މިމިހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާމީހުންގެ ލިސްޓު އާންމުކޮށްފިއެވެ.
އެމްޑީޕީން ވަނީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފައެވެ. އެމްޑީޕީން ބުނެފައިވަނީ ދާއިމީ ލިސްޓުގައި ނަން ހިމެނިފައި ނުވާ އެއްވެސް ފަރާތަކަށް ވޯޓު ނުލެވޭނެކަމަށެވެ. އެޕާޓީގެ ވެބްސައިޓުގައި މިއަދު ވަނީ ލިސްޓު އާންމުކޮށްފައެވެ.
އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ދޭނީ މިއަދު އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންނަށެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދައިރާތަކުގައި ބެހެއްޓިގެންދާނެއެވެ. މިއިންތިޚާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އޮފިޝަލުން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެމްޑިޕީގެ އިންތިޚާބުގައި ޕާޓީން ކަންކަން ނިންމުންދަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އޮންނަ އުސޫލުގެ ތެރެއިންކަމަށް އެޕާޓީން ބުނެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 730 ކެނޑިޑޭޓުން ވާދަކުރެއެވެ.
ކޮމެންޓު ފޮނުވާ