ހަމަލާއަށް ފަންޑުކުރި ކަމުގެ އެއްވެސް މައުލޫމާތެއް އަދި ސާފެއްނުވޭ: އަފީފް

ހަމަލާއަށް ފަންޑުކުރި ކަމުގެ އެއްވެސް މައުލޫމާތެއް އަދި ސާފެއްނުވޭ: އަފީފް

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2021 08:29
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރިކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ސާފުވެފައި ނުވާކަމަށް މިހަމަލާގެ ކަންކަން ގާތުން ބެލުމަށް އެކުލަވާލާފައިވާ އެމްޑީޕީގެ މެއި 6 ކޮމެޓީގެ ޗެއާ ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެއި 6 ކޮމިޓީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަންޑު ކުރިކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ކޮމެޓީއަށް ލިބިފައި ނުވާކެމަަށެވެ. ނަމަވެސް މިއަދު ފުލުހުންނާއިއެކު ބައްދަލުވުމެއް އެބައޮތް ކަމަށާއި، މިބައްދަލުވުމުން ގިނަ ކަންތައްތަކެއް އޮޅުންފިލުވުމަށް މަސައްކަތް ކުރައްވާނެކަމަށް އަފީފް ވިދާޅުވިއެވެ.

އަޅުގަނޑުމެންނާއި އެންމެ ފަހުން ބައްދަލުކުރި ހިސާބާއި ހަމަޔަކަށް އަދި މިކަމުގައި ފަންޑުކުރި އެއްވެސް ފަރާތެއް އަޅުގަނޑުމެންނަށް ސާފު ކުރެވިފަކާއެއްނެތް. އަދި އެބޭފުޅުންނަށް އަޅުގަނޑުމެންނަށް މިމަޢުލޫމާތު ދެއްވާފައިނެތް މިކަމުގައި.

– އަފީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ފުލުހުންގެ ފަރާތުންވެސް އަދި ކަމާއި ގުޅިންހުރި އެހެން އިދާރަތަކުންވެސް ސާފުވެފައިވަނީ 4 މީހަކަށް ދައުވާ ކޮށްފައިވާ ކަމުގެ މައުލޫމާތުކަމަށެވެ. އަދި އެމަނިކުފާނަށް އެކި ފަހަރު މަތީން ފާރަލަމުންދާ މީހުންނާއި، އެމީހުންގެ މައުލޫމާތާއި، އެމީހުން ހައްޔަރު ކުރެވިފައިވާ ކަމެއްވެސް، ނޫންކަމެއްވެސް އަދި ސާފު ނުވާކަމަށް އަފީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައި ނުގެން ހުންނަވަނީ އެމަނިކުފާނަށް އޮތް ނުރައްކާތެރިކަން އަދިވެސް އޮތުމުންކަމަށެވެ. މިހާރުވެސް ސޯޝަ މީޑިއާގައާއި އެނޫން ގޮތް ގޮތުންވެސް އެމަނިކުފާނަށް މަރުގެ އިންޒާރުދީ ހަދަމުންދާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އެހެންކަމުން މިހާލަތަކީ އަދި އެމަނިކުފާނަށް ނުރައްކަލެއް ނެތް ހާމަލެއްކަން ބުނެވެން ނެތްކަމަށް އަފީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ނުރައްކަލެއް ނެތްކަމަށް ބުނެވޭކަށް ނެތް އަދި. މިހާރުވެސް އެމަނިކުފާނަށް ގެންދަނީ އެކި ކަހަަލަ އިންޒާރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެމުން.

– އަފީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާ އަކީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާއެއް ނަމަ އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އަދި މިފަދަ މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިރު މަޖިލީހުގެ ރައީސް ވަނީ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ މަޖިލީހަށް ސިޓީ ފުޅެއް ފޮނުވާފައެވެ. ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވީ އެމަނިކުފާނަށް ދިން ޙަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަޙްޤީޤު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާކަމެވެ. އެ ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށެވެ.

މަޖިލީހުގެ ރައީސް ވަނީ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާޞްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށް މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނައިރު މަޖިލީހުގެ އެންމެހައި ކަންކަން ޤާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ ނައިބު ރައީސް އިސްވެ ހުންނަވައި މަޖިލީހުގެ އިދާރާއިން ހިންގާނެކަމީ ހިތުގައި އެއްވެސް ޝައްކެއް އުފެދޭކަމެއްނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

މަޖިލީހަށް ފޮނުއްވި ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ ނުރުހިގެން ފޮނުވި ސިޓީއެއް ނޫންކަމަށްވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ބޭރުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގައި މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި، ޚާއްޞަ ގޮތެއްގައި އިންޓަރޕާލަމެންޓަރީ ޔޫނިއަންއާއި، ކޮމަންވެލްތު ޕާލިމަންޓަރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއެކު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މެއިމަހުގެ 6ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާކުރަން ހުށަހެޅި 4 މީހުންގެ މައްޗަށް ވަނީ 13 ދައުވާއެއް އުފުލާފައެވެ. ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.