އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ރަށުން ބޭރުގައި މެޗަކުން ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ޓީމުގެ ރެކޯޑް ޔުނައިޓެޑުން މުގުރާލައިފިއެވެ.
ވުލްވްސް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ޔުނައިޓެޑް ހޯދި މޮޅާއެކު، އެ ޓީމުން ވަނީ ލީގުގައި ރަށުން ބޭރުގައި ބަލިނުވެ 28 މެޗު ހަމަކޮށް ރިކޯޑު ހަދާފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އާސެނަލް އަތުގައެވެ. އެއީ 27 މެޗުން ބަލިނުވެ އެޓީމުން ހެދި ރެކޯޑެކެއެވެ.
ވުލްވްސް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދީ ވުލްވްސް ޓީމުންނެވެ. އެގޮތުން ވުލްވްސްގެ ޓްރިންކާއޯ އަށް ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތު ފާހަގަކޮށްލެވެއެވެ. ޓްރިންކާ ގޯލަށް ފޮނުވާލި ބޯޅަ ނުވަދެ ސަލާމަތްވީ ވެން ބިސާކާ ފައިން ޖައްސާ އެ ބޯޅަ ބޭރުކޮށްލުމުންނެވެ.
މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ 80 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑްއެވެ. މިއީ އޭނާ މި ސީޒަނުގައި ކާމިޔާބުކުރި 3 ވަނަ ލަނޑެއެވެ.
މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުން އެޓީމު ވަނީ 1-0 ގެ ނަތީޖާއަކުން ވަޓްފޯޑު ބަލިކޮށްފައެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް މިވަގުތު އޮތީ ލީގުގެ އެއްވަނައިގައެވެ. އަންނަ ހަފުތާ ލީގުގެ މެޗުތައް ނޯންނާނެއެވެ. އެއީ ފީފާގެ އިންޓަނޭޝަނަލް ބްރޭކެވެ.