ބުރިޖުތައް އެޅުމަކީ އަދުގެ ދުނިޔޭގައި ހުރިހާ ގައުމެއްގައިވެސް ތަރައްގީއާއި ގުޅިފައިވާ، އިގްތިސާދީ މުހިންމު ވަސީލަތެކެވެ. މިގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި، އެގައުމުތަކަށް އައިސްފައިވާ ތަރައްގީ އެންމެ ފުރިހަމައަށް ތަމްސީލު ކޮށްދެމުން ދަނީވެސް، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް، އެއްގަމާއި ކަނޑުތައް ހުރަސްކޮށް އަޅާފައިބާ ރީތި ބޮޑެތި ބުރިޖްތަކުންނެވެ.
އަދި ގައުމުތަކުގައި ދަތުރުކުރުން ފަސޭހަ ކުރުމަށްޓަކާ އަޅާފައިވާ ބުރިޖްތަކާއި، ފްލައި އޯވަރތަކަކީ، ތަރައްގީގެ ރޮގުން ބަލާއިރު، ހަގީގަތުގައިވެސް އިގްތިސާދުތަކާއި ގުޅުންހުރި މުހިންމު ވަސީލަތަކަށް ވެގެންދަނީ، އެއީ އިގްތިސާދީ އެންމެ މުހިންމު ހަރަކާތް ކަމުގައިވާ ދަތުރު ފަތުރު ކުރުމާއި ގުޅިލާމެހިފައިވާ ވަސީލަތަކަށް ވާތީވެސްމެއެވެ.
އަދި ހަމަ އެފަދައިން، މިއަދު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއެކު، ބޮޑެތި މާކަނޑުތައް ހުރަސްކޮށް، މީގެކުރިން ބަޔަކަށް ހިތައްވެސް ގެނެވިފައިނުވާ ފަދަ ތަފާތު އެތައް ޑިޒައިނެއްގެ އުސް ބުރިޖުތައް ދުނިޔޭގެ ގައުމުތަކުގައި އަޅާފައިވާ ކަމުން ސާބިތު ކޮށްދެނީ، ބުރިޖުތައް އެޅުމަކީ، ކަމަށް ގާބިލް، ތަޖުރިބާއާއި ހުނަރާއި އަދި ވަސީލަތްތައް ހުރި ފަރާތްތަކަށް ވަރަށް ފަސޭހަކަމާއެކު ކުރެވިދާނެ ކަމެއްކަމެވެ.

އެ ސަރުކާރާ މިސަރުކާރުގެވެސް އެންމެ މުހިންމު ވައުދަކަށް ބުރިޖް އެޅުން!
2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވުމަށް ވީ އެންމެ މުހިންމު އެއް ވައުދަކީ، ހުޅުމާލެ ބުރިޖްގެ މަޝްރޫޢެވެ.
އަދި، 2013ގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ޕީޕީއެމްއިން، އެ އިންތިޚާބުގެ ކެމްޕޭނުގައި މި ވަދުއުދުވެ، ބުރިޖް މަޝްރޫޢު ނިމިގެން ދިޔައިރު، ބުރިޖް މަޝްރޫއުގެ ތެރެއިން ކޮރަޕްޝަންގެ އެތަކެއް ތުހުމަތުތަކެއް ކުރެވިގެންދިޔަ ނަމަވެސް، ފެންނާން އޮތް މަންޒަރަކީ އެ ސަރުކާރުން އެވައުދު ފުއްދާފައި އޮތް މަންޒަރެވެ. ހަމަ އެއާއެކު، 2018ގެ ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން، މަޝްރޫޢު ނިންމާ، ކުލަގަދަ ރަސްމިއްޔާތަކާއެކީ، ބުރިޖް ހުޅުވާ، އެއަށްފަހު އައި ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި މި ބްރިޖް ވެގެންދިޔައީ ރައީސް ޔާމިންގެ ކެމްޕޭންގެ އެންމެ މުހިންމު ހަތިޔާރު ކަމުގައެވެ.
އަދި ބެލެވޭ ގޮތުގައި ހަގީގަތުގައިވެސް، 2018ގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޔާމިންގެ ވެރިކަމުގައި އެޅި މި ބުރިޖު ވިއްކައިގެން ޕީޕީއެމްއިން ގިނަ އަދަދެއްގެ ރައްޔިތުންގެ ވޯޓު ހޯދާފައިވާކަމަށްވެސް މިއަދު ގަބޫލުރެވެއެވެ.
އެހެންނަމަވެސް ކަންދިމާކުރި ގޮތުން، އެއިންތިޚާބުގައި ޕީޕީއެމް ބަލިވެގެން ދިޔަނަމަވެސް، މިއަދުވެސް އެޕާޓީން ރައީސް ޔާމިންގެ އެންމެ ވަރުގަދަ ލެގަސީއެއްގެ ގޮތުގައި އެޕާޓީން އިސްތިހާރު ކުރަމުންދަނީ، ސިނަމާލެ ބުރިޖެވެ.
ނަތީޖާއެއްގެ ގޮތުން، 2018ގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޔާމީނާ ދެކޮޅަށް ނުކުން ކޯލިޝަންއިން ތައްޔާރުކުރި މެނިފެސްޓޯގައިވެސް ހިމަނާފައި އޮތް އެންމެ މުހިންމު އެއް މަޝްރޫޢަކަށް ވެގެންދިޔައީ ހަމަ ބުރިޖެއް އެޅުމަށް އެކޯލިޝަކުން ވީ ވައުދެވެ.
އެއީ މިއަދު އެއްބަސްވުމުގައި ސޮއިކުރި، އިންޑިއާގެ ކުންފުންޏަކުން އެޅުމަށް ހަމަޖެހިފައިވާ ވިލިމާލެ ބުރިޖެވެ.
ކުރީ ސަރުކާރުން އެޅުއްވި ބުރިޖުގެ ބޭނުން ކޮށްގެން 2018ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްވެސް އޭރު ގިނައަދަދެއްގެ ވޯޓު ހޯދާފައިވާކަމަށް ގަބޫލު ކުރެވޭއިރު، މިސަރުކާރުންވެސް ހަމަ ބުރިޖު އެޅުމަށް ވީ ވައުދުގެ މައްޗަށް އެތައްބަޔަކު އިތުބާރުކޮށް ވޯޓު ދީފައިވާނޭ ކަމީ، ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
އަދި، ޕީޕީއެމްގެ ވެރިކަމުގައި އެޅި ބުރިޖަށްވުރެ 3 ގުނަ ދިގު، އަދި މާ ބޮޑުތަނުންވެސް ފުޅާ، ތިލަމާލެ ބުރިޖްގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރެެވިގެން ދިޔައިރު، 2 އަހަރުގެ ތެރޭގައި ބުރިޖްގެ މަސައްކަތް ނިންމަން މިސަރުކާރުންވެސް އަމާޒު ހިފާފައިވި އެއް ސަބަބަކީ، ހަމަ މިއަޅާ ބުރިޖަކީވެސް، 2023ގައި ވޯޓު ހޯދުމަށް މިސަރުކާރުންވެސް ބޭނުންކުރާނޭ މުހިންމު ހަތިޔާރަކަށް ވާނެތީކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ކޮންމެއަކަސް، ބުރިޖް އެޅުން ވެގެން މިދަނީ، މިސަރުކާރަށް ހިންގުން ކޮންމެހެން މަޖުބޫރު މަޝްރޫއަކަށެވެ. ރައީސް ޔާމިންގެ ވެރިކަމުގައި އެޅި ބުރިޖް ފެންނަން ހުރެމެ، މިސަރުކާރަށްވެސް ބުރިޖް މަޝްރޫޢާއިގެން ކުރިޔަށް ނުގޮސް ވާންނެތްކަމީ، މިސަރުކާރުންވެސް ގަބޫލުކުރާ އެއް ސިޔާސީ ހަގީގަތްކަމުގައި ވެގެން ގޮސްފައިވުމީ ވަރަށްވެސް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

އިދިކޮޅު ފަރާތްތަކުގެ އޭރުގެވެސް، މިހާރުގެވެސް ބަހަކީ "ބުރިޖެއް ނޭޅޭނެ"
ރާއްޖޭގައި އެންމެ ފުރަތަމަ ބުރިޖެއް އެޅުމުގެ ވިސްނުން ތައާރަފް ކޮށްފައިވަނީ ރައީސް މައުމޫންގެ ދިގު ވެރިކަމުގައެވެ. އޭރު ރާއްޖޭގައި ބޭއްވިފައިވާ ރިޔާސީ އިންތިޚާބުތަކުގެ ރައީސް މައުމޫނުގެ ބައެއް ކެމްޕޭން ޕޯސްޓަރުތަކުގައި، ބުރިޖް އަޅާނެ ކަމުގެ ޝިއާރުތައް ފޮރޓޯތަކާއެކީ ބޭނުން ކޮށްފައި ހުއްޓެވެ. އަދި ޚުދު ރައީސް މައުމޫނުވެސް ބުރިޖު އެޅުމުގެ ވިސްނުން ތައާރަފްކޮށް، އޭރުގެ ބައެއް ކެމްޕޭންތަކުގައި އެވާހަކަ ދައްކަވާފައި ވެއެވެ.
އެހެންނަމަވެސް، ރައީސް މައުމޫނު ގެންގުޅުއްވި މި ވިސްނުމަށް އެންމެ ބޮޑަށް އޭރު ހަޖޫ ޖައްސަވާފައިވަނީ، ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އޭރު އެންމެ ބޮޑަށް ހަރަކާތްތެރިވަމުން ދިޔަ، ފަހުން 2008ވަނަ އަަހަރު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުއެވެ.
“Bridge eh neylheyne” – Sir @anedhivehirajje pic.twitter.com/XFFIKEyvku
— Pokman (@PokmanMV) July 11, 2020
މިގޮތުން ހުޅުމާލެއާއި މާލެއާއި ދެމެދު ބުރިޖެއް އެޅުމަށް ރައީސް މައުމޫން ގެންގުޅުއްވި ވިސްނުމަށް ހަޖޫ ޖައްސަވަމުން އޭރުގެ އިދިކޮޅުގައި ހަރަކާތްތެރި ވަމުން ވަޑައިގެންނެވި ނަޝީދު ވިދާޅުވެފައިވަނީ، ބުރިޖެއް ނޭޅޭނެކަމާއި، މާލެއާއި ހުޅުމާލެއާ ދެމެދު ބުރިޖެއް އަޅުއްވައިގެން ހައްދަވަން އުޅުއްވާކަމެއް ސާފުވެސް ނުވާކަމުގައެވެ.
އަދި އެކަމުގެ އިންޖިނިއަރިންއަކީ ކޮބައިތޯއާއި، އެމަޝްރޫޢަށް ފައިސާ ހޯއްދަވާނީ ކިހިނަކުންތޯވެސް ސުވާލު އުފައްދަވާ، އޭރު ރައީސް މައުމޫނުގެ އެވިސްނުމާއި އެންމެ ބޮޑަށް ދެކޮޅު ހެއްދެވީވެސް، މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ.
އެހެންނަަމެވސް، ނަޝީދަށްވެސް ރާއްޖޭގެ ވެރިކަން ކުރަން ލިބިވަޑައިގެންނެވި 3 އަހަރުގެ ތެރޭގައި ބުރިޖެއް އެޅުއްވުމަށް މަސައްކަތް ކުރެއްވިފައި ނުވިނަމަވެސް، މިމަސައްކަތަށް އަމަލީ ސިފަ ގެންނަވާ، ބުރިޖަކީ ރާއްޖޭގައިވެސް އެޅުއްވިދާނެ އެއްޗެއްކަން ސާބިތު ކޮށްދެއްވީ ރައީސް ޔާމިންއެވެ.
ހަމަ މިއާއެކު ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ، ރައީސް ޔާމިންގެ ވެރިކަމުގައި، ސިނަމާލެ ބުރިޖު އެޅުއްވުމުގެ މަސައްކަތް ފެށިގެން އައިރު، އޭރު އިދިކޮޅުގައި ތިބި ސިޔާސީީ ފަރާތްކުންނާއި އަދި އެމްޑީޕީގެ އެކްޓިވިސްޓުން ބުނަމުން ގޮސްފައިވަނީ، ބުރިޖެއް ނޭޅޭނެ ކަމުގައެވެ.
އަދި ބުރިޖުގެ މަޝްރޫއަކީ، ހަމައެކަނި ދައުލަތުން އުފުލަންޖެހޭނޭ ބޮޑު ދަރަންޏެއްކަމަށާއި، ޕީޕީއެމްގެ ސަރުކާރުން އަޅަން އޭރު މަސައްކަތް ކުރަމުންދިޔަ ބުރިޖް މަޝްރޫއަކީ އެއްވެސް ގޮތަކުން "ފީސިބުލް" މަޝްރޫއަކަށް ވެގެން ނުދާނެ ކަމުގައެވެ.
ހަމަ މިބީދައިން، މިސަރުކާރުންވީ ތަރައްގީގެ އެންމެ ބޮޑު ވައުދުކަމުގައިވާ، ތިލަމާލެ ބުރިޖްގެ މަޝްރޫއު ޑިޒައިންކޮށް އިއްޔެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރެވިގެން ދިޔުމަށްފަހުވެސް، އަދިވެސް، މިއަދުގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ބުރިޖް ނޭޅޭނެކަމުގައެވެ. އެހެންނަމަވެސް، މިއަދުގެ އިދިކޮޅު ފަރާތްތަކުން ހިސާބު ޖައްސަވަނީ، ކައިރީގަ އޮތް ވިލިމާލެ ހުރަސްކޮށް، ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލެވޭ ވަރުގެ ދިގު ބުރިޖެއްގެ ޓެކްނޮލޮޖީއާއި ގުޅޭގޮތުންނެެއް ނޫނެވެ.
މިއަދުގެ އިދިކޮޅު ފަރާތްތަކުން ބުރިޖެއް ނޭޅޭނެކަމަށް ވިދާޅުވެ ދައްކަވާ ވާހަކައަކީ، ބުރިޖު އެޅުމަށް ހަވާލުކުރި ކުންފުނީގެ ފަންނީ ގާބިްކަމާ ގުޅޭ ވާހަކަތަކެވެ. އަދި އަމުދުން، ބުރިޖް މަޝްރޫޢު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވަޑައިގަންނަވާފަ ނުވަނީ، ބުރިޖް، ސަރުކާރުން ވައުދުވި މިންވަރަށް ކުރިޔަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ނިންމިދާނެކަމާމެދު ޚުދު އެމަނިކްފާނަށްވެސް ޔަގީންކަމެއް ނެތިގެން ކަމުގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
ތިލަމާލެ ބުރިޖުގައި ސޮއިކުރި ރަސްމިއްޔާތަށް ރައީސް ޞާލިޙް ވެސް އަދި ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަޑައި ނުގަތުމަކީ އެ ޕްރޮޖެކްޓާ މެދު ޚުދު ރައީސް ޞާލިޙަށް ވެސް ޔަގީންކަން ނެތްކަމުގެ އަލިގަދަ ހެއްކެއް #ރައީސްޔާމީންމިނިވަންކުރޭ pic.twitter.com/nXdNIguttg
— Abdul Raheem Abdulla (@Banafsaa) August 26, 2021
ތަރައްގީ ވަޒަން ކުރަންވާނީ ތަރައްގީ ކުރަން ފުރުސަތު ދިނުމަށްފަހު!
ކޮންމެއަކަސް، އެސަރުކާރުގެވެސް އަދި މި ސަރުކާރުގެވެސް އެންމެ ބޮޑު އަދި، އެންމެ މުހިންމު މަޝްރޫއަކަށް ވެގެންދިޔައީ ބުރިޖް މަޝްރޫއެވެ. އެސަރުކާރަށް ބުރިޖެއް އަޅާދިނީ، އެސަރުކާރުގެ އެންމެ ބޮޑު މިތުރު ޗައިނާއިންނެވެ.
މި ސަރުކާރުން އަޅަން ސޮއިކޮށްފައިވަނީ، ކުރީ ސަރުކާރުން އެޅި ބުރިޖަށްވުރެ 3 ގުނަ ދިގު އަދި އެތައް ގުނައަކުން ފުޅާ ބުރިޖެކެވެ. މިސަރުކާރަށް ބުރިޖް އަޅާދެނީ، މިސަރުކާރުގެ އެންމެ ބޮޑު މިތުރު އިންޑިއާއިންނެވެ.
އެހެންކަމުން، ދެގައުމަކީވެސް، އުމްރާނީ ގޮތުންނާއި އަދި ޓެކްނޮލިޖީގެ ގޮތުން އަދުގެ ދުނިޔޭގައި ކުރިއަރާފައި ދެގައުމު ކަމަށްވާއިރު، މި ދެގައުމުންކުރެ ގައުމަކަށް، ނުވަތަ މި ދެގައުމުގެ ބޮޑެތި ކުންފުނިތަކަށް ބުރިޖެއް ނޭޅޭނަކަމަށް ބުނާ ބުނުމަކީ، އެންމެ ރަގަޅުވިސްނުމަކުން ވިސްނާފަ ބުނެވޭ ބުނުމަކަށް ނުވެދާނެއެވެ. އަދި ފަހަރެއްގައި ކަމުގެ ގާބިލްކަމުގަ ދޭދޭ ކުންފުނިތަކުގެ މެދުގައި ތަފާތުތަކެއް ހުއްޓަސްވެސް، ހަމައެކަނި ސިޔާސީ ޖަޒުބާތުގަ ބުރިޖެއް މިސަރުކާރަށް ނޭޅޭނަމަ ބުނުމަކީ އޭރުގެ އިދިކޮޅު ފަރާތަކުންވެސް ހަމަ ދައްކަމުން ދިޔަ ޒާތުގެ އެއްވާހަކައެކެވެ.

އެހެންނަމަވެސް ރައްޔިތުން މިތިބީ މިވާހަކަތަކަށް ކަނުލާ އަހާށެވެ. އަދި 2023 އާއި ހަމައަށް ދާއިރު، ގައުމުމަށް އައިސްފައިވާ ބަދަލުތަކާއި، ތަރައްގީ އައިސްފައިވާ މިންވަރާއި، މިހެންގޮސް މިފަދަ އެތައްކަމެއްގެ މައްޗަށް ނަޒަރު ހިންގައިގެން މެނުވީ އެއްވެސް ސަރުކާރެއްގެ ތަރައްގީ ވަޒަންކޮށް މިންކުރުމަކީ އިންސާފުވެރި ގޮތަކަށް ވާނޭކަމުގައި ނުބެލެވެއެވެ.
ކޮމެންޓު ފޮނުވާ