މާލޭގެ މީހުންނަށް ހުޅުމާލެ އިން ހިލޭ ގޯތި ދިނުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މުއްސަނދިންނަށް ހުޅުމާލެ އިން ގޯތި ވިއްކަން އުޅުމަކީ މާލޭގެ މީހުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފޭސް 2 ހިއްކައި އެބިން ބިނާކުރުމަށް ޕްލޭން ކުރެއްވީ މާލޭގެ ރައްޔިތުންނަށް ހިލޭ ބިން ލިބޭނެ ގޮތަކަށް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ސަރުކާރަށް ގޮވާލަން މި ނިންމުން މިހާރުން މިހާރަށް ބަދަލުކުރުމަށް. މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ހިލޭ ގޯތި ލިބެންޖެހޭ.
– މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ހަމައެކަނި ވިޔަފާރި އުސޫލުން ވިސްނުމުގެ ބަދަލުގައި އާންމު ރައްޔިތުންގެ ވިސްނުމުން ވިސްނައި އެ މީހުންނަށް ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަން ޖެހޭ ކަމަށެވެ.
އެގޮތަށް ވިިދާޅުވުމުން އެއީ ހެޔޮ ނިޔަތުގައި ދެއްކެވި ވާހަކައެއް ނޫން ކަމަށް ވެސް ބަޔަކު ބުނެފާނެ ކަމަށާއި އެކަމަކު އެ ވާހަކަ ދެއްކެވީ އެގޮތަށް އެކަން ކުރެވޭނެތީ ކަމަށާއި އެގޮތަށް ކުރުމުން ރައްޔިތުން ވެސް ފައިދާ ވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި، ގުޅީފަޅުން މާލޭ ރައްޔިތުންނަށް ގޯތިދެވިދާނެގޮތުގެ ޕްލޭ ހުށަހެޅުއްވިއެވެ. މޭޔަރ ވިދާޅުވީ މި ކަމުގައި ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްބާރުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މި ބައްދަލުވުމުގައި ގޯތިގެދޮރާބެހޭގޮތުން ވަކާލާތުކުރުމަށް އުފެދިފައިވާ ޖަމިއްޔާތަކާ ޖަމާޢަތްތަކުން ބައިވެރިވެ ޚިޔާލާއި ޝުޢޫރުތައް ފާޅުކުރިއެވެ. އަދި ރައްޔިތުންގެ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދިމާވެފައިވާ ހިތްދަތިގޮތްތައް ބަޔާންކޮށް ގޯތިގެދޮރުގެ ހައްގު މާލޭ ރައްޔިތުންނަށް ލިބެން ޖެހޭނެކަން ބަޔާންކުރިއެވެ.
ކޮމެންޓު ފޮނުވާ