ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ނެންގެވުމަށް އިނގިރޭސި ވިލާތަށް ތަހުގީގީ އިދާރާތަކުން ދިއުމަކީ ތާއީދު ކުރައްވާ ކަމެއްނޫންކަމަށް އަދާލަތު ޕާޓީގެ އިލްމު ވެރިންގެ މަޖިލީހުގައި ހިމެނޭ ޝައިޚު ޒައިދުއާއި، ޑރ.އިޔާޒުވެސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާއާއި ގުޅިގެން އެމަނިކުފާ ވަނީ ބަޔާން ދެއްވަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ފުލުހުންނާއި ޕީޖީ ގެންދަވަނީ އެމަނިކުފާނުގެ ބަޔާން ނެންގެވުމަށް އިނގިރޭސިވިލާތަށް ދިއުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރައްވަމުންނެވެ.
މިކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ، އެންމެ ފަރުދެއްގެ ބަޔާން ނެގުމަށް ތިވަރުގެ ބޮޑު ޚަރަދެއް ކުރުމަކީ ވަރަށް ބޮޑު އިސްރާފެއްކަމަށެވެ. މިޒަމާނުގައި އޮންލައިންކޮށްވެސް މިފަދަ ކަންކަން ކުރެވޭނެ ވަސީލަތްތައް ތަނަވަސްވެފައިވާކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
އެންމެ ފަރްދެއްގެ ބަޔާން ނެގުމަށް ތިވަރުގެ ބޮޑު ޚަރަދެއް ކުރުމަކީ ވަރަށް ބޮޑު އިސްރާފެއް. މިޒަމާނުގައި އޮންލައިންކޮށްވެސް ތިކަން ކުރެވޭނެ ވަސީލަތްތައް ތަނަވަސްވެފައިވޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ވަކި އެންމެ ފަރުދެއްގެ ބަޔާނެއް ނެގުމަށް އިނގިރޭސި ވިލާތަށް މިހާލަތުގައި ދާން ނުޖެހޭކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ މާލިއްޔާއަށް ބޮޑު ގެއްލުމެއް ލިބިފައިވާ މިހާލަތުގައި ބޭކާރު ޚަރަދު ނުކޮށް އިސްރާފު ނުވާނޭހެން ހުރިހާ އިދާރާއަކުން މަސައްކަތް ކުރަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ. އަދި މިބަޔާނަކީ ވަކީލެއް މެދުވެރިކޮށްގެންވެސް ނެގޭވަރުގެ ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
އެންމެ ފަރުދެއްގެ ބަޔާން ނެގުމަށް ޕީޖީ އާއި ޕޮލިސް ބޮޑު ޚަރަދެއް ކުރަންޖެހޭތޯ؟ ކޯވިާއި ގުޅިގެން ދައުލަތުގެ މާލީ އެތައް ދައްޗެއް އޮތްއިރު، ދައުލަތުގެ ބޮޑު ޓީމެއް އިނގިރޭސި ވިލާތަށް ދާންޖެހޭތޯ؟ ވަކީލެއްގެ އެހީގައި ބަޔާން ހުށަހެޅޭނެ ނޫންތޯ؟ އިސްރާާފު ނުކުރައްވާ.
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ ފަރުވާއަށް އިނގިރޭސި ވިލާތުގައެވެ. އެމަނިކުފާނުގެ ޤާނޫނީ ޓީމުން އިއްޔެ ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ ރައީސް ނަޝީދުގެ މިމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ބަޔާން ދެއްވަން ތައްޔާރަށް ހުންނެވިކަމަށެވެ. މިހަމަލާ ހިނގަދިޔަ ގޮތާއި، ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގައި ރައީސް ނަޝީދުގެ ބަޔާނެއް ދެއްވަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.
ރައީސް ނަޝީދު ބަޔާން ދެއްވަން ބޭނުން ވުމުން، ފުލުހުންނާއި ޕީޖީވަނީ ބަޔާން ނެގުމަށް އެނގިރޭސިވިލާތަށް ދިއުމަށް މަޝްވަރާކޮށްފައެވެ. އަދި މިކަމުގައި ވަރަށް އަވަހަށް ރައީސް ނަޝީދު ބަޔާން ނެގުމަށް ތަހުގީގު ޓީމެއް އިނގިރޭސި ވިލާތަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ދަތުރު ކުރަން ހަމަޖެހިފައިވާ ސީދާ ތާރީހެއް ސާފެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ