ފުލުހުންނަށާއި، ކަމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އިންތިހާއަށް އިތުބާރު ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައި، ރާއްޖޭގެ ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދެއްވި ހަމަލާއަށް ފަހު މިހާރު ހިނގައިބިގައިވެ އުޅެ ވަރަށް ބޮޑަށް ލިބުނު ގެއްލުމަށް ފަސޭހަތަކެއް ލިބެމުންދާކަމަށެވެ. މިހާރުވެސް އަތުގެ ކަނައަތުގެ ތިން އިގިއްޔެއް އައްސިވެފައި ހުރުން ފިޔަވައި ދެންހުރި ހުރިހާ ކަމެއް ވަރަށް ބޮޑަށް ރަނގަޅުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރީ މިމަސް ނިމޭއިރަށް ރާއްޖެ ދިއުންކަމަށެވެ. ނަމަވެސް ކޮންމެ ތިން އަހަފްތާއަކުން އެއްފަހަރު ޑޮކްޓަރަށް ދާންޖެހުމުން އުންމީދު ކުރި ހިސާބުގައި ރާއްޖެއަށް ނުދެވޭނެކަމަށެވެ.
ކުރިން އުންމީދު ކުރީ ސެޕްޓެމްބަރު ނިމުުމުން ދެވޭނެކަމަށް. ނަމަވެސް ރާއްޖެއަށް ދެވޭނެ ދުވަސް ލަސްވާނެ. ރާއްޖެ ދިއުމުގައި ސަލާމާތާއި ރައްކާތެރިކަމަށް ބަލަންޖެހޭ. ހަމަލާއަށް ފައިސާ ޚަރަދުކުރި މީހުންނާއި، ރޭވި މީހުން ބަލައި ފުލުުން އެކަން ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން. ފުލުހުންގެ ކިބައިގައި އެޤާބިލްކަން ހުންނާނެ. ސީޕީއަށާއި، ފުލުހުންނަށް އިންތިހާއަށް އިތުބާރު ކުރަން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ދިއުމުގައި ފުލުހުން ހިންގާ ތަހުގީގަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ހަމަލާއަށް ފަންޑު ކުރި މީހުންނަށާއި، ހަމަލާގައި ބައިވެރިވި މީހުންނާއި، ރޭވި މީހުން ހިފާ ހައްޔަރު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށެވެ. މިކަންކަމަކީ އެމަނިކުފާނު އެބުނި ރާއްޖެ ދިއުމާއި ނުހަނު ގުޅުންހުރި ކަންތައްތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިިކުފާނު ވިދާޅުވީ ސީޕީ ހަމީދައާއި، ފުލުހުންނަށް އެމަނިކުފާނު ނުހަނު އިތުބާރު ކުރައްވާކަމަށެވެ. އަދި މިމައްސަލާގައި އިންސާފު ގާއިމް ކުރެވިގެންދާނެކަމަށް ޔަގީން ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ