ރާއްޖޭގެ ކޯޓުތަކުގައި ތިބި ބައެއް ގާޒީން ކުރާ "ހަރާމް" ހުކުމްތައް ބަލައި ގަންނާނޭ ބަޔަކު ރާއްޖޭގައި ނެތްކަމަށާއި، ހުރިހާވެސް މައްސަލައަކީ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްއާއި ރައީސް މައުމޫނު ކަމުގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ވިދާޅު ވެއެޖެއެވެ.
ރައީސް ޔާމީނަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހުމް ތައުރީފް ކުރައްވާ ވީޑިއޯއެއް ޓުވީޓު ކުރައްވަމުން މުސްތަފާ ވިދާޅުވެފައިވަނީ، ގާސިމް އިބުރާހިމް ރައީސް ޔާމިނުގެ ވެރިކަމުގައި އޭރު ރައީސް ޔާމީނަށް ސަނާ ކިޔާފަ، މިހާރު މަސައްކަތް ކުރަމުންދަނީ، ރައީސް ޔާމިން މިހާރު ހުންނެވި ޖަލުބަންދުން ވީއްލުނަ ނުދޭންކަމުގެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވުރެ ބޮޑު އަނިޔާވެރިއެއް އަދި ވަގެއްވެސް ދެކެވަޑައި ނުގަންނަވާކަމަށެވެ.
ކުރީގެ ރައީސް ޔާމިނަށް ނިސްބަތްކޮށް މަޖިލިސް ތަޅުމުގައި ގާސިމް ދެއްކެވި ވާހަކަފުޅަށްފަހު، ޕީޕީއެމްގެ އެކްޓިވިސްޓުން ގެންދަނީ، ސޯޝަލް މީޑިއާގައި، ރައީސް ޔާމިންގެ ވެރިކަމުގައި ގާސިމް ޔާމިނަށް ތައުރީފްކޮށް ދައްކަވާފައިވާ ވާހަކަތަކުގެ ބައެއް ވީޑިއޯތައް ދައުރު ކުރަމުންނެވެ. މިގޮތުން ދައުރުވަމުންދާ އެއް ވީޑިއޯއެގައި ގާސިމް ވަނީ ރައިސް ޔާމިން ރާއްޖެ ތަރައްގީކުރުމަށް އޭރު ކުރައްވަމުން ގެންދެވި މަސައްކަތްތަކައް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
މުސްތަފާ މިއަދު ގާސިމް އިބުރާހީމާއި، ރައީސް މައުމޫނަށް ފާޑު ވިދާޅުވެފައިވާއިރު، މުސްތަފާއަކީ ރައީސް ޔާމިންގެ ވެރިކަމުގައި ގޮޑި ގެއްލުނުކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އޭރު މުސްތަފާ ވަނީ ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްވެސް ކުރައްވާފައެވެ. އެހެންނަމަވެސް، މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައިވެސް ބައިވެރިވެ ވަޑައިގެންނެވި މުސްތަފާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިސަރުކާރާ ދެކޮޅަށެވެ.
އަދި މީގެ އިތުރުން މުސްތަފާ ފަހަކަށް އައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ސާލިހާ ރައީސް ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގައި، ރައީސް ނަޝީދު ފަޅިއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.