ނާޒިމްއާއި ރިޔާޒަށް ގާސިމްގެ ބޮޑެތި ފާޑު ކިއުންތަކެއް

ނާޒިމްއާއި ރިޔާޒަށް ގާސިމްގެ ބޮޑެތި ފާޑު ކިއުންތަކެއް

ޖުމުހޫރީ ޕާޓީގައި ވަރަށް އިސްކޮށް އުޅުއްވުމަށްފަހު، އެޕާޓީ ދޫކުރައްވާ، އެމްއެންޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ، ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމްއަށާއި އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވަރަށް ބޮޑަށް ފާޑު ވިދާޅު ވެއްޖެއެވެ.

ކާނަލް ނާޒިމްއަށާއި އަބުދުﷲ ރިޔާޒަށް ގާސިމް އިބުރާހިމް ފާޑު ވިދާޅުވެފައިވަނީ، ޖުމުހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތަކާ ގުޅޭގޮތުން، މިއަދު ހަވީރު އެޕާޓީގެ ފަރާތުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.

މި ނޫސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުންނާއި އަދި އެމަނިކްފާނުގެ ފަރާތުން އެއްވެސް ބަޔަކަށް ގެއްލުމެއް ނުވަތަ ނިކަމެތިކަމެއް ލިބިފައި ނޯންނާނެ ކަމަށާއި، އެހެންނަމަވެސް އަބަދުވެސް އެމިކުފާނުގެ މުދަލަށާއި ޖާނަށާއި ނަފްސަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ލިބިގެން ދާ ކަމަށެވެ. އިތުރަށް ގާސިމް ވިދާޅުވީ، އެހެންނަމަވެސް އަބަދުވެސް ހުންނާނީ އެއްވެސް ޒާތީކަމެއް ނެތި އެކަން ހިތުން ފޮހެލާފަ ކަމަށާއި، އެފަދަ އެތައް ބަޔަކާއެކީ ހުންނާނީ މަސައްކަތްވެސް ކޮށްފައި ކަމުގައެވެ.

ގާސިމް ވިދާޅުވި ގޮތުގައި އަބަދުވެސް އެމަނިކްފާނާ އެކީގައި މަސައްކަތް ކުރަން ވަރަށް ވަފާތެރި ބަޔަކު ތިބޭ ކަމަށާއި، އެއީ އެހިދަކަށް އެބަޔަކަށް ފެންނަ ރަގަޅު ގޮތުގައި މަސައްކަތް ކުރަން ތިބޭ ބައެއް ކަމަށެވެ.

އަދި ގާސިމް ވިދާޅުވި ގޮތުގައި އެބަޔަކަށް ރަގަަޅު ގޮތްތަކެއް ފެނުމުން އެބަޔަކު ވަކިވެގެންވެސް ގޮސްފައިވާ ކަމަށާއި، އެހެންނަމަވެސް، ފަހަަކަށް އައިސް ޖުމުހޫރީ ޕާޓިގައި ވަރަށް މުހިންމު މަގާމްތަކެއް އަދާ ކުރެއްވި ދެބޭފުޅަކު އަދި ބާރުތަކާއި ހުރިހާކަމެއްވެސް ލިބިގެން ތިއްބަވާ، ދެބޭފުޅުން ވަކިވެގެން ގޮސް ވަރަށް ފާޑު ފާޑުގެ ވާހަކަތައް ނޫސްތަކުގައި ދައްކަވަމުން ގެންދަވާ ކަމަށެވެ.

އެބޭފުޅުން ވިދާޅުވާ ނުހައްގު ބަސްތައް އަޅުގަޑުމެންނަށް ރައްދު ވާން ފެށީމަ، ދެން އަޅުގަޑުމެން އެކަމާ ބެހޭ ގޮތުންވެސް މާބޮޑު ކަންބޮޑުވުމެއް ނެތް. އެހެންނަމަވެސް، ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ ބަޔަކު ދައްކާ ވާހަކަތަކަށް އަޅުގަޑުވެސް ކޮންމެވެސް ވަރެއްގެ ޖަވާބުދާރީއެއް ވާންޖެހުމަށް އެއީ އޮންނާނެ ކަމެއްކަމަށް އަޅުގަޑު ގަބޫލު ކުރާތީ، އަލުގަޑުގެ ޕާޓީގެ ވަރަށްގިނަ އާންމު މެމްބަރުންވެސް އެކަމަށް އެދެމުން ދާތީއާއި އެކީ އަޅުގަޑު އެވާހަކަތައް ސާފު ކޮށްދިނުމަށް އަޅުގަޑު ގަސްތުކުރަން މި ނުސް ކޮންފަރެންސްގައި ތިބޭފުޅުން ސުވާލު ކުރައްވައިފިއްޔާ، އަދި ނުކުރެއްވި ނަމަވެސް ވަކިވަރަކަށް، ވަކި ހިސާބަކުން ބައެއް ކަންތައްތައް ފާހަގަ ކޮށް ދަންނަވާލަން. މީ އަޅުގަޑުމެންގެ މިއަދުގެ މައިގަޑު މަގްސަދަކީ.

– ގާސިމް ވިދާޅުވިއެވެ.

މި ނޫސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ހިންގެވުން އެބޭފުޅާއާއި ހަވާލު ކުރުމަށް އަބުދުﷲ ރިޔާޒު އެމަނިކްފާނުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށާއި، އެހެންނަމަަވެސް، ޖަވާބުގައި، އެއީ ކައުންސިލްއިން ނިންމަންޖެހޭ ކަމެއް ކަމުގައި ދަންނަވާފައިވާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް އިތުރަށް ވިދާޅުވީ، ޖުމުހޫރީ ޕާޓީގެ އަގުވައްޓާލާ، އަދި ޕާޓީ ނިކަމެތި ކޮށްލުމަށް މަސައްކަތް ކުރާނަމަ އެކަންކަމުގެ ހަގީގަތް ސާފުކޮށްދީ އަމިއްލަ ދިފާއުގައި ބުންނަޖެހޭ އެއްޗެއް ބުނުމަކީ އޮތް ހައްގެއް ކަމުގައެވެ.

ގާސިމް ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާސީ ތިމަރަފުށީ ދާއިރާއަށްވެސް، އަދި އޭގެ ކުރިން ކިބިދޫ ދާއިރާއަށްވެސް ހޮވިވަޑަގަތީ އެމަނިކްފާނުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކީ ކަމަށާއައި، އަދި ރިޔާޒަކީ، ޅިޔަން ފަހަރިކަމުގެ ގޮތުން ވަރަތް ގާތްކަންވެސް އޮތް ބޭފުޅަކަށްވާތީ، ވަރަށް އިތުބާރު ކުރެއްވި ކަމުގައެވެ.

އެކަމަކު މިއަދު ނޫސްތަކުން އެބަ ފެންނަމުންދޭ ވަރަށް އިހާނެތި، ވަރަށް ނިކަމެތި ބަސްތައް އަޅުގަޑުމެންނަށް ރައްދު ކުރަމުންދާތަން. އެއީ އަޅުގަޑު ދަންނަވާނީ ކޮންމެހެން އަޅުގަޑު ކަންބޮޑުވާ ކަމެއް ނޫނޭ. އަބުދުﷲ ރިޔާޒަށް ވިޔަސް ނާޒިމަށްވެސް އަދި އެހެންވެސް މިރާއްޖޭގަ ތިއްބެވި، އެއްވެސް ވިސްނާ މީހަކަށްވިއްޔާ އެގޭނެ މީހަކު ދައްކާ އެކަހަލަ ވާހަކައަކުން، ބުނާ އެއްޗަކުން، ކުރާ ކަމަކުން އަޅުގަޑުގެ ހިތައް އަސަރު ކޮށްގެން އަޅުގަޑު ރޮއެގެން ނުވަތަ އަޅުގަޑު ދެރަވެގެން ޗޭ ވެގެން ދާނެ މީހެއް ނޫންކަން.

– ގާސިމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، އެންމެ ކުޑަ މިންވަރުގެ އިހުސާސެއް ހުރިނަމަވެސް، ކާނަލް ނާޒިމްއަށްވެސް އަދި އަބުދުﷲ ރިޔާޒަށްވެ، އަދު އެނޫން އެއްވެސް ބޭފުޅަކަށްވެސް، އެމަނިކްފާނަށް ނިސްބަތްވާ ގޮތަށް، ނުވަތަ އެމަނިކްފާނުގެ ކަމަކަށް ނިސްބަތްވާ ގޮތަށްވެސް އެއްޗެއް ބުނެވޭނެ ހަމަ އެކަކުވެސް ނޫޅެނެ ކަމުގައެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ނާޒިމްއާއި ރިޔާޒުވެސް އެބޭފުޅުންގެ ދާއިރާތަކަށް ހޮވިވަޑައިގެންނެވީ، ކޮންމެ ބޭފުޅަކަށްވެސް، އެމަނިކްފާނު ފަސް ހަ މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ކަމުގައެވެ.

ޖުމުހޫރީ ޕާޓީ ދޫކުރައްވާ ވަޑައިގެންނެވުމަށްފަހު، ކާނަލް ނާޒިމްއާއި އަބުދުﷲ ރިޔާޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްއެންޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށެވެ. ޖުމުހޫރީ ޕާޓީން ވަޑިވެވަޑައި ގަންނަވަމުން ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ، ޖުމުހޫރީ ޕާޓީތެރޭގައި ސިޔާސީ ގޮތުން ކުރިޔަށް ދިއުމުގެ ފުރުސަތު ވަރަށް ދަތި ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކޮބާހޭ ރިޔާޒުމެން ނާޒިމުމެންގެ ލަދު. މިވަރު ބަޔަކު ރައްޔިތުންނަށް ވަފާތެރިވާނެތަ؟

Leave a Reply

Your email address will not be published. Required fields are marked *