ރައީސް ޔާމީނަށް ކުރެވުނު ހުކުމަކީ ނުހައްގު ސިޔާސީ އަނިޔާއެއްކަން ހާމަވަމުންދާކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ ރަހީނުކޮށްގެން ކަމަށް އެމަނިކުފާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވުމާއި ގުޅިގެންނެވެ. ފަނޑިޔާރު މިހެން ވިދާޅުވީ، ލީކުވެފައިވާ އޯޑިއޯއެއްގައެވެ.
ގައްސާން ވިދާޅުވީ، ރައީސް ޔާމީނަށް ކުރެވުނު ހުކުމަކީ ނުހައްގު ސިޔާސީ އަނިޔާއެއްކަން ހާމަވަމުންކަމަށާއި، އެމަނިކުފާނު މިނިވަންކުރަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާކަމަސެވެ.
2023ގައި ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން އިންތިޚާބު ކުރާނަން އިންޝާﷲ.
– ޣައްސާން މައުމޫން
ޢާންމުވެފައިވާ އޯޑިއޯގައި ރަހުމަތްތެރިޔަކާއިއެކު ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅު ޤާޟީ ވަނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުންކަމަށެވެ. ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
ކުރިމަތިވި ހާލަތުގައި ޔާމީންގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްގެން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ. އެއީ ހުކުމް ނުކޮށްފިނަމަ ޔާމީނަށް އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށްވެސް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
މިފަދައިން ފާއިޒް ވިދާޅުވެފައިވާއިރު، ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކުރަން ތަޢާވަލުކޮށްފައިވަނިކޮށް އެމައްސަލަ ފުރަތަމަ ބެއްލެވި އެކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ސަސްޕެންޑްކުރުމަށްފަހު ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.
ކޮމެންޓު ފޮނުވާ