ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސައްކަތްކުރުމަށް ފުރުސަތު އޮތް ޕާޓީއެއްނޫން: ނާޒިމް

ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސައްކަތްކުރުމަށް ފުރުސަތު އޮތް ޕާޓީއެއްނޫން: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2021 03:22
0

ޖުމްހޫރީ ޕާޓން ވަކި، ސިޔާސީ ޕާޓީއެއް ހަދަންޖެހުނު އެންމެބޮޑު ސަބަބަކީ ޖުމްހޫރީ ޕާޓީގައި ތިބެގެން ޤައުމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ފުރުސަތު ކުޑަވުމުންކަމުގައި އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޖުމްހުރީ ޕާޓީން ނިކުމެ ސިޔާސީ މަަސައްކަތް ފެށަންޖެހުނު ސަބަބާއި ގުޅޭގޮތުން "އަވަސް" ގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ނިމިދިޔަ 2 އަހަރުގައިވެސް އެއްވެސް ސިޔާސީ މަސައްކަތެއް ނެތް ޕާޓީއެއްކަމަށެވެ. ކުޑަމިނުން ޖަލްސާއެއްހާ މިންވަރުވެސް ނުބޭއްވޭއިރު، ޤައުމީ ކަންކަމުގައި ބަސްބުނަންޖެހޭ ހާލަތްތަކުގައިވެސް އެފުރުސަތު ޖޭޕީގައި ހުންނެވިއިރު ނެތްކަމަށެވެ. ޖުމްހޫރީ ޕާޓީން ނާޒިމް އާއި ރިޔާޒު ވަކިވެ ޕާޓީ ހެދުމުން އެއީ ޕާޓީއަށް ހަރާންކޯރުވި މީހުންކަމަށް ޖޭޕީގެ ލީޑަރު ޤާސިމް ދެއްކެވި ވާހަތަކާއި ގުޅިގެން ނާޒިމް ވިދާޅުވީ، ޤައުމީ މަސައްކަތަށް ނިކުތުމުން އެއީ ހަރާން ކޯރުވީކަމަށް ނުބުނެވޭނެކަމަށެވެ.

އެއްވެސް މީހެއްގެ އަޅުންގެ ގޮތުގައި ތިބި ޒަމާން މިހާރު ގޮސްފި. އަޅުގަނޑު ގަބޫލު ނުކުރަން ޤައުމީ ޚިދުމަތަށް ނިކުތުމުން، އެއީ ޕާޓީއަށް ހަރާންކޯރުވިކަމަށް ވިދާޅުވި ވިދާޅުވުމަކީ އަޅުގަނޑު ގަބޫލު ކުރާކަމެއްނޫން. އެފަދަ ވާހަތަކަށް އަޅުގަނޑު ރައްދުދޭން ބޭނުމެއްނޫން.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދު އެމްއެންޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި 5 ބޭފުޅުންނަކީ ވަރަށް މިނިވަން ބޭފުޅުންކަމަށެވެ. ކޮންމެ ކަމެއްގައިވެސް އެމީހަކު ބޭނުންވާ ވާހަކައެއް ޕާޓީގެ އަސާސްތަކާއި ޚިލާފް ނުވާނޭހެން ދެއްކުމުގެ މިނިވަންކަން އޮންނާނެކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގައި ތިއްބެވިއިރު އެފުރުސަތު ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާސިމްއަކީ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި، ޤާސިމް ދައްކަވާ ވާހަތަކަށް ރައްދުދެއްވައި ހައްދަވަން ބޭނުން ނުވާކަމަށެވެ.

ވޭތުވެދިޔަ 2 އަހަރު ޖުމްހޫރީ ޕާތީ އޮތީ ނިދާފަ. ދުވަހު ޖަލްސާއެއް ބޭއްވީކީވެސް ނޫން. އަޅުގަނޑުމެން ޖުމްހޫރީ ޕާޓީ ތެރޭގައޮ ތިބެގެން ޕާޓީ ހަދާކަށް ނޫޅެން. ޖުމްހޫރީ ޕާޓީގައި ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ވަރަށް ކުޑަކޮށް އޮތީ. އަޅުގަނޑުމެންނަށް ޤައުމީ ކަންކަމުގައި ބަސްނުބުނެވޭނަމަ އެއީ ވަރަށް އުގަދޫ ހާލަތެއް. މިއަދު އަޅުގަނޑުމެން ވަރަށް މިނިވަން. ވަރަށް އެކުވެރި. ޕާޓީގެ އަސާސްތަކާއި ޚިލާފު ނުވާނެ ކޮންމެ ވާހަކައެއް ކޮންމެ މެމްބަރަކުވެސް ދައްކަންވީ.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ރާއްޖޭގެ ރައްޔިތުން އެދޭ ބަދަލު ރައްޔިތުންނަށް ގެނެސް ދިނުމަށް އުފައްދާފައިވާ ޕާޓީއެއް ކަމަށެވެ. ޕާޓީގެ މުސްތަގުބަލާއިމެދު ގިނަ އުންމީދުތަކެއް ކުރެވޭއިރު، ޕާޓީން ހާސލް ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރެވިގެންދާނެ ކަމީ ޝައްކު ކުރައްވާ ކަމެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.