ނާސިގެ ހަދަން ގޮވާލައި މަޖިލީހުގައި ބަހުސް ނުކުރެވޭނެ: ނަޝީދު

ނާސިގެ ހަދަން ގޮވާލައި މަޖިލީހުގައި ބަހުސް ނުކުރެވޭނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2020 09:29
0

ރާއްޖޭގައި އިސްލާމްދީނުގެ އަސްލުތަކައި އުސޫލުތަކާއި ޤާނޫނު އަސާސީއާއި، ޚިލާފަށް މަޖިލީހަށް ޤަރާރު ހުށަހަޅައިގެން ބަހުސް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ރައްޓެހިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަަސަން ލަތީފް ހުށަހެޅުއްވި ޤަރާރާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ މިއީ ޤާނޫނު އަސާސީ ތަންދޭ ޤަރާރެއް ނޫންކަމަށެވެ.

ނަޝީދު ވިދާޅުވީ ލަވައާއި މިޔުޒިކަކީ 25 ވަނަ ގަރުނުގެ ތެރޭގައި ދިވެހި ގިނަ ދީނީ އިލްމުވެރިން ހަރާމްކަމެއްކަމަށް ބުނަމުންދާއިރު، މިފަދަ ކަމެއް ކުރުމަށް މަޖިލީހަށް ޤަރާރު ހުށަހެޅުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ.

ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަަސަން ލަތީފް ހުށަހަޅުއްވި ޤަރާރުގައިވަނީ ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއްކަމަށެވެ. މާލޭގައި އޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުޞަތުތަކުގެ މަދުކަމުގެ މައްސަލަތަކާއި، ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައި ވުންކަމަށެވެ. މާލޭގެ މިހުރިހާ ކަމެއް މިމޭރުމުން ހިނގަމުންދާއިރުވެސް، އަދި ސަރުކާރުން މިއެންމެހައި ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނައިރުވެސް، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް މިވަނީ ގޮތްތަކެއް  ހޯދާދޭން ޖެހިފައިކަމަށް މި ޤަރާރުގައި ބުނެފައިވެއެވެ.

ޒުވާނުންގެ އެ މުހިއްމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނޭ ކަންކަން ކަމުގައިވީ ހިނދު، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ރައްޓެހިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހަސަން ލަތީފް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.