ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުންކަން އިތުރަށް ޔަގީންވެއްޖެ: އަދުރޭ

ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުންކަން އިތުރަށް ޔަގީންވެއްޖެ: އަދުރޭ

Author
މުޙައްމަދު ޖިމީ
28 އޮކްޓޯބަރ 2020 10:11
0

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޢާންމުންގެ ޚިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލްގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިންނަށް ރައީސް ނަޝިދު ދެއްވި ބިރުވެރި އިންޒާރެއްކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

2012ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އިންތިޤާލީ އިންސާފުގެ ބިލަށް އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލްގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާތީ ގިނަބަޔަކު އަންނަނީ އެކަމަށް ކިޔަމުންނެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިވަގުތު ހިންގެވުމާ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މިއީ އިސްލާމް ދީނަށް ލޯބިކުރާ ދިވެހިންނަށް ރައީސް ނަޝީދު ދިން ބިރުވެރި އިންޒާރެއްކަމަށާއި، ޝަހިންދާ އަކީ މި ސަރުކާރުގެ ލާދީނީ އެޖެންޑާ ތަންފީޒު ކުރުމުގެ މުހިންމު ބައިވެރިއެއްކަން ކަށަވަރުކޮށްދީފައިވާކަމަށެވެ. އަދި ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުންކަން އިތުރަށް ޔަގީންކޮށްދިން ހެއްކެއްކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި އާންމުންގެ ޚިޔާލް ހޯދުމުގެ ފޯރަމުގައި ޝަހިންދާ ވަނީ މިބިލަށް އިތުރުކުރަންޖެހޭ ކަންކަމާއި، އިންސާފު ގާއިމްކުރުމުގައި ހުރި ހުރަސްތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ޖަރުމަންވިލާތުގައި މި ވަގުތު ހުރި ޝަހިންދާ އަށް އޯޑިއޯ ކޮންފެރެންސްކޮށް ފޯރަމުގައި ބައިވެރިވުމަށް ދިން ފުރުސަތުގައި އޭނާ ދެއްކި ވާހަތަކަކީ މިބިލްގެ ކޮމިޓީ މަރުހަލާއަށް ބޭނުންތެރި މުހިންމު ވާހަތަކެއްކަމަށް ޕެނަލްގައި ތިއްބެވި ހަސަން ލަތީފާއި، އިމްތިޔާޒު ފަހުމީ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރުން ކަމަށްވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމްއަށް ފުލުހުން ނޯޓިސް ފޮނުވުމުން، ރައްކަތެރި މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ބުނެ ފުލުހުންނަށް ހާޒިރުވާން އެދެމީހުން ވަނީ އުޒުރުވެރިވެފައެވެ.

އެމްޑީއެން ރިޕޯޓު މައްސަލަ ފެންމަތިވުމުން އެ ޖަމިއްޔާ އުވާލުމަށާއި އެ ރިޕޯޓު އެކުލަވައިލި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެތަށް ބަޔަކު ދަނީ ގޮވާލަމުންނެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގެ ކައުންސިލްތަކުން އެކަމާ ދެކޮޅަށް ބަޔާން ނެރެ މާލެ އާއި ގިނަ ރަށްތަކުގައި ވަނީ މުޒާހަރާކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.