ޤައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުން ކޯވިޑްގެ ތެރޭގައި ވެފައިވާ ޤުރުބާނީ އަކީ ދެވޭ މުސާރައަކުން ނުވަތަ ދެވޭ އެލަވެންސަކުން އަގު އަދާކުރެވޭ ވަރަށްވުރެ ބޮޑު ޤުރުބާނީއެކެވެ.
ކޯވިޑްގައި މުޅި ރާއްޖެ ބަންދުވެ، ދަތުރުފަތުރު ހުއްޓާލައި، ރައްޔިތުން ގޭބަންދުވެފައި ތިބިއިރު ބަލިމީހުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެތަނުން އަނެއް ތަނަށް އުފުލައި، ބޮޑެތި ޤުރުބާނީތަކެއް ވަމުންދިޔަ އެއްބަޔަކީ މޯލްޑިވިއަންގެ ޕައިލެޓުންނެވެ. ޕައިލެޓުން ފްލައިޓުގެ ކުރީގައި ހުންގާނުގައި ހިފަހައްޓައި ތިބޭ މަންޒަރުގެ ފޮޓޯ ރީތި ގޮތަކަށް ނަގާލިކަމުގައި ވީނަމަވެސް، ދުއްވުމަށް ހޭދަކުރާ ވަގުތާއި، އެކަމަށް ވާންޖެހޭ ތައްޔާރީއާއި، ނަގަންޖެހޭ ރިސްކުތަކާއި، ދުވާލަކަށް ކުރަންޖެހޭ ދަތުރުތަކުގެ އަދަދަކީ ފޮޓޯއިން ދޭހަވާނެ ކަންކަމެއް ނޫނެވެ.
ޤައުމީ އެއާލައިންގެ ޕައިލެޓުންނާއި، ކެބިން ކްރޫއިންވެސް މުސާރައާއި އެނޫންވެސް ކަންކަމާއި ހިތްހަމަ ނުޖެހި ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި މޯލްޑިވިއަންގެ ޕައިލެޓުންނާއި، އެނޫން މުވައްޒިފުންގެ ކަންބޮޑުވުމަކީވެސް ހަމައެކަނި މުސާރައެވެ. ނަމަވެސް މިއީކީ މުޅިއަކުން ހަގީގަތެއް ނޫނެވެ. ކޮންމެ މުވައްޒިފަކުވެސް ވަޒީފާއަކަށް ދާނީ ވަޒީފާ އަދާކުރާ ތަނުން ދޭން ކަނޑައަޅާ މުސާރައަކައާއި އިނާޔަތްތަކަށް އެއްބަސްވެގެންނެވެ. އެއީ ޕައިލަޓަކަށްވިޔަސް، އެންމެ އާދައިގެ ވަޒީފާއެއް އަދާކުރާ މީހާކަމުގައިވިޔަސް ކަން އޮތީ މިހެންނެވެ. ވަޒީފާގައި ގިނަ ދުވަސް ވާވަރަކަށް ހުރިހާ މުވައްޒަފުންގެ އުއްމީދުވަސް ގުޅިގެން ދާނީ ލިބޭނެ މުސާރައިގެ ކުރިއެރުންތަކާއެވެ. މުސާރައަށް އުނިކަން އައުން، ނުވަތަ ކުޑަވެގެން ދިއުމަކީ، އެއްވެސް މުވައްޒިފެެއްގެ އުއްމީދަކަށް ވެގެން ނުދާނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
ކޯވިޑް-19ގައި މުޅި ދުނިޔެ ބަންދުވެ، ރާއްޖޭގެ ހާލަތުވެސް އިންތިހާއަށް ގޯސްވެ ރާއްޖެ ބަންދުކުރި ދުވަސްވަރުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރެއްވި މަސައްކަތްތެރީންގެ އަގު ސަރުކާރުން ވަނީ ވަޒަންކޮށްފައެވެ. ވަކީން ޚާއްސަކޮށް، ސިއްޙީ އެހީތެރިންނަށް ހައްގުވާ އިނާޔަތްތައް، އޭގެ ތެރެއިން ގިނަ މީހުންނަށް ވަނީ ލިބިދީފައެވެ. އެހެންނަމަވެސް މި ލިސްޓުންވެސް އުނިވެ، ފްރަންޓް ލައިނަށްނުވެ، ހަވާސާއިން ބޭރުވި ބަޔަކަށް މިވީ ޕައިލެޓުންނެވެ.
ކޯވިޑްގެ އެންމެ އުނދަގޫ ވަގުތުގައި ޕީޕީ ލައިގެން ފްލައިޓުގައި، ފާޚާނަވެސް ގިނަ ފަހަރަކަށް ނުކޮށް، 12 ގަޑިއިރު ޕައިލެޓުން ވެފައިވާ ގުރުބާނީ ހަދާންހުރި ބަޔަކު މިއަދު ތިބިކަމަށް ފެންނާކަށް ނެތެވެ. ކޮންމެ ދުވަހަކު އެތައް ބަލި މީހުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން ގޮވައިގެން އެތަނުން އަނެއް ތަނަށް، އެއްވެސް ޝަކުވާއެއް ކުރުމެއްނެތި ދަތުރުކުރީ މޯލްޑިވިއަންގެ ހިތްވަރުގަދަ ޕައިލެޓުންނެވެ.
އަދި ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، މިހާލަތަކީ، އޭރު ރާއްޖޭގެ އެހެން ހުރިހާ އެއާލައިނެއްގެ ދަތުރުވެސް ހުއްޓާލާފައި އޮތް ދަޑިވަޅު ކަމެވެ. ނަމަވެސް ޤައުމީ އަދި އިންސާނީ ބޮޑު ޚިދުމަތެއް ކަމުގައިދެކި، މޯލްޑިވިއަންގެ ޕައިލެޓުން ކުރި ކޮންމެ ދަތުރަކީ އެއްވެސް އުޒުރެއް ބަހަނާއެއް ނެތި ކޮށްފައިވާ ދަތުރެކެވެ. އެއްވެސް އެލަވެންސެއް ލިބޭނެކަމަށް އަދި ދޭނެކަމަށް އުންމީދުކޮށްގެންވެސް، އޭރި ކުރި ދަތުރުތަކެއް ނޫނެވެ.
ނަމަވެސް މޯލްޑިވިއަންގެ ކެޕްޓަނުންވެސް އުންމީދުކުރި ކަމެއް އޮތެވެ. ކޯވިޑްގެ ހާލަތު ރަނގަޅުވެ ރާއްޖޭގެ ހާލަތު އަލުން ރަނގަޅުވަމުން ދިއުމާއިއެކު ކުރިން ކަނޑާލި މުސާރައާއި އިނާޔަތް އިޔާދަވެގެން ދިއުމެވެ. 30 ޕަސެންޓުން ފެށިގެން 70 ޕަސެންޓާއި ހަމަށް މުސާރަތައް ކުޑަކުރިއިރު، މިކަމަށް ރަނގަޅު ގޮތެއް ވާނެކަމުގެ އުންމީދުގައި މެނޭޖްމަންޓާއި ޕައިލެޓުންނާއި، އެނޫން މުވައްޒިފުން އެދޭތާ 9 މަހާއި 10 ވަރަކަށް ދުވަސް މިވަނީ ވެފައެވެ. ނަމަވެސް، ގިނަ މުވައްޒަފުން ބުނާ ގޮތުގައި މޯޑިވިއަންގެ މެނޭޖްމަންޓް އޮތީ ހިމޭނުންނެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. ވީހަމަ އެއްކަމެއްވެސް ނެތެވެ.
ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާއިރު، ކޮންމެ ދުވަހަކު ރާއްޖެ އަންނަ ފަތުރުވެރިން ގޮވައިގެން ރިސޯޓްތަކަށާއި، ރަށްތަކަށް ދަތުރުކުރުމުގައިވެސް މޯލްޑިވިއަންގެ ދައުރުބޮޑެވެ. އިޤްތިޞާދަށް އަންނާނެ ބަދަލުތައްވެސް އެންމެ ރަނގަޅަށް ވަޒަން ކުރެވޭނެ ބަޔަކީ ފްލައިޓް ދުއްވަން އިންނަ ކެޕްޓަނެވެ. ނޫނީ އެއާލަންގެ މުވައްޒިފުންނެވެ.
މޯލްޑިވިއަންގެ ތެރޭގައި ހުރި މައްސަލަތައް ފެންމަތިވެ "ފަޅައިގެން" ގޮސްފައި މިވަނީ ކުއްލި ގޮތަކަށް ކުންފުނީގެ ސީޕްލެއިންގައި މަސައްކަތް ކުރި 8 ޕައިލެޓަކު އެއްފަރާ ވަކިވުމުންނެވެ. އެއާއިއެކު މުޅި އެއާލައިންގެ މުވައްޒިފުންވަނީ މެނޭޖްމަންޓުގެ ބީރުކަންފަތަށް އަޑު އިއްވޭނެ ގޮތެއް ހެދުމަށް އެންމެ ގުޅިގެން އެކައްޗެއް ކިޔާފައެވެ. އެގޮތުން މާދަމާއަކީ، މެނޭޖްމަންޓުގައި އެދުނު ކަންތައް ހާސިލް ނުވެއްޖެނަމަ، މުވައްޒިފުންގެ ބީރުކަންފަތް މެނޭޖްމަންޓަށް ދޭނެ ދުވަސްކަމުގައި ވަނީ ބުނެފައެވެ.
ޤައުމީ އެއާލައިނަކީ ދިވެހިންގެ ކޮންމެ ރައްޔިތަކުވެސް ފަހުރުވެރިވާ، ދިވެހިން މައި އެއާލައިނެވެ. މިއެއާ ލައިނަށް އަންނަ ކޮންމެ ލޮޅުމަކީ ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ލޮޅުމެކެވެ. އެކަން ގަބޫލުކޮށް، މޯލްޑިވިއަންގެ މެނޭޖްމަންޓުން ގޮތްދޫކޮށް މުވައްޒިފުންގެ ހައްގުތައް ހިމާޔަތްކުރުމަށް މިއަދު މިވަނީ ތެދުވާން ޖެހިފައެވެ. އެހެން ނުވެއްޖެނަމަ އެއާލައިންގެ މުސްތަގުބަލާއިމެދު އުފެދޭ ސުވާލުތައް މިވަނީ ގިނަވެފައެވެ.