ހެލްތު މިނިސްޓަރުގެ މަޤާމަށް މިމަހުގެ 22 ވަނަވަހު އައްޔަން ކުރައްވާފައިވާ އަހުމަދު ނަސީމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިނިްވަރު ބަލާކޮމިޓީއަށް ފޮނުވައިފިއެވެ.
މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވީ މިމަހުގެ 22 ވަނަ ދުވަހުގައެވެ.
ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވި އަޙްމަދު ނަސީމްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވާފައެވެ. ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަންކުރައްވާފައި މިވަނީ ކުރިން އެމަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އެމަޤާމުން އިސްތިއުފާދެއްވުމުންނެވެ. އަމީން އިސްތިއުފާދެއްވާފައިވަނީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓުގައި ހުންނެވި އަމީން މަޤާމުން އިސްތިއުފާދެއްވާފައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް އޭސީސީން ތަޙްގީގްކުރި ރިޕޯޓް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިނަމަވެސް ދައުވާކުރެވެން ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލިފަހުންނެވެ.
ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.
އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ