ރާއްޖޭގައި ތައުލީމް ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުންގެ އިސްލާމީ އަޤީދާ ފާސިގު ކުރަމުންދާ ކަމުގެ ސާފު ހެކި ފެންނަމުންދާކަމުގައި ޕްރޮފެސަރ ހަސަން އުޤައިލް ވިދާޅުވެއްޖެއެވެ.
ތައުލީމީ ދާއިރާއިން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އުގައިލް ތައުލީ ދައިރާއިން މިއަދު ފެންނަމުންދާ ކަންކަމަށް ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ދިވެހި ދަރިވަރުންނަށް އިސްލާމީ އަޤީދާއާއި ބީރައްޓެހި، އަދި އަޤީދާ ފާސިގުކުރުމަށް ކުރެވޭ މަސައްކަތް ހުއްޓާލަން ޖެހޭކަމަށެވެ.
މިފަދަ ކަންކަމުގެ ސަބަބުން ޖާގަ ދެވިގެންދާނީ ދިވެހިންގެ ތެރޭގައި އޮތް ހަމަޖެހުން ގެއްލި ބައިވުމަށް ކަމުގައި އުގައިލް ވިދާޅުވިއެވެ. އުގައިލް ވިދާޅުވީ، ދީނާއި ދުރު މިފަދަ ކަންކަން ތައުލީމީ ދާއިރާއަށް ވައްދައި، އިސްލާމީ މުޖުތަމައު ބައިބައި ކުރަން ފުރުސަތު ދެވޭނަމަ، މިކަމަށް ފާރަލާ މީހުންނަށް މިކަމުގެ އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށެވެ. މިއީ އެއްގޮތަކަށްވެސް ފުރުސަތު ދެވިގެންވާނެ ކަމެއްނޫންކަމށް އުގައިލް ވިދާޅުވިއެވެ.
މިއީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ރައްދުކުރާ ޝުޢޫރެކެވެ. ތަޢުލީމު ދިނުމުގެ ނަމުގައި ދިވެހި ކުދި ދަރީންގެ އިސްލާމީ އަޤީދާ ފާސިދުކުރަމުން ދާކަމުގެ ސާފު ހެކިތައް ފެންނަމުން އެބަ ދެއެވެ. އެއްވެސް ހާލެއްގައި އެ ކަމަށް ތަންދެވިގެނެއް އެ ކަމަށް ތަންދެވިގެނެއް ނުވާނެއެވެ. އޭގެ ސަބަބުން ޖީލުތައް ހަލާކުވާނެއެވެ. ރާއްޖޭގައި އިތުރު ހަމަނުޖެހުންތައް އުފެދޭނެއެވެ. ނަތީޖާއަކަށް ވާނީ، ދިވެހި ގައުމު ޖަހައިގަތުމަށް ފާރަލާ ބަޔަކަށް އެ ކަމުގެ ދޮރުތައް އޭގެ ތަންމިނަށް ހުޅުވުމެވެ. ރައްކާވެތިއްޔާ ދަތުރެވެ.
– އުގައިލް ވިދާޅުވިއެވެ.
ދަރިވަރުންގެ ދިވެހި ފޮތުގެ ފިލާވަޅުތަކުގައި ފިލްމް ބެލުމަށް ހިތްވަރުދީ ބޮލީވުޑް އިޝްތިހާރުކޮށް ކުރިއަރުވާ ފަދަ ފިލާވަޅުތައް ހިމެނޭތީ އެކަމަށް ވެސް ގިނަބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ދަރިވަރުންގެ ގައުމިއްޔަތާއި ދީނިއްޔަތަށް އަސަރުކުރާ ފަދަ ކަންކަން ފަހަކަށް އައިސް ތަކުރާރުވަމުންދާ ކަމަށް ބައެއް އާއްމުންނާއި އިދިކޮ ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
ކިޔަވާ ކުދިންގެ ފޮތްތަކުގައި ދީނާއި ދުރު ކަންކަން ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ