ވިޔަފާރިއާއި އިންވެސްޓްމަންތައް އިތުރުކުރުމާއި ޓޭރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާތައް ބާއްވަވާފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސެކްރެޓަރީ ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރައްވާފައި މި ވަނީ، އޭޝިޔާގެ ބައެއް ޤައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ދަށުންނެވެ. މިއީ، 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ޒިޔާރާތަށް ފަހު، އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މިހާރު ވެސް އޮތް ބަދަހި ގުޅުންތައް، އިތުރުށް ހަރުދަނާވަމުންދާކަން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.
ސެކްރެޓަރީ ޕޮމްޕެއޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށްފަހު އެ މަނިކުފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. ހަމަ މިއާއެކު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
Had very engaging discussions with @SecPompeo on furthering Maldives-US cooperation from trade and investment to maritime security to countering terrorism and the climate emergency. Look forward to furthering Maldives-US relations in the coming months and years. pic.twitter.com/HJK1vN6k5F
— Ibrahim Mohamed Solih (@ibusolih) October 28, 2020
ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޮރުކޮށްދެމުންދާ އެހީތެރިކަން ވަނީ އިތުރުކޮށްފައެވެ. މި ގޮތުން، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި ސާމާނުގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން، ކޯވިޑް-19 އާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ދެ މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފާހަގަކޮށްލެވެއެވެ.
Delighted to join the courtesy call on President @ibusolih by USA Secretary of State @SecPompeo. High-level engagements such as this are key to further strengthening our dynamic partnership. pic.twitter.com/eXyqlfJlJT
— Abdulla Shahid (@abdulla_shahid) October 28, 2020
ސެކްރެޓަރީ ޕޮމްޕެއޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާއިން ރާއްޖެއާ ދެމެދު ބާއްވާ ގާތްކަން ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި، މި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ