް އެމްޑީޕީގެ މެމްބަރަކު ހުންނަވާނެ ދުވަހެއް ދެކެން ވަރަށް ބޭނުންވާކަމަށެވެ. އެކަން ވެއްޖެ ކަމުގައިވާނަމަ މައްސަލަތައް ބަލަން މިހާރަށްވުރެއް ބާރު ސްޕީޑުގައި ކަންކަން ގެންދެވިގެން ދާނެކަމަށެވެ.
މިއަދު އަޅުގަނޑު ހިތައް އަރާ ހޯމް މިނިސްޓަރަކަށް އެމްޑީޕީގެ މިނިސްޓަރަކު ހުރިނަމޭ. އޭރުން މިކަހަލަ ކަންތައްތަކުގައި މާ ރަނގަޅު ސްޕީޑެއްގައި ހަރުދަނާ ކަމާއިއެކު ފިޔަވަޅު އެޅިގެންދާނެ. އަޅުގަނޑު ވަރަށް ދެކެން ބޭނުންވޭ ހޯމް މިނިސްޓަރަކަށް އަޅުގަނޑުމެންގެ އެމްޑީޕީ މިނިސްޓަރަކު ހުންނަ ދުވަސް.
– ރާއީ ވިދާޅުވިއެވެ.
މިއަދު މައްސަލައާއި ގުޅިގެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދަށް ތައީދު ކުރާ މެމްބަރުން ވަނީ މަރުގެ މައްސަލަތަކާއި، އިންޒާރުތަކާއި ގުޅިގެން ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި ކޮންމެ މީހަކަވެސް ލިބެންޖެހޭ އިންސާފު ގާއިމް ކުރުމުގައި ދާންޖެހޭ ސްޕީޑުގައި ކަންކަން ނުހިނގާކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ވެރިކަން ކުރަމުންދަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވާއިރު، ކޯލިޝަންގެ އެކި ޕާޓީތަކަށް ވަނީ ވަޒީރުކަން ދެއްވާފައެވެ. މިހާރު އޮތް ކޯލިޝަން ރޫޅާލުމަށް ރައީސް ނަޝީދު އެކި ފަހަރު މަތީން މަސައްކަތް ކުރިނަމަވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިކޯލިޝަން 5 އަހަރު ގެ ދައުރު ނިމެންދެން ދަމަހައްޓަވާނެކަމަށެވެ.