އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241) ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ރިޕޯޓް ތަޅުމަށްފޮނުވިއިރު، މިމައްސަލާގައި ކޮމެޓީން އޭނާއަށް އެއްވެސް ހިކަމެއް ނުވާކަމުގައި ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝްގެ މައްސަލަ ކޮމެޓީން ނިންމައި ތަޅުމަށް ފޮނުވާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އާންމުކޮށް ކޮމިޓީން މައްސަލަތައް ބަލާއިރު، އެކަމެއްގައި ޝާމިލުވާ މީހަކަށް ފުރުސަތުދީ އެމީހަކަށް މައްސަލާގައި ވާހަކަ ދެއްކުމުގެ ފުސަރުތުދެއެެ. ރިޓަޔާ ކުރެއްވުމަށްފަހު ފައިރޫޝް ރާއްޖެއިން ބޭރުގައި އުޅުއްވިނަމަވެސް މިކަމުގައި އޭނާއަށް އޮންލައިންކޮށް ނަމަވެސް ފުރުސަތު ދީފައިނުވާ ސަބަބެއް ކޮމެޓީން ހާމަކޮށްފައި ނުވެއެވެ.
ފައިރޫޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމެޓީން އޭނާ ރިޓަޔަރ ކުރެއްވި މައްސަލަ ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވިއިރު، އޭނާއަށް ހިމަލެއްވެސް ނުވާކަމަށެވެ. ކޮމިޓީން ނިންމި ރިޕޯޓުގެ މަލަމަތި ރީކޮށްލަން ނަމަވެސް އޭނާއަށް ގުޅާލިނަމަ އެކަންވެސް ފެންނަން އޮންނާނެކަމަށް ފައިރޫޝް ވިދާޅުވިއެވެ.
241 ކޮމިޓީޢިން މީހަކު ރިޓަޔަރކުރި މައްސަލައެއް ބަލާ ރިޕޯޓު ހުށަހަޅައިފިއެވެ. އެމީހާއަށް ހިލަމެއްވެސް ނުކޮށެވެ. މަލަމަތި ރީތިކޮށްލުމަށް ނަމަވެސް އަންގާލިނަމަހީއެވެ! ބެލީ، ޢަމަލުކުރަން ފަށާފައިވާ ޤާނޫނެއްގެ ދަށުންނެއްވެސް ނޫނެވެ.
– ފައިރޫޝް ވިދާޅުވިއެވެ.
241 ކޮމިޓީޢިން މީހަކު ރިޓަޔަރކުރި މައްސަލައެއް ބަލާ ރިޕޯޓު ހުށަހަޅައިފިއެވެ. އެމީހާއަށް ހިލަމެއްވެސް ނުކޮށެވެ. މަލަމަތި ރީތިކޮށްލުމަށް ނަމަވެސް އަންގާލިނަމަހީއެވެ! ބެލީ، ޢަމަލުކުރަން ފަށާފައިވާ ޤާނޫނެއްގެ ދަށުންނެއްވެސް ނޫނެވެ.
— Fairoosh, PhD (@Fairoosh) September 4, 2021
މިމައްސަލަގާއި ކޮމެޓީންވަނީ ހޯމް މިނިސްޓަރާއި ފުލުނުންގެ އިސްވެރިންނާއި އަދި ކަމާގުޅުންހުރި އެހެން ބޭފުޅުންނާވެސް ބައްދަލުކޮށް 2 ކަމެއް ރިޕޯޓުގައި ހުށަހަޅާފައެވެ.
އެގޮތުން މި މައްސަލާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތުހުމަތުތަކަކީ ޢާންމު އިޖުތިމާޢީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެއް މަޤާމުން ރިޓަޔަރ ކުރުމަށް އެދުމުން، އެފަދަ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގައި އެތުހުމަތުތަކަށް ރިޢާޔަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށް ފެންނަކަމަށް ވަނީ އެދިފައެވެ.
އަދި ކުރިއަށް އޮތްތަނުގައި މި ބާވަތުގެ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށާއި އެކަމުގައި ޢަމަލުކުރެވޭނެ ގޮތް ހަރުދަނާކުރުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ނުވަތަ ޤަވާޢިދެއް ހަދައި އެ ޤަވާޢިދަށް ޢަމަލުކުރަމުން ގެންދިއުމަށާ، އެ ޤަވާޢިދު ތައްޔާރުކޮށް ނިންމުމުން އެކަން ކޮމިޓީއަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށްވެސް ރިޕޯޓުގައި ވަނީ ކަނޑައަޅާފައެވެ.
މޯލްޑިވިސް ޕޮލިސް ސަރވިސްގެ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 2ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ޑރ.ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަޤާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.
ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމަތާ 1998ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ޚިދުމަތުގައި ހޭދަކުރައްވާފައެވެ. ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.