ވެރިކަމަށް ވަޑައިގެންނެވުމަށް އިއްތިހާދުވި ކޯލިޝަން މެނިފެސްޓޯގައި ހިމެނޭ ވައުތުރައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ނުފުއްދޭނަމަ، ދެވަނަ ދައުރެއް ރައީސް ޞާލިހަށް ދޭންޖެހޭ ސަބަބެއް ނެތްކަމަށް އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އަވަސްއިން މިއަދު އަލަށް ފެށި "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުމާއިމެދު ވިސްނުން ހުރީ ކިހިނެތްތޯ ދެންނެވުމުން ނާޒިމް ވިދާޅުވީ، ކޮންމެ ރައީސަކުވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވުމަށްފަހުކަމަށެވެ، ވައުދުތައް ފުއްދުމަކީ ވެރިމީހާގެ ޒިންމާއަކަށްވާއިރު މިހާރުގެ ރައީސަށްވެސް ވައުދުތައް ނުފުއްދޭނަމަ ވެރިކަމުގެ ދެވަނަ ދައުރެއް ނޭންޖެހޭ ސަބަބެއް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.
ޕާޓީއެއް ވެރިކަމަށް އަންނަނީ ވެފައިވާ ވައުދުތަކާއިއެކު، ވެފައިވާ ވައުދުތައް ނުފެއްދޭނަމަ، ދެވަނަ ދައުރެއް ދޭކަށްނުޖެހޭ. އަޅުގަނޑުމެން އެބަ ބަލާލަންޖެހޭ މެނިފެސްޓޯގެ ކިހާ ހިސާބަހަށް މިހާރު އާދެވިއްޖެ ދެވިއްޖެތޯ.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނަކީ އެންމެ ފުރިހަމައަށް ހިނގާ ކޯލިޝަނެއްކަމެއް ދެންނެވޭކަށް ނެތްކަމަށެވެ. ކޯލިޝަންތެރޭގައި ހިމެނި ވަޑައިގަންނަވާ ޕާޓީތަކަށް އެކަށީގެންވާ ސްލޮޓް ނުލިބުމާއި، ބައެއް ޕާޓީތަކުގެ ހުރި ކަންބޮޑުވުމަށްބަލާއިރު ކޯލިޝަނަކީ އެންމެ ކާމިޔާބު ކޯލިޝަނެއްކަމަށް ދެންނެވެން ނެތްކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަހަތަށް އަރާ މަސައްކަތް ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހާތަނަށް އުފެދުނު އެއްވެސް ސަރުކާރަކަށް ރައްޔިތުން އެދޭ މިސްރާބަށް ދަތުރު ނުކުރެވުނު ކަމަށާ އެމްއެންޕީ 2023 ގެ އިންތިހާބަށް ކެންޑިޓޭޓަކު ނެރެން ނިންމީ ރައްޔިތުން އެދޭ ފަދަ ހިތްފަސޭހަ އަމާން އަދި އުފާވެރި ދިރިއުޅުމެއް އޮތް ގައުމަކަށް ރާއްޖެ ބަދަލު ކޮށްލުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ ކޯލިޝަނަނަށް ދާންޖެހޭ ހާލަތެއް އަތިވެއްޖެނަމަ، އެމްއެންޕީން ކޯލިޝަންގެ ލީޑްކުރާ ޕާޓީއަކަށް ވާނެކަމަށެވެ. އެންމެންޕީން އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރައިގެން މަސައްކަތް ކުރުމަކީ 2023ގައި ވިސްނުން ހުރި ގޮތެއް ނޫންކަމަށެވެ. އަދި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވިގެންދާނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
އެހެން ބަޔަކާއެކު އަޅުގަނޑުމެން ކޯލިޝަނެއް ނުހަދާނެ. ކޯލިޝަން ހަދަން ބޭނުންނަމަ އެބަޔަކު އަޅުގަނޑުމެންނާއެކު ކޯލިޝަން ހަދާނީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީ ފަހަތަށް ޖެހި އެހެން ސިޔާސީ ފިކުރަކަށް ޖާގަ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސިޔާސީ މައިދާނުގައި ބަސް ވިކޭ ވަރުގަދަ ސިޔާސީ ޕާޓީތަކަށް ވެރިކަން ކުރަން ފުރުސަތު ލިބިއްޖެ ކަމަށާ ނަމަވެސް ކޮންމެ ފަހަރަކުވެސް ރައްޔިތުންނާމެދު ކަންކަން ވެގެން ދަނީ ވަރަށް ހިތްދަތި ގޮތަކަށް ކަމަށެވެ. އެމްއެންޕީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި އޮތް އެތެރޭގެ ޑިމޮކްރަސީވެސް އެންމެ ވަރުގަދަ ޕާޓީއަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ