އިސްލާމިކް އެމިރޭޓް އުފައްދާ، ތާލިބާން ޖަމާއަތުން އާ ސަރުކާރު އިއުލާން ކޮށްފި

އިސްލާމިކް އެމިރޭޓް އުފައްދާ، ތާލިބާން ޖަމާއަތުން އާ ސަރުކާރު އިއުލާން ކޮށްފި

Author
ހުސެއިން
07 ސެޕްޓެމްބަރ 2021 08:36
0

ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި އިސްލާމިކް އެމިރޭޓްސް އުފައްދާ، އާ ސަރުކާރު އިއުލާން ކޮށްފިއެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާން ވަނީ، އެޖަމާއަތުން އެކުލަވާލާ ސަރުކާރުގެ ވަގުތީ ލީޑަރަކީ، ތާލިބާން ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ، މުހައްމަދު ހަސަން އަޚުންދުކަން އިއުލާން ކުރައްވާފައެވެ. އަދި އޭނާގެ ދަށުން، އެޖަމާއަތުން އިއުލާންކުރި އިސްލާމިކް އެމިރޭޓްގެ ޑުޕިއުޓީ ލީޑަރަކީ، އަބުދުލް ޢަނީ ބަރާދަރުކަން އިއުލާން ކުރައްވާ އަދި މި ދެބޭފުޅުންގެ ދަށުން ކެބިނެޓްގެ މުހިންމު މަގާމްތައްވެސް ތަރުޖަމާންވަނީ ހާމަ ކުރައްވާފައެވެ. މިގޮތުން ތާލިބާން ޖަމާއަތުން އުފައްދާ އިސްލާމިކް އެމިރޭޓްގެ ފުރަތަމަ ކެބިނެޓްގައި ހިމެނޭ ގިނަ މޫނުތަކަކީ، ފާއިތުވެދިޔަ 20 އަހަރު އެމެރިކާއާއި ދެކޮޅަށް އަފްއާނިސްތާނުގައި ހަގުރާމަ ކުރަމުންދިޔަ އިސް ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.

މިރޭ އިއުލާން ކުރެވިގެންދިޔަ، އާ ކެބިނެޓްގެ މުހިންމު މަގާމްތަކުގެ ތެރޭގައި ހިމެނެނީ، އިންޓީރިއަރ މިނިސްޓަރެއްގެ ގޮތުގައި، އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަޑައަޅާ، އޭނާގެ ބޮލަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާ، ސިރާޖުއްދީން ހައްގާނީ އާއި، ޑިފެންސް މިނިސްޓަރަކަށް ހަމަޖެހިގެން ދިޔަ، ތާލިބާން ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުގޫބު ހިމެނެއެވެ.

މީގެ އިތުރަށް، ތާލިބާން ޖަމާއަތުން އަލަށް އުފައްދާ އިސްލާމިކް އެމިރޭޓްގެ ވަގުތީ މާލީ ވަޒީރަކަށް ހަމަޖައްސަވާފައިވަނީ، ހިދާޔަތުﷲ ބަދުރީއެވެ.

އަފްއާނިސްތާނުގެ އާ ސަރުކާރުގެ ކެބިނެޓް އިއުލާން ކުރައްވަމުން، ތާލިބާން ޖަމާއަތުގެ ތަރުޖަމާން މިޖާހިދު ވިދާޅުވެފައިވަނީ، މިހާރި އިއުލާން ކުރެވިގެން މިދަނީ ވަގުތީ ކެބިނެޓެއް ކަމަށާއި، އެޖަމާއަތުން ކުރިޔަށް އޮތްތަނުގައި އަފްއާނިސްތާނުގެ އެހެން ހިސާބުތަކުން މީހުން، ސަރުކާރުގެ މުހިންމު މަގާމްތަކަށް އިސް ކުރާނެ ކަމުގައެވެ.

ތާލިބާން ޖަމާއަތުން މިރޭ އިއުލާން ކޮށްފައިވާ ކެބިނެޓްގައި އަންހެނުންނާ ބެހޭ ވުޒާރާއެއް ހިމަނާފައި ނުވާއިރު،  ކެބިނެޓްގައިވެސް އެއްވެސް ހަންހެނަކު ނުހިމެނޭކަންވެސް ފާހަގަ ކޮށްލެވެއެވެ.

ތާލިބާން ޖަމާއަތުން މިރޭ އަފްއާނިސްތާންގެ އަ ސަރުކާރު އިއުލާން ކޮށްފައިވާއިރު، އެ ޖަމާއަތުގެ ލީޑަރު މުއްލާ ހައިބަތުﷲ އަޚުންޒާދާ އާ ސަރުކާރުގައި އަދާ ކުރާނޭ ދައުރެއް އަދި މީޑިއާތަކަށް ސާފުވެފައެއް ނުވެއެވެ. އަދި ތާލިބާން ޖަމާއަތުން އަފްއާނިސްތާން އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސް، ވެރިރަށް ކާބުލް ހިފުމަށްފަހު، މުއްލާ ހައިބަތުﷲ އަޚުންޒާދާ އާންމުންގެ ތެރެއިން ފެނިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަބުދުﷲމާހިރު
Allah ah hamdhu kuran." Kull aalam ka negehebaan voa hey. Allaah hameysha seyhey, aur hameyshaa raheyga.!