ރައިސް ޔާމީންއަށް ކޮށްފައިވާ ޙުކުމަކީ ހަރާމް ހުކުމެއްކަން ރައްޔިތުން ކުރިންވެސް އޮތީ ނިންމާފައިކަމަށާއި، ދައުލަތް ތާރިހު ކުރެވެން އޮތީ ރައްޔިތުން ނުކުމެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން ލަޠީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ސެމްބެ މިހެން ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް އެމަނިކުފާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވުމާއި ގުޅިގެންނެވެ. ފަނޑިޔާރު މިހެން ވިދާޅުވީ، ލީކުވެފައިވާ އޯޑިއޯއެއްގައެވެ.
އެކަމަށް އިޝާރާތްކުރައްވާ މެންބަރު ސެމްބެ ވިދާޅުވީ، ރައީސް ޔާމީނަށް ކުރި ޙުކުމް އަކީ ހަރާން ހުކުމެއްކަން އޭރުވެސް ރައްޔިތުން އޮތީ ނިންމާފައިކަމަށެވެ. ފަނޑިޔާރުން އެތިއްބެވީ ސަރުކާރުން ދިން ހަދިޔާގައި ހިފައިގެން ހަޑިވެފައިކަމަށާއި، ދައުލަތް ތާހިރު ކުރެވެން އޮތީ ރައްޔިތުން ނުކުމެގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރުން އެތިއްބެވީ ސަރުކާރުން ދިން ހަދިޔާގައި ހިފައިގެން ހަޑިވެފަ. ދައުލަތް ތާހިރު ކުރެވެން އޮތީ ރައްޔިތުން ނުކުމެގެން. ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލަން.
– މެންބަރު ހުސައިން މުޙައްމަދު ލަޠީފް
ޢާންމުވެފައިވާ އޯޑިއޯގައި ރަހުމަތްތެރިޔަކާއިއެކު ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅު ޤާޟީ ވަނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުންކަމަށެވެ. ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
ކުރިމަތިވި ހާލަތުގައި ޔާމީންގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްގެން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ. އެއީ ހުކުމް ނުކޮށްފިނަމަ ޔާމީނަށް އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށްވެސް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
މިފަދައިން ފާއިޒް ވިދާޅުވެފައިވާއިރު، ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކުރަން ތަޢާވަލުކޮށްފައިވަނިކޮށް އެމައްސަލަ ފުރަތަމަ ބެއްލެވި އެކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ސަސްޕެންޑްކުރުމަށްފަހު ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.