އަފްއާނިސްތާނުގެ ޕަންޖިޝިރު ޕްރޮވިންސްގައި، ތާލިބާން ޖަމާއަތާ ދެކޮޅަށް، އަމުދު މަސްއޫދުގެ ލީޑަރޝިޕްގައި ހަގުރާމަ ކުރަމުންދާ، ރެސިސްޓެންޓް ފޯރސްގެ ތަރުޖަމާން ފަހުމީ ދާޝްތީ ހަގުރާމާގައި މަރުވެއްޖެކަމަށް އަފްއާނިސްތާންގެ ލޯކަލް ނިއުސް އައުޓްލެޓެއް ކަމުގައިވާ ޓޯލޯނިއުސްއިން ރިޕޯޓު ކޮށްފިއެވެ.
ޓޯލޯނިއުސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުރިން ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ، ދާޝްތީ މަރުވެފައިވަނީ، ތާލިބާން ހަގުރާމަވެރިންނާ ބަދަލު ކުރެވުނު ހަމަލާ ބަދަލުކުރުންތަކުގައި ޕަންޖިޝިރު ޕްރޮވިންސްގައެވެ.
އަފްއާނިސްތާނުގެ ލޯކަލް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގައި މަސައްކަތް ކޮށްފައިވާ، އަދި ކުރީގެ ހަގުރާމަވެރި ލީޑަރު އަހުމަދު ޝާހު މަސްއޫދަށް ބޮޑުބޭބެ ކިޔާ، ޖެނެރަލް އަބުދުލް ވަދޫދުވެސް މިހަމަލާ ބަދަލު ކުރުންތަކުގައިވަނީ މަރުވެފައެވެ.
އަދި، ތާލިބާން ޖަމާއަތާ ދެކޮޅަށް ހަގުރާމަ ކުރަމުންދާ ނޭޝަނަލް ރެސިސްޓަންޓް ފްރޮންޓް އޮފް އަފްއާނިސްތާން (NRFA)ގެ ލީޑަރު އަހުމަދު މަސްއޫދުގެ ގާތް ފަރާތެއް ކަމުގައިވާ ސާލިހު ރެޖިސްތާނީ މިހަމަލާތަކުގައި ޒަޚަމްވެފައިވާކަމަށްވެސް ވަނީ ނޫސްތަކުން މައުލުމާތު ދީފައެވެ.
ތާލިބާން ޖަމާއަތުން އެމީހުންގެ ބާރުގެ ދަށަށް މުޅި އަފްއާނިސްތާން ގެނައުމަށްފަހު، އެޖަމާއަތުގެ ބާރުގެދަަށަށް ނުގެނެވި އޮތް ހަމައެކަނި ޕްރޮވިންސަކީ އެގައުމުގެ ހުޅަގު އުތުރުން އޮންނަ ޕަންޖްޝިރު ޕްރޮވިންސެވެ. އަދި އެއަށްފަހު، އަފްއާނިސްތާނުގެ ކުރީގެ މަޝްހޫރު ހަގުރާމަވެރި ލީޑަރު އަހުމަދު ޝާހު މަސްއޫދުގެ ދަރިފުޅު، އުމުރުން 32 އަހަރުގެ އަހުމަދު މަސްއޫދުގެ ލީޑަޝިޕްގައި ތާލިބާން ޖަމާއަތާ ދެކޮޅަ ހަގުރާމަކުރާ ހަގުރާމަވެރިން ޖަމާވެފައިވަނީ މި ޕްރޮވިންސަށެވެ. އަދި އޭނާވަނީ ތާލިބާން ޖަމާއަތާ ދެކޮޅަށް ހަގުރާމަ އިއުލާން ކޮށްފައެވެ.
އެހެންނަމަވެސް، އެންމެ ފަހުގެ މައުލުމާތުތައް ބުނާގޮތުގައި، ދީނީ ބައެއް އިލްމުވެރިންވެސް ހަގުރާމަ ހުއްޓާލުމަށްފަހު ސުލްހަވެރި ހައްލެއް ހޯދުމަށް ގޮވާލައްވާފައިވާތީ، ތާލިބާން ޖަމާއަތާ ވާހަކަ ދައްކަން ބޭނުންވާ ކަމުގައި މަސްއޫދުވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ފާއިތުވެދިޔަ ތަނުގައި، ރެސިސްޓަންޓް ފޯސްއާއި ތާލިބާން ޖަމާއަތާ ދެމެދު ބޭއްވުނު ހުރިހާ ވާހަކަތަކެއްވެސް ވަނީ ކާމިޔާބު ނުވެ ފެއިލް ވެފައެވެ. އަދި ދެފަރާތުންވެސް ވަނީ ވާހަކަތައް ފެއިލްވުމުގެ ޒިންމާ އެއްބަޔަކު އަނެއްބަޔަކު ނަގަންޖެހޭނެ ކަމަށް ބުނެފައެވެ.
ތާލިބާން ޖަމާއަތުން އާދީއްތަ ދުވަހު ބުނެފައިވަނީ އެ ޕްރޮވިންސްގެ ހުރިހާ އަވަށެއް ހިފާފައިވާ ކަމަށެވެ. އަދި، ހަގުރާމަ ހިގަމުންދަނީ ހަމައެކަނި އެ ޕްރޮވިންސްގެ މެދުތެރޭ ސަރަހައްދުގައި އެކަނިމަށްވެސް ތާލިބާން ޖަމާއަތުން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ