ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މުޖުތަމަޢުގެ އެންމެން ގުޅިގެން އަޅާލައި އޯގާތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ، ރައީސްގެ ދެކަނބަލުން ށ. އަތޮޅަށާއި، ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ށ. ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ސެންޓަރުގެ މުވައްޒަފުން، އެތަނުގައި ތިބޭ ކުދިން ބެލުމުގައި ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.
މި ޒިޔާރަތުގައި އެކަމަނާ ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާއި އަދި މުވައްޒަފުންނާވެސް ބައްދަލުކޮށް މުވައްޒަފުންނާއި ކުދިން ބޭނުންވާ ކަންތައްތަކާއި އަދި އެސެންޓަރަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާ އަދި ދަތިތަކާ ގުޅޭގޮތުންވެސް މައުލޫމާތު އޮޅުން ފިލުވާ އަދި މިކަންކަމަށް ހައްލު ހޯއްދަވާ ދެއްވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ށ. ފުނަދޫގައި ހުންނަ މި ސެންޓަރުގައި މިވަގުތު 14 ކުދިން ދަނީ ދިރިއުޅެމުންނެވެ. މި ސެންޓަރަކީ މުޖުތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި ކުދިންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. އަތޮޅަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ