ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއި ނުކޮށް ތިބީ %15 މީހުން: އެޗްޑީސީ

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއި ނުކޮށް ތިބީ %15 މީހުން: އެޗްޑީސީ

Author
ހުސެއިން
07 ސެޕްޓެމްބަރ 2021 08:51
0

ރައީސް ޔާމިންގެ ސަރުކާރުން ހުޅުމާލޭ 2 ވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކުން އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް އެއްބަސްވުންތަކުގައި މިހާތަނަށް އައިއިރު ސޮއި ނުކޮށް ތިބީ %15 މީހުން ކަމުގައި އެޗްޑިސީން ހާމަކޮށްފިއެވެ.

ޕީއެސްއެމްއިން ގެންދެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވަހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ މި އެއްބަސްވުންތަކުގައި މިހާރު 5،483 މީހުން ސޮއި ކޮށްފައިވާއިރު، ސޮއި ނުކޮށް ބާކީ ތިބީ 200 އެއްހާ އޯނަރުން ކަމުގައެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރަންޖެހޭ 5،596 މީހުން އެބަތިއްބެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވެފައިވަނީ، ފްލެޓް އެއްބަސްވުންތަކުގައި މިހާތަނަށް ސޮއި ނުކުރާމީހުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަކި މުއްދަތެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ފްލެޓް ބަދަލުކުރުމަށް 400 މިހަކު އެދިފައިވާ ކަމަށާއި، އެމީހުންގެ އެއްބަސްވުންތަކުގައި ސޮއިކުރުން ލަސްކޮށްފައިވާ ކަމަށްވެސް ސުހައިލް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ސުހައިލް ވިދާޅުވީ، ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 250 މީހަކު ވިނަރެސް ފްލެޓަށް ބަދަލުވުމަށް ނަންނޯޓު ކޮށްފައިވާ ކަމުގައެވެ.

ހިޔާ ފްލެޓްތަކަށް މިހާރު ކަރަންޓޫ ދޫކުރެވިފައިވާތީ، ފްލެޓް ލިބުނު ގިނަ އަދަދެއްގެ ބަޔަކު މިހަރުދަނީ ފްލެޓްތަކަށް ބަދަލުވަމުންނެވެ. މިގޮތުން ބައެއް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ގިނަ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް މިހާރުދަނީ ކުރިޔަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.