އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް، ޓެރަރިޒަމާއި އިސްލާމްދީނާއި ގުޅުވާ ދައްކަމުންދާ ވާހަކަތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖެއިން އެކަން ކުށްވެރިކޮށްފައި މިވަނީ، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ހަޖޫޖަހާ ކުޑައިމީސްކޮށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ގިނަ ޤައުމުތަކުން އެކަމުގެ ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.
މާތް ރަސޫލާއާއި، އިސްލާމްދީނާއި ޓެރަރިޒަމާއި ގުޅުވައިގެން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވަނީ އިސްލާމްދީނާއި ކީރިތި ރަސޫލާއާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތަކަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއަށް ފެތޭކަމެއް ނޫންކަމަށެވެ.
އިސްލާމްދީނަކީ އަބަދުވެސް ހަމަޖެހުމާއި ސުލްހައަށް މަސައްކަތްކުރާ ދީނެއްކަން ފާހަގަކުރައްވާ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ހުދޫދުގެ ތެރެއިން އިންސާނީ ހައްގުތަކާއި ޚިޔާލުފާޅުކުރުމުގެ ހައްގުތައް ފޯރުކޮށްދީ އެކަން ކަށަވަރުކޮށް ދިނުމުގައިކަމަށެވެ. އިންސާނީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ރާއްޖެއިން ތާއީދުކުރިނަމަވެސް ހުރިހާ ވައްތަރެއްގެ ހައްދުފަހަނައަޅާ ދިއުމަކީ ރާއްޖެއިން އަބަދުވެސް ކުށްވެރިކޮށް ދެކޮޅުހަދާނެކަމެއްކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އިސްލާމްދީނާއިި ދެކޮޅަށް ދައްކާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކާއި ރާއްޖެއިން އަބަދުވެސް ދެކޮޅުކަމަށް ހާމަކޮށްފައިވާއިރު، އިސްލާމްދީނާއި ތެރަރިޒަމާއި ގުޅުިވާ ފްރާންސްގެ ރައީސް ދެއްކެވި ވާހަކަތަކާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ވެރިން އަންނަނީ އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ. އަދި ބައެއް ޤައުމުތަކުގައި އެކަމާއި ދެކޮޅަށް މުޒާހަރާތައް ކުރަމުން އަންނައިރު، ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ