ރައީސް ޔާމިންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ހިޔާފްލެޓްތައް ހައްގުވެރީންނަށް ދޫކޮށް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާިރު، ފްލެޓްތައް ލިބުނު ފަރާތްތަކުން ފްލެޓްތައް ކުއްޔަށް ދޭން ފަށައިފިއެވެ.
ހިޔާ ފްލެޓްތަކަށް ފާއިތުވެދިޔަ ހަފްތާގައިވަނީ ކަރަންޓު ދޫކޮށް ނިންމާފައެވެ. އަދި އެޗްޑިސީން ފާއިތުވެދިޔަ ހަފްތާގައި ބުނެފައިވަނީ، ހިޔާ ފްލެޓްތަކުން އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް އެއްބަސްވުންތަކުގައި މިހާތަނަށް އައިއިރު ސޮއި ނުކޮށް ތިބީ %15 މީހުން ކަމުގައެވެ. މީގެ އިތުރުން އެޗްޑިސީން ބުނެފައިވަނީ، ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 250 މީހަކު ވިނަރެސް ފްލެޓަށް ބަދަލުވުމަށް ނަންނޯޓު ކޮށްފައިވާ ކަމުގައެވެ.
ފްލެޓް ލިބުނު ގިނަ އަދަދެއްގެ ބަޔަކު މިހާރު ބަދަލުވެސް ވާން ފަށާފައިވާއިރު، ބައެއް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްވެސް މިހާރުދަނީ ކުރިޔަށެވެ.
ބައެއް ފަރާތްތަކުން ހިޔާ ފްލެޓްތަކަށް މީހުން މިހާރު ބަދަލުވެފައިވާއިރު، ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރުމަށްވެސް ފޭސްބުކްގައާއި އަދި އައިބޭގައާއި އަދި ވައިބަރ ގުރޫޕްތަކުގައިވެސް ފްލެޓްތައް ލިބުނު ގިނަފަރާތްތަކުން ހިމާރުވަނީ އިސްތިހާރު ކޮށްފައެވެ. އަދި ބައެއް ޔުނިޓްތައް ކުއްޔަށް ދިނުމަށް އިސްތިހާރު ކޮށްފައިވަނީ ފިނިޝިން އާއި އަދި އެހެނިހެން ބައެއް ކަންކަން ފުރިހަމަ ނުކޮށް ކަންވެސް ފާހަގަ ކޮށްލެވެއެވެ.

ފްލެޓްތައް ކުއްޔަށް ދޫކުރަން، އައިބޭގައާއި، ފޭސްބުކް ޕޭޖުތަކާއި އަދި ވައިބާ ގުރޫޕްތަކުގައި އިސްތިހާރު ކުރަމުން އަންނަ ބައެއް ފްލެޓްތަކުގެ އަގުތައް އުޅެނީ މަހަކު 8،500 އާއި 10،000 އާއި ދެމެދުކަން ފާހަގަ ކޮށްލެވެއެވެ.
ހިޔާ ފްލެޓްތަކުގެ އަސްލު ކުލީގެ އަގަކީ 7500ރ. އެވެ. މީގެއިތުރުން، ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު ނަގާ 1,000ރ. ހިމަނައިގެން ފްލެޓެއްގެ އަގު ޖެހެނީ 8،500 ރުފިޔާއަށެވެ.
ފްލެޓްތައް ކުއްޔަށް ދޫކުރަން ފްލެޓް ލިބުނު ފަރާތްތަކުން ފަށާފައިވާއިރު، އެޗްޑީސީންވަނީ ފްލެޓް ކުއްޔަށް ދޫކުރުން މަނާކޮށްފައެވެ. އަދި ހައުސިންގ މިނިސްޓަރ އަސްލަމްވެސް ކުރިންވަނީ، ފްލެޓް ލިބުނު ފަރާތްތަކުން ތަނުގައި ދިރި ނޫޅެ ފްލެޓް ކުއްޔަށް ދޫކުރާނަމަ ފްލެޓްތައް އަތުލާނެ ކަމަށް ބުނެފައެވެ.
އެޗްޑީސީން، ހިޔާ ފްލެޓްތަކުގެ ފިނިޝިަންގެ މަސައްކަތަށް ދީފައިވަނީ 4 މަސްދުވަހުގެ މުއްދަތެކެވެ. އެއީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިމުއްދަތުގައި ފްލެޓްތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް އެކިއެކި ކުންފުނިތަކުން މިހާރު ވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ