ދިވެހި ޒުވާނުން ވިދާޅުވާ "ގަޓު" ރައީސަކީ، ރައީސް ޔާމީން: ޣައްސާން

ދިވެހި ޒުވާނުން ވިދާޅުވާ "ގަޓު" ރައީސަކީ، ރައީސް ޔާމީން: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2021 10:44
0

ދިވެހި ޒުވާނުންގެ ބަހުން އަބަދުވެސް ބުނަމުންދާ "ގަޓު" ރައީސަކީ ރައީސް އަބްދުﷲ ޔާމީން އަބްދުދުލް ޤައްޔޫމްކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހިންގެ ޤައުމިއްޔަތާއި، ދިވެހިންގެ ދީނާއި، ސިޔާދަތު ރައްކާތެރި ކޮށްދެއްވި ރައީސްކަމަށެވެ. ރައީސް ޔާމީންނަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވަނީ އެމަނިކުފާނު ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ ސަބަބުންކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ޤައުމަށް ހެޔޮގޮތްއް ހޯދައި ދިނުމަށް ކަމަށާއި، ރައީސް ޔާމީނަށް ނުހައްގު އަނިޔާދޭތީ އުދަގޫވަނީ ހަމައެކަނި ޕީޕީއެމްގެ މެމްބަރުންނަށް ނޫންކަމަށް ޣައްސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާދަމާ ދިވެހި ރައްޔިތުން އިންސާފު ހޯދަން ނިކުންނަނީ ރައްޔިޔުންނަށް ގެއްލިފައިވާ ހައްގުތައް ހޯދައި، ދިވެހިންގެ މިނިވަންކަން އަލުން އިޔާދަ ކުރުމަށްކަމަށެވެ.

ދިވެހި ޒުވާނުން ވިދާޅުވާ "ގަޓު" ރައީސަކީ ރައީސް ޔާމީން. އެމަނިކުފާނަކީ ދިވެހި ޤައުމާއި ދީނާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވި ރައީސް.

– ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ މާދާގެ ހިނގާލުމަކީ ސުލްހަވެރި ހިނގާލުމަކަށް ވާނެކަމަށާއި، މާދަމާގެ މުޅި ރާއްޖޭގައި ދިވެހި ހުރިހާ ރައްޔިތުން ޤައުމުގެ ހައްގުގައި ތެދުވާންޖެހޭކަމަށެވެ. ގެއްލެމުންދާ ހައްގުތައް ހޯދޭނީ އަމިއްލަ މަސައްކަތުން ކުރާ މަސައްކަތުން ކަމަށާއި، އެކަން ކުރުމަށް އެންމެން އެކީ އެއްބައިވަންތަކަމާއިއެކު މަސައްކަތް ކުރުމަށް ޣައްސާން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.