ސިޓީގެ ދަރަޖަ ދީފައިވާ އާބާދީ ބޮޑު ފުވައްމުލަކައި ކޯވިޑް-19 އަށް ޓެސްޓް ކޮށްލެވޭނެ ވަސީލަތެއް ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް އާދަމް ޝަރީފް ފޮނުވާފައިވާ ސިޓީގައި ބނެފައިވަނީ ކޯވިޑް 19 އާގުޅިގެން މޮނިޓަރިންގގެ ޙާލަތުގައި ބާއްވަން ޖެހުމުގެ ސަބަބުން ގިނަގުނަ ދަތިތަކަކާއި އުނދަގޫތަކެއް ފުވައްމުލަކު ސިޓީގެ ރައްޔިތުން އަންނަނީ ތަހައްމަލު ކުރަމުން ކަމަށެވެ. އަދި ޕީ.ސީ.އާރ ޓެސްޓް ފުވައްމުލަކު ސިޓީގައި ހެދޭނެ އިންތިޒާމު މިހާތަނަށް އައިއިރުވެސް ހަމަޖެހިފައި ނެތުމުގެ ސަބަބުން، ދަތުރުފަތުރު ކުރަން ދަތިވެ، އިޤުތިޞާދީގޮތުންނާއި މާލީގޮތުން ބޮޑެތި ގެއްލުންތައް އެ ސިޓީއަށް ދަނީ ލިބެމުން ދާކަމަށެވެ.
ފުވައްމުލަކު ސިޓީއަކީ ވެސް ދައުލަތުން "ސިޓީ"ގެ ދަރަޖަ ދީފައިވާ ރަށެއް. އެހެންނަމަވެސް، ފުވައްމުލަކު ސިޓީގެ ރައްޔިތުން ޕީ.ސީ.އާރ ޓެސްޓް ހަދަން ސާމްޕަލް ނެގުމަށްފަހު އެ ސާމްޕަލް ފޮނުވަންޖެހެނީ އެހެން ސިޓީއަކަށް. އަދި ޓެސްޓްގެ ސާމްޕަލް އެހެން ސިޓީއަކަށް ފޮނުވުމަށްފަހު، އެ އެސިޓީއަކުން ޓެސްޓްގެ ނަތީޖާ ލިބެންދެން، ތިންހަތަރު ދުވަހު މަޑުކުރަންޖެހުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް މިމައްސަލަ ހުށަހަޅުއްވައިގެން، ފުވައްމުލަކު ސިޓީގައި ޕީ.ސީ.އާރ ޓެސްޓް ހެދޭނެ އިންތިޒާމު މިހާ ދުވަސްވީއިރުވެސް ހަމަޖެހިފައި ނުވަނީ ކީއްވެކަމާއި ޕީ.ސީ.އާރ ޓެސްޓް ހެދޭނެ އިންތިޒާމު ފުވައްމުލަކުގައި ހަމަޖެހޭނެ ތާރީޚު ސާފުކޮށްދެއްވުމަށް އާދަމް ޝަރީފްވަނީ މިސިޓީގައި އެދިފައެވެ.
ފުވައްމުލަކުގައި މަޖިލިސް ތަމްސީލް ކުރައްވާ މެމްބަރުންނަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. މިމައްސަލާގައި އެމެމްބަރުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ.
ކޮމެންޓު ފޮނުވާ