2008 ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގަތް އާ ގާނޫނު އަސާސީން ގެނެސްދިން އެންމުހިން އެއް ބަދަލަކީ، ތިންބާރު ވަކިވެފަ އޮތް، ވެރިކަމުގެ ނިޒާމެކެވެ.
މިގޮތުން، ދިވެހިރާއްޖެ ބަލައިގަތް ޑިމޮކްރަޓިކް މި ނިޒާމުގައި ބާރުތަކުގެ ތިލަފަތް ހަމަކޮށް، އަދި ޒިންމާދާރު ކުރުމާއި ފާރަވެރިވުންވެސް (ޗެކް އެންޑް ބެލެންސް) ފުރިހަމަޔަށް މިނިޒާމުގެ ތެރޭގައި ގާއިމްކޮށްފައިވަނީ، ގާނޫނު އަސާސީން މި ތިންބާރުގެ އިންތަކާއި މިންތައް ވަރަށް ފުރިހަމަތަށް ވަކި ކޮށްދީގެންނެވެ.
މިގޮތުން، މިހާރު އަމަލު ކުރެވެމުންދާ ފެހި ގާނީނު އަސާސީގެ ފުރަތަމަ ބާބުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި އަދި 7 ވަނަ މާއްދާގައި ކަޑައަޅާ ބަޔާން ކޮށްފައިވާ، އިސްވެ ބަޔާން ކުރެވުނު، ދައުލަތުގެ 3 ބާރުގެ އިހުތިސާސްތައް، ގާނޫނު އަސާސީގައި ލިޔެވި ބަޔާން ކުރެވިފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.
ގާނޫނު ހެދުމުގެ ބާރު (ގާނޫނު އަސާސީގެ 5 ވަނަ މާއްދާ): ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލިހަށެވެ.
ވެރިކަން ހިންގުމުގެ ބާރު (ގާނޫނު އަސާސީގެ 6 ވަނަ މާއްދާ): މި ޤާނޫނު އަސާސީގައި ބަޔާން ވެގެންވާ ގޮތުގެމަތިން، ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ، ރައީސުލްޖުމުހޫރިއްޔާ އަށެވެ.
ޢަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު (ގާނޫނު އަސާސީގެ 7 ވަނަ މާއްދާ): އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.
ޤާނޫނު އަސާސީގައި ލިޔެވި ބަޔާން ކުރެވިފައިވާ، އިސްވެ ދެންނެވުނު ތިން މާއްދާއަށް ފުރިހަމަޔަށް ނަޒަރު ހިންގާލާއިރު، އެއްވެސް ޝައްކެއް ނެތް މިންވަރަށް އެގި ސާފުވެގެން ދަނީ، ދިވެހިން ބަލައިގެންފައި އޮތް ޒަމާނީ ޑިމޮކްރަސީ، ނަގަހައްޓާ، އަދި އެ ޑިމޮކްރަސީ ދިރި ދެމި އޮންނާނީ، މި ތިންބާރު އޭގެ އެންމެ ފުރިހަމަގޮތުގައި ހިމާޔަތް ކުރެވިގެން ކަމެވެ.
އަދި، ބާރުތައް ވަކިކުރެވިފައިވާ، ވެރިކަމުގެ ނިޒާމެއްގައި، މިއިން އެއްވެސް ބާރެއް ފުރިހަމަ ގޮތުހައި ހިގަމުން ނުދާނަމަ، އެޑިމޮކްރަސީއެއް އަރި އަޅާލާނެ ކަމީވެސް، ފެހި ގާނޫނު އަސާސީއަށް ނަޒަރު ހިންގާލުމުން ވަރަށް ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
ޝަރުޢީ ދާއިރާ، އަބަދުވެސް އިސްލާހު ކުރަންޖެހިފަ!
ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަން ނިމި، ދިވެހިން ބަލައިގަތް ޑިމޮކްރަޓިކް ވެރިކަމުގެ ތެރެއަށް އައި އެންމެ މުހިންމު އެއް ބަދަލަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް އައި ހެޔޮ ބަދަލުތަކެވެ.
މިގޮތުންވެސް ފާހަގަ ކޮށްލެއްވޭ އެންމެ މުހިންމު ބަދަލަކީ، ރައީސް މައުމޫނުގެ ދިގު 30 އަހަރުގައި، ދައުވާކުރުމާއި ޝަރީޢަތް ކުރުމުގެ ބާރުވެސް ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅުގައި އޮންނަ އޮތުމަށް ނިމުން އައިއައުމެވެ.
މިގޮތުން، ދައުލަތުގެ އުއްތަމަ ފަނޑިޔާރަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މީހެއްގެ ގޮތުގައި އޮންނަ އޮތުމަށް ނިމުން އައިސް، ޝަރުޢީ ނިޒާމުގެ ތެރެއަށް މިނިވަން އުއްތަމަ ފަނޑިޔާރަކު ވަޑައިގެން، އަދި ފަނޑިޔާރުން ޒިންމާދާރު ކުރުވުމަށް "މިނިވަން، މުސްތަގިއްލު" ކޮމިޝަނެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންވެސް ވުޖޫދުވެގެން އައި އައުމަކީ، އާ ގާނޫނު އަސާސީން ރާއްޖޭގެ ޝަރުއީ ނިޒާމަށް ގެނައި، އެންމެ މުހިންމު ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ހަމަ އެފަދައިން، ޝަރުޢީ ދާއިރާއަށް މުހިންމު، އެތަކެއް ގާނޫނުތަކެއް ވުޖޫދު ކުރެވި، ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރެވޭނެ އެތަކެއް އުސޫލުތަކާއި މިންގަޑުތައް އެކަށައެޅި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރެވޭނެ ގޮތްތައް ފުރިހަމަޔަށް ބަޔާން ކުރެވި، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ މުޅި ނިޒާމު، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ނަކަލް ކޮށްގެން، މިވަނީ ނުހަނު ފުރިހަމަޔަށް އަތުރާލެވިފައެވެ.
އެހެންކަމުން، ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބާރު ކަމުގައިވާ ޝަރުޢީ ދާއިރާއަށް އާގާނޫނު އަސާސީން ގެނެސްދިން ހެޔޮ، އަދި ޒަމާނީ ބަދަލުތަކާއެކު، ޝަރުޢީ ދާއިރާ ހިގަމުން އަންނަތާ 13 ވަރަކަށް އަހަރު ފާއިތުވެގެން ހިގައްޖެއެވެ.
އެހެންނަމަވަސް، ޒާމާނީ ޑިމޮކްރަސީއެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ޝަރުޢި ދާއިރާ، ހިގަމުން ކުރިއަރަމުން އައި ނަމަވެސް، މި ދާއިރާއާއި ގުޅޭގޮތުން ކުރެވެމުންދާ ޝަކުވާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. މި ޝަކުވާތަކާއި، އުދާސްތަކާއި އަދި މިދާއިރާއަށް އަމާޒުވަމުންދާ ނުރުހުމުގެ ބަސްތަކަށްވެސް، ކުޑަވެސް ފަޑުކަމެއް ފާއިތުވެދިޔަ ކުރު މާޒީގައި އައިސްފަައި ނުވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
އަދި މިއީ ހަގީގަތުގައިވެސް، ފާއިތުވެދިޔަ ކޮންމެ ސަރުކާރަކުންވެސް ކުރިމަތިލާންޖެހިފައިވާ، އަދި އެއްވެސް ސަރުކާރަކަށް ހައްލުކުރެވެފައި ނުވާ، ގައުމީ ނަޒަރަކުން ވިސްނާ މިއަދު ހައްލު ހޯދަންޖެހިފައިވާ ބޮޑު މައްސލައެއް ކަމުގައި ނޫނީ ނުވާނެކަމީ، ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން، އެތުރިފައިވާ ގޮތަށް އެއްވެސް ދައުރަކު ބަދަލެއް ނައި
ފަނޑިޔާރުގެ ތަކަކީ، ޚުދު ގާނޫނު އަސާސީންވެސް ނުހަނު ބޮޑެތި ބާރުތަކެއް ލިބިދީފައިއިވާ، ދައުލަތުގެ މުހިންމު މުވައްސަސާތަކެކެވެ.
އަދި ފަނޑިޔާރުންނަށް ޝަރީޢަތްކުރުމުގެ ބާރު އެންމެ ފުޅާ ދާއިރާއެއްގައި ދިނުމުގެ ގޮތުން، ފަނޑިޔާރުންގެ މައްސަލަތައްވެސް ސީދާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހާ ހަމައަށް އައުމުގެ ބަދަލުގައި، ނުވަތަ، އަބަދުވެސް ރައްޔިތުންގެ މަޖިލިހަކީ، އެތަނެއްގައި އިންތިހާއަށް ސިޔާސީ ކުލަ ޖެހިފައި އޮންނަ ތަނަކަށް ވާތީ، ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަތަލަށް ސީދާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހާ ހަމައަށް އަންނަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީގައި ބައްޓަން ކުރެވިފައި އޮތީވެސް، ފަނޑިޔާރު ގެތަކަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި މިނިވަންކަމާއި ބާރު ލިބިދިނުމުގެ ގޮތުންވެސް މެއެވެ.
މާނައަކީ، ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ނިންމެން އަންނަނީ، އެ ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލުމަށްފަހު، އެކޮމިޝަނުން އަންގާ އެންގުންތަކެއްގެ މައްޗަށެވެ.
އަދި މިގޮތުން، ފަނޑިޔާރު ގެތަކަކީ، ޝައީއަތް ކުރުމުގެ އެންމެހާ ބާރުތައް ސީދާ ގާނޫނު އަސާސީން ލިބިދީފައި އޮންނަ މުވައްސަސާތަކަށް ވެގެން ދާއިރު، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، މިއީ އަބަދުވެސް ދެފަރާތެއްގެ މެދުގައި އުފެދިފައި އޮންނަ ކޮންމެވެސް ދެބަސްވުމެއްގައި، ގޮތް ނިންމާ، ފައިސަލާ ކުރަންޖެހޭ މުވައްސަސާ ކަމެވެ. އެހްނެކަމުން، މިބީދައިން ބަލާއިރު، ހިނގާ ކޮންމެ ޝަރީއަތެއް، ކޮންމެ ގޮތަކަށް ނިމިގެން ދިޔަނަމަވެސް، ކޮންމެވެސް އެއްފަރާތުގެ ހިންހަމަ ނުޖެހުން ގާޒީއަށް، ފަނޑިޔާރުންނަށް، ނުވަތަ ފަނޑިޔާރު ގެއަށް އަމާޒުނުވެ ދިއުމަކީ މުސްތަހީލުކަމެއް ކަމުގައި ދެންނެވިދާނެއެވެ.
އެހެންނަމަވެސް، ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ ގޮތުން، ފަނޑިޔާރުން ޝަރީއަތް ކުރާގޮތުގެ ވާހަކަތަކާއި، އަދި ކޮށްފައި ހުރި ޝަރީއަތްތަކަށް ފާޑު ކިއުމުގެ ބަދަލުގައި، ގިނަބައެއްގެ އަމާޒު ހުއްޓިފައި ހުރީ، މުޅި ޝަރުއީ ނިޒާމު ހަމަ މަގަށް އަޅުވާ، އަދި ޒިންމާ ދާރުކުމުގެ އެންމެ މުހިންމު މަސްއޫލިއްޔަތެއް އުފުލަންޖެހޭ މުވައްސަސާ ކަމުގައިވާ ޖުޑީޝަލް ސާވިސް ކޮމިޝަންއަށެވެ.
މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން އެތުރިފައި އޮތް ގޮތް ކަމީ، މިދާއިރާގެ ތަޖުރިބާ ހުރި ހުރިހާ ފަރާތްްތަކުންވެސް، އަދި ސިޔާސީ ހުރިހާ ފަރާތްތަކުން ކަހަލަ ގޮތަކަށް ގަބޫލުކުރާ އެންމެ ބޮޑު އެއް ހަގީގަތެވެ.
އަދިއެއީ އިސްލާޙު ކުރާނެކަމަށް ވިދާޅުވެ ސިޔާސީ ފަރާތްތަކުން އެންމެ ގިނައިން ވެފައިވާ އެއްވައުދުކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ސިޔާސީ މީހުންނަށް ޝަރުޢީ ދާއިރާ ދުވަހަކުވެސް ރަގަޅެއް ނޫން
ޖުމްލަގޮތެއްގައި، ޝަރުޢީ ދާއިރާ އެތުރިފައި އޮތްގޮތުގެ ފުރިހަމަކަމާއި، އަދި ދިވެހިރާއްޖޭގައި މިހާރު ހުކުމް ކުރަން ތިއްބަވާ ފަނޑިޔާރުންގެ ފެންވަރުވެސް، ޖުމްލަގޮތެއްގައި ރަގަޅު ކަމުގެ ވާހަކަތަކަކީ ދެބަސްވެވެން ނެތް ހަގީގަތްތަކެވެ.
އެހެންނަމަވެސް ދިވެހިރާއްޖޭގައި މިއަދު މިއޮތް ހަލަަބޮލި ސިޔާސީ މަސްރަހުގައި، ކޮންމެ ބަޔަކުވެސް ހެދުނު އެއްޗެއް ހަދާ، ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތުގެ އެންމެ ބޮޑު ޝިކާރައަކަށް ވެގެން ގޮސްފައިވަނީ ޖުޑީޝަލުން ސާވިސް ކޮމިޝަން ކަމުގައި ދަންނަވަން ޖެހެއެވެ. ހަގީގީ ސަބަކީ، މިކޮމިޝަންގައި ސިޔާސީ ފަރާތްތަކަށް ތިބުމުގެ ފުރުސަތު އަދިވެސް ތަނަވަސް ވެފައި އޮންނަ އޮތުމެވެ.
އަދި، މިފުސަތު މިކޮމިޝަންގެ ތެރެއިން ސިޔާސީ ފަރާތްތަކުން ހާސިލްކުރަމުންދަނީ، ކޮމިޝަންގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އިންނަވާފައި، އަދި މަޖިލިހުން ކަނޑައަޅާ އެމަޖިލީހުގެ މެމްބަރަކުވެސް އެ ކޮމިޝަންގައި އިންނެވުމުގެ ފުރުސަތު ގާނޫނުތަކުން ފަހިވެފައި އޮންނަ އޮތުމުގެ ތެރެއިން ކަމީވެސް ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
އަދި އޭރުވެސް މިހާރުވެސް، އޭރަކު އޮންނަ އިދިކޮޅު ޕާޓީއަކުން، އެޕާޓީގެ ވެރިން ނުވަތަ އެކްޓިވިސްޓުންގެ މައްޗަށް ޝަރީއަތްތައް ހިނގައި އަދި ހުކުމްތައް އަންނަން ފެށުމުގެ އަބަދުވެސް ފާޑުކިޔަމުންދާ މުވައްސަސާއަކީވެސް ޖުޑީޝަލް ސާވިސް ކޮމިޝަންއެވެ.
އަދި މި ޖަޒުބާތުގެ މައްޗަށް، ވެރިކަމަށް އަންނަން ބޭނުންވި ހުރިހާ ފާޓީތަކުންނާއި އަދި ކޯލިޝަންތަކުންވެސް ފާއިތުވެދިޔަ ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި އެންމެ ގިނައިން ވެފައިވާ ރިޔާސީ ވައުދަކީވެސް، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބަދަލު ގެނެސް، ސިޔާސީ ނުފޫޒާ ޒާތީ ތައްސުބުން އެ ކޮމިޝަން އެއްކިބާ ކުރުމުގެ ރިޔާސީ ވައުދުކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
2013ގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ އިދިކޮޅު ޕާޓީން އޭރު ވެރިކަމަަށް އައީ، ޖުޑީޝަރީއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމުގެ ވައުދުތަކާ އެކީއެވެ. މީގެތެރޭގައިވެސް ހިމެނޭ އެންމެ މުހިންމު އެއް ވައުދަކަށް އޮތީ، ޖޭއެސްސީ ސިޔާސީ ނުފޫޒާ ބާރުން މިންޖު ކުރުމުގެ ވައުދުތަކެވެ.
އަދި ޕީޕީއެމްގެ ވެރިކަމުގައި، ވެރިން، ނުވަތަ އޭރުގެ ސަރުކާރުން ޖުޑިޝަރީއަށް އަތްބާނަމުން ދިޔަކަމުގެ ޝަކުވާ އެންމެ ހަރުއަޑުން ކުރި ފަރާތްތައް މިއަދި މިތިބީ ޚުދު ޖުޑީޝަލް ސާވިސް ކޮމިޝަންގައެވެ. ޖުޑީޝަރީ އިސްލާހު ކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންކުރަން ޖެހޭކަމުގައި ވާހަކަ އެތައް ޕޯޑިއަމެއްގައި ދައްކަވާ، އަދި އެ ވައުދު މެނެފެސްޓޯގައި ލިޔެ، ވެރިކަމަށް އާދެވުމަށްފަހު، އެވާހަކަ ދެއްކެވި ބޭފުޅުން އަވަސްވެގަތީ، އުވާލާނެކަމަށް އެބޭފުޅުން ވައުދުވި، ޖޭއެސްސީގެ މަގާމްތަކަށް އަމިއްލަފުޅަށް ވަޑައިގެންވެމަށެވެ.
އެބޭފުޅުން މިއަދު ތިއްބެވީ، އިސްލާހު ކުރައްވާނެކަމަށް އަމިއްލަފުޅަށް ވަކާލާތު ކުރެއްވި ކޮމިޝަންގެ، އޭރު ފާޑު ވިދާޅުވަމުން ގެންދެވި މަގާމްތަކުގައިވެ. ދައުރެއް ނިމުމަކާ ދިމާލަށް މިސްރާބު ހިފާފައިވާއިރު، ޖޭއެސްސީ އިސްލާހު ކުރާނެކަމަށް ދެއްކެވި ވާހަކަތަކުގެ މަތިން މިއަދު ހަދާން ހުރިބަޔަކު ތިބިކަމަކަށް ގަބޫލުކުރަންޖެހޭ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.
ހަމަ އެއާއެކު، 5 އަހަރުގެ ދައުރެއް ފުރިހަމަކޮށް، މުޅި ޖުޑީޝަރީ، އޭރުއޮތް ޖޭއެސްސީގެ ބޭނުންކޮށްގެން މުށުތެރެއަށް ލީ ފަރާތްތަކުން އަނެއްކާވެސް ގޮވަމުންދަނީ އެބޭފުޅުންގެ ވެރިކަމެއްގައި ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރާނޭ ކަމުގައެވެ.
ރައީސް ޔާމީނަށް ބޭއިންސާފުން ހުކުމް ކޮށްގެން ކަމަށް ވިދާޅުވެ އެތައް ޝަކުވާއަކާއި، އެތައް ޖަޒުބާތެއް މިއަދު އޮއްސަން މަޖުބޫރު ވެގެންދިއުމުގެ ހަގީގީ އަސްލަކީ، މިއަދު ޖުޑިޝަރީ ގޯސްވެގެން އެވާހަކަ ދައްކަވަމުން ގެންދަވާ ބޫފުޅުންނަށް އެވިދާޅުވާ އިސްލާހީ ބަދަލުތައް ގެނައުމަށް ފުރުސަތު ލިބި، އެހެންނަމަވެސް، ވިދާޅުވާ އިސްލާހީ ހެޔޮ ބަދަލުތައް އޭރު ގެންނަވާފައި ނުވުމުގެ ނަތީޖާއެވެ.
މިއަދު، މަގާމްތަކުގައި ތިއްބެވި ފަރާތްތަކުންވެސް، މާދަމާ އަނެއްކާވެސް، ހަމަ މިޖުޑިޝަރީ މިނިވަންކުރަން ޖެހޭކަމުގެ ވާހަކަތައް ހަމަ މިބީދައިން ދައްކަން ޖެހިދާނޭ ކަމީ، ވަގުތު ފާއިތުވުމުގެ ކުރިން، މާޒީ ވެދިޔަތަނުން ހާސިލް ކޮށްލުން އެންމެ ރަގަޅު އިބުރަތަކަށް ވެދާނެއެވެ.
One Response
ރައިސްސޯލިހުއައްއަދުލުއިންސާފުއިގިލަތްވާތޯއޭ.،ނިކައްވިސްނާބަލަ.،އަދުއިއްސާފުގާއިމުކޮއްދޭނަމޭކިޔާގެއްރަތްޔިތުއްގުބޯހައްދަ ވާގެއްމީހުއްގެފިކުރާކުޅެލާގއްމަކަރާހީލަތުއްވޯޓުތަކައްއައްބާނާއޮޅުވާލާއަދިއެވަރުއްނުފުދިގެއްހުރިހާމުއާސަލާތަކައްނުފޫޒުފޯރުވާގެއްވެރިކަމައްއާއިރުގަރައިސްސޯލިހު،މާޢްﷲމަތިއްހަދުމަފުޅުނުވަ.ނީތޯއޭ.،ރައިސްސޯލިހުއާ.،ރައިސްނަސީދުދެޅިޔަނުއްވެގެއްތިޔައުޅެނީމިދިވެހިގައުމުއިއްޑިއާއަށްވިއްކާލާފަރަތްޔިތުއްބަޑައްޖައްސާފަމިގައުމުދޫކުރައްވާފަފިލާގެއްދާކަމައްހޭ.،.،އަޅުގަންޑުމިގޮވާލަނީރަތްޔިތުއްނޭރަގަޅައްނިދިފިލާހޭލާގެއްތިބޭތި.،.،ތިއަޅާބުރިޖުއަޅާނިމޭއިރުމިގައުމުއޮއްނާނީކޯމާއެއްގެތެރޭގަ.،.،.،ރައިސްސޯލިހުމިހާރައް.،އިސްތިއުފާދެއްވާ.،.،ދޮގުވެރި.،މަކަރުވެރިރައިސޝޯލިހު