ރާއްޖޭގެ ސަރުކާރުގެ ތެރެއިން މިހާރު ފެންނަމުންދަނީ އަނދިރި ދައުތަލުން ފެންނަމުންދާ ސިފަތައް ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމުމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ މިފެނިގެންދަނީ ސަރުކާރުން ހުރިހާ ކަމެއް ފޮރޮވަން ކުރާ މަސައްކަތް ކަމުގައެވެ. މިސަރުކާރުގައި ހާމަކުރަންޖެހޭ އެއްޗެއްނެތި ހުރިހާ އެއްޗެއް ފޮރުވުމަށް ކުރަމުންދާ މަސައްކަތް މިއަދު ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު މުޅި ދައުލަތް ވަކި ބަޔަކު، ނުވަތަ ވަކި ޤައުމަކުން ބޭނުންހާ ގޮތަކަށް ހަދަން ދޫކޮށްލާފައިވާ މަންޒަރު ފެންނަމުންދާކަމީ ހިތާމަހުރިކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމައި ސިޔާދަތާއި އިސްތިޤުލާލަށް އޮތް ބޮޑު ނުރައްކަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންތާކު މި ޖެހުނީ ހުސެއިން ފިޔާޒް؟ ހާމަ ކުރަންޖެހޭ މަޢުލޫމާތެއް މި ސަރުކާރުގައި އެބަ ހުރިބާ؟ ދިވެހިންނަށް މިހާރު މި ފެންނީ އަދިރި ދައުލަތަކުން ފެންނަމުންދާނޭ ސިފަތައް. މުޅި ދައުލަތް މި އޮތީ އެޅިހައި ބަތަކަށް ރިހަވެފައި. އިބްރާހިމް މުހައްމަދު ޞާލިހު، މަނިކުފާނު ކީހާ ޅެން ފަރިއްސަށްވެ ނިމުނީ ދޮއްތޯ؟
– އަބްދުއްރަހީމް އަބްދުﷲ
މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގަ އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ.
އަދި އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ހާމަކޮށްފައި ވަނީ މި މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި ކަމާ ގުޅޭ ފަރާތްތަކުން ދެއްކި ގާނޫނީ ހުއްޖަތްތަކަކީ ބަލައިގަނެވޭނެ ހުއްޖަތްތަކެއްގެ ގޮތުގައެވެ. ނަމަވެސް މި ނިންމުމާމެދު ދިޔަރެސް އިން ހިތަހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ