އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މަންދޫބުންނަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ.
އެމްޑީޕީން ބުނެފައިވަނީ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމަށް ހުޅުވާލެވިފައިވާ ފުރުޞަތު 11 ސެޕްޓެމްބަރ 2021، ހޮނިހިރު ދުވަހުގެރޭ މެންދަމު 12.00 އަށް އިތުރު ކުރެވިފައިވާކަމަށެވެ.
މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 730 ކެނޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފްވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ނުދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް ހަސަން ވިދާޅުވިއެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދައިރާތަކުގައި ބެހެއްޓިގެންދާނެއެވެ. މިއިންތިޚާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އޮފިޝަލުން ހޯދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރެވޭނެކަމަށް ހަސަން ވަނީ ވިދާޅުވެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ގުޅިގެން މިހާތަނަށް ލިބިފައިވަނީ 17 ޝަކުވާކަމަށާއި، އެކަންކަން ބެލުމަށްފަހު ވާދަކުރެވޭނެ ކެނޑިޑޭޓުންނަކީ ކޮބައިކަން މިހާރު ކަނޑައެޅިފައިވާކަމަށެވެ. އަދި އެކަމާއި އިތުރު ޝަކުވާއެއް އޮތްނަމަ، އިސްތިއުނާފުކޮށް ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އެކަން ބެލުމުގެ ފުރުސަތު ދެވިގެންދާނެކަމަށް ހަސަން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ