ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2021 01:44
0

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި ޤާއިމުކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު އެއްމަހަށް ދަމަހައްޓައިފިއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރެފައިވާ ޤަރާރުގައި ވަނީ ކޯވިޑްއާ ގުޅިގެން ރާއްޖޭގައި އޮތް ޙާލަތު ރަނގަޅުކުރުމަށް އަޅަންޖެހި ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ޢިއުލާންކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ވަނީ ދަމަހައްޓާފައެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާއްމު ސިއްޙާތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރެވޭނީ އެންމެ ދިގުވެގެން މަހެއްގެ މުއްދަތަކަށެވެ. މިގޮތުން މިއީ މިޙާލަތުގައި މިމުއްދަތު އިތުރުކުރި 19 ވަނަ ފަހަރެވެ. އެންމެފަހުން ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހުގައެވެ.

މިޙާލަތުގައި ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދެއެވެ. އެގޮތުން ކޯވިޑްއިން ރައްކާތެރިވުމަށް ރަށްރަށުގައި އާއި މާލޭގައި އުސޫލުތައް ކަނޑައަޅާ ތަންފީޒީ އިދާރާތަކަށް އެނގުމަށް ޑީޖީގެ މައްޗަށް ލާޒިމުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.