އަޅުގަނޑު ޖާމިނުކޮށްފައި ރައީސް ޔާމީން މިނިވަންކޮށްދެއްވާ: އާދަމް ޝަރީފް

އަޅުގަނޑު ޖާމިނުކޮށްފައި ރައީސް ޔާމީން މިނިވަންކޮށްދެއްވާ: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2021 08:17
0

ރައީސް ޢަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރަންޖެހޭ ކަމަށާއި އެކަމުގައި މީހަކު ޖާމިނު ކުރަން ޖެހޭނަމަ ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނު ޖާމިނު ޖާމިނުކޮށްފައި ނަމަވެސް ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދި ވަޑައިގަންނަވާ ކަމަށާއި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ސުޕްރީމްކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ފެށިފައިވާއިރު ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އެމަނިކުފާނުގެ ވަކީލުންވަނީ އެދިވަޑައިގެންފައިވެ.

ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާނަމަ މައިގަނޑު 3 ކަމެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ޝަރުތުތަކަކާއެކު ދޫކޮށްލުން  ކަމަށާއި ދެވަނަ ކަމަކީ ފައިސާ ދީފައި ކަފާލާތުގެ ދަށުން ދޫކޮށްލުން ކަމަށާއި 3 ވަނަ ކަމަކީ ޖާމިނުކޮށްފައި ދޫކޮށްލުންކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ވަރަށް ސާބިތު ކަމާއެކީގައި މިދަންނަވަނީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ރައީސް ޔާމީންއަށް ކަފާލާތު ދިނުމަށްޓަކައި ޖާމިނުވުމަށް އަޅުގަނޑު މިހިރީ ހަމަގައިމުވެސް ތައްޔާރަށް. އަޅުގަނޑު އެކަންޏަކުން ނިންމައެއްނުލަން. އަޅުގަނޑު ދަންނަވާނީ މިތާތިޔަ ތިއްބެވި ކޮންމެ ބޭފުޅަކުވެސް ރައީސް ޔާމީނަށް ކަފާލާތު ދިނުމަށް ތައްޔާރަށޭ ތިއްބަވާނީ. ރާއްޖޭގައި ތިބި އެއްލައްކަ ފަންސާސްހާސް މީހުންވެސް ތިއްބަވާނީ ތައްޔާރަށް.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމްޝަރީފްގެ ވާހަކަފުޅުގައިވަނީ ކުރިން ސުޕްރީމްކޯޓުން ކުރައްވާފައިވާ ބައެއް ޝަރީޢަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ހަނދާން ހުންނާނެ ހަމަ ސުޕްރީމް ކޯޓުން އެބަހުރި ކަފާލާތުގެ ދަށުން ބައެއް ބޭބޭފުޅުން ދޫކޮށްލައްވާފައި. ރައިސް މައުމޫން ދޫކޮށްލެއްވި. ގާސިމް އިބްރާހީމްވެސް ދޫކޮށްލެއްވި. ފާރިސް މައުމޫންވެސް އަދި އިމްރާންވެސް ދޫކޮށްލެއްވި. އަޅުގަނޑުމެން ރައްޔިތުން މިއަދު އިންތިޒާރު ކުރަމުން މިދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ހުށައަޅުއްވާފައިވާ ހުށާއެޅުއްވުމަށް ވެސް އިންސާފުވެރި ހުކުމެއް ލިބިގެންދާނެ ކަމަށް.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ހުކުމް ކުރުމުގައި ބިރުވެތި ވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުން ފެނިވަޑައިގެންނެވި ކަމަށާއި އެބަސްފުޅަކީ ހުރިހާ ފަނޑިޔާރުންވެސް ކަނުލާ އަޑުއައްސަވާނެ ބަސްފުޅަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމުގެ ބާވަތުން މިއަދު ދިވެހި ރައްޔިތުން މިއަދު ތިބީ އުއްތަމަ ފަނޑިޔާރު އެ ވިދާޅުވި ގޮތަށް ފަނޑިޔާރުގެއިން ހުކުމް ކުރާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައި ކަމަށްވެސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ވަރަށް އަދުލުވެރިކަމާއެކީގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާކަން ކަށަވަރުކޮށްގެން މިމައްސަލައިގައި ހުކުމަކާ ހަމައަށް އައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. މިޤައުމުގެ ހަމަޖެހުމާ ސުލްހަ މަސަލަސްކަމާ ރައްޔިތުން ޖުޑިޝަރީއަށް ކުރާ ހަމައެކަނި ދެމެހެއްޓުމަށްޓަކާވެސް އަލުގަނޑު ދަންނަވާނީ ސުޕްރީމް ކޯޓަށް މިހާރު މިހިނގަމުންދާ އިސްތިއުނާފްގެ މަރުހަލާގައި އަދުލުވެރި އިންސާފުވެރި ހުކުމެއް ކުރުމަކީ ރައްޔިތުން އިންތިޒާރު ކުރާ އަދި ރައްޔިތުން އުއްމީދު ކުރާ ކަމެއް.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 7 ވަނަ މާއްދާ ބުނާ ގޮތުންވެސް މިއީ ކޯޓުތަކަށްއޮތް ވަރަށް މުހިއްމު ހުތޫރަތްތެރި ވަގުތެއްކަމަށާއި ދިވެހި ރައްޔިތުން މިއަދު ކޯޓުތަކަށް އިޙްތިރާމްކުރަނީ އަދި އިތުބާރު ކުރަނީ ކިހާ މިންވަރަކަށްތޯ މިއީ މިއަދު އުފެދިފައިވާ ސުވާލުތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.