ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމަވާފައި ވާކަމަށް، މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.
ޕޮމްޕެއޯ މިކަން އިއުލާން ކުރެއްވީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދެގައުމުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މިއަދު މައިކް ޕޮމްޕެއޯ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެސް ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާގުޅޭގޮތުން ވާހަކަ ދައްކަވަމުން ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ، ސަރަހައްދީގޮތުން ރާއްޖެއަކީ މުހިންމު ގައުމެއްކަމަށާއި ރާއްޖޭގައި އެމްބަސީއެއް ހުރުން ވެގެންދާނީ ދެގައުމުގެ ގުޅުން އިތުރައް ބަދަހިވުމުގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ކަމަށެވެ.

މިކަމާގުޅޭގޮތުން ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ވިދާޅުވީ މިއީ ތާރީހީ ނިންމެވުމެއް ކަމަށެވެ. އަދި މިއީ އަދުގެ ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ޑިމޮކްރެސީ ހަރުދަނާ ކުރުމުަށާއި ރައްޔިތުންގެ ހައްގުތަށް ރައްކާތެރި ކުރުމަށް ކުރައްވާ މަސައްކަތަށް މުޅި ދުނިޔޭގެ ނިސްބަތުންވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއީ އެމެރިކާގެ އެމްބެސެޑަރެއް ރާއްޖޭގައި ހުންނަވާގޮތަށް ކަނޑައަޅުއްވައި ރާއްޖޭގައި އެގައުމުގެ އެމްބަސީއެއް ހުޅުވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ