ސިޓީން އާސެނަލް ކޮޅަށް 5 ލަނޑު ޖަހައިފި

ސިޓީން އާސެނަލް ކޮޅަށް 5 ލަނޑު ޖަހައިފި

Author
ޔޫސުފް
28 އޮގަސްޓް 2021 07:03
0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓަރ ސިޓީން އާސެނަލް ކޮޅަށް 5 ލަނޑު ޖަހައިފިއެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، އާސެނަލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ އާސެނަލް ކޮޅަށް 3 ލަނޑު ޖަހާފައެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ، އިލްކާއި ގުންޑޮގާނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ފެރާން ޓޮރޭސް ވަނީ ލަނޑެއް ޖަހައި، ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 35 ވަނަ މިނެޓުގައި އާސެނަލްގެ ގްރޭނިޓް ޝަކާއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އާސެނަލް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އެކަމުގެ ފައިދާ ނަގައި، 43 ވަނަ މިނެޓުގައި ސިޓީން ވަނީ ތިންވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ، ޖީސޫސްއެވެ.

ސިޓީގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ރޮޑްރީއެވެ. އަދި ފަސް ވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ފެރަން ޓޮރޭސްއެވެ.

މި މެޗުން އާސެނަލް ބަލިވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.