ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ދެކޮޅު އަޑުތައް ދަނީ ގަދަވަމުން! ނިޒާމު ބަދަލު ކުރުމަށް އޮތީ ކިހާވަރެއްގެ ތާޢީދެއް؟

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ދެކޮޅު އަޑުތައް ދަނީ ގަދަވަމުން! ނިޒާމު ބަދަލު ކުރުމަށް އޮތީ ކިހާވަރެއްގެ ތާޢީދެއް؟

ދިވެހިރާއްޖޭގައިމިޙާރު ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު އުވާލާ، ބަރުލަމާނީ ނިޒާމުގެ މައްޗަށް އެކުލެވިފައިވާ ވެރިކަމުގެ ނިޒާމެއް ގެނައުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ މަސައްކަތުގައި، އެމްޑިޕީގެ މަޖިލިސް ބައެއް މެމްބަރުންވެސް އިސްވެ ތިއްބަވައިގެން މިހާރު ކުރިޔަށް ގެންދަވާ، ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްްކަތް ބާރަށް ކުރިޔަށް ދާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑުތައްވެސް މިހާރުވަނީ ގަދަވާން ފަށާފައެވެ.

މިއޮތުން، ފެށުނީއްސުރެ، ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ޕާޓީތަކުންވެސް، ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު އުވާލުމާ ދެކޮޅަށް ވާހަކަ ދައްކަމުންދިޔަ ނަމަވެސް، ޕާޓީތަކުގެ ލީޑަރުން ފާޅުގައި މިކަމުގެ ކަންބޮޑުވުން ސީދާ ގޮތެއްގައި ފާޅު ކުރައްވާފައެއް ނުވެއެވެ.

އެމްޑިޕީ ފިޔަވާ އެހެނިހެން ސިޔާސީ ގިނަ ފަރާތްތަކުން ނިޒާމު ބަދަލުކުރުމުގެ ވިސްނުމާ ދެކޮޅު:

އެހެންނަމަވެސް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ، ނިޒާމު ބަދަލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ދެކޮޅަށް، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިއްޔެވަނީ ފާޅުގައި ދެކޮޅު ހައްދަވާ، އަދި ނަޝީދަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ ވަނީ ކުރިންވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެކަމުގެ ތަޖުރިބާ ކޮށްފައިވާކަމަށާއި ބަރުލަމާނީ ނިޒާމެއްގައި ރައީސެއްގެ ކޯޅުންގަނޑު ބޮޑުވާނެކަމަށެވެ. ބަރުލަމާނީ ނިޒާމަކީ މަޖިލީހުން ހުރިހާ ކަމެއްކޮށް، ހުރިހާ ބާރެއް އެއްބައެއްގެ އަތަށް ނެގުމަށް ގެނެވޭ ނިޒާމެއްކަމަށެވެ.

ގާސިމް އިބުރާހިމް ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ހެޔޮ ނުވާނެކަމަށް

މިގޮތުން ވާހަކަ ދައްކަވަމުން، ގާސިމް ވިދާޅުވެފައިވަނީ، މިއަދު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރަމުންދަނީ، ނަޝީދުގެ އަވާޖެހިގެން އުޅޭ ބަޔަކު ކަމަށެވެ. އަދި ނަޝީދުގެ މިމަސައްކަތަށް ތާއީދު ނުކުރުމަށްވެސް ޤާސިމް ވަނީ ގޮވާލާފައެވެ.

ދެންމި ބަރުލަމާނީ ނިޒާމޭ ކިޔައިގެން މި އުޅުއްވާ ބޭފުޅަކީ ރައީސް ނަޝީދު. އޭނަގެ އަވާގައި ޖެހިން އުޅޭ ބަޔަކު އެބައުޅޭ ޕެޓިޝަން ހަދައިގެން އަނެއްކަމެއްކޮށް، އަނެއްކަމެއްކޮށްވެސް.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް މަޖިލިސް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފާޑު ވިދާޅުވުމަމުން ގާސިމް ވިދާޅެވަފައިވަނީ، ބަރުލަމާނީ ނިޒާމަކީ އެއްވެސް ތާކުންތާކު ނުޖެހޭ ނިޒާމެއްކަން، އެގެނީ ވެރިމީހާއަށް 1000 ވޯޓު ލިބޭމީހާއަށްވެސް އާދެވުމުގެ ފުރުސަތު އޮތުމުންކަމަށެވެ. ވެރިޔަކަށް ހުންނަ މީހަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލް ކުރަން އަންނަ ވެރިޔަކަށްވާއިރު، ކުޑަ އާބާދީއެއް އޮންނަ ދާއިރާއެއްގެ މެމްބަރުކަމަށް އިންތިޚާބުވެގެން އަންނަ މީހަކު ބޮޑުވަޒީރަކަށް އައްޔަންކޮށް، ރައީސަށް ހުންނަ މީހަކަށް ދައުލަތުން ބޮޑު ޚަރަދު ކުރުމަކީ އެއްވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.

2007 ވަނަ ނެގުނު ފެންނަ ނުފެންނަ ވޯޓުން ރާއްޖޭގައި އޮންނަނަ ފެންނަނީ ބަރުލަމާނީ ނިޒާމެއްކަމަށް ރައްޔިތުން ނިންމުމަށްފަހު، 2008ވަނަ އަހަރު އެކުލަވާލެވުނު ގާނޫނު އަސާސީގައިވަނީ، ރާއްޖޭގައި މިހާރު އަމަލުކުރެވެމުންދާ ވެރިކަމުގެ ނިޒާމުގެ އޮނިގަޑު ސާފުކޮށް ބަޔާން ކޮށްފައެވެ. އަދި އެއަށްފަހު، ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެއްވެސް ވެރިކަމެއްގައި މަސައްކަތް ކުރެވިފައެއް ނުވެއެވެ.

މީގެތެރޭގައި ނަޝީދު ރާއްޖޭގެ ރައީސްކަން 2012ވަނަ އަހަރުގެ ފެބްރުއަރީމަހާއި ހަމައަށް ކުރެއްވި 3 އަހަރު ދުވަހުގެ ތެރޭގައިވެސް، ރިޔާސީ ނިޒާމު އުވާލާ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވާފަ ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ދެކޮޅަށް މީޑިއާގައި މިހާރު ފާޅުގައި ވާހަކަދައްކަވަން ފައްޓަވާފައިވާ ފަރާތްތަކުގެ ތެރޭގައި، އެމްޑީޕީގެ ކުރީގެ ރައީސް އިބުރާހިމް އިސްލާއިލް (އިބުރާ)ވެސް ހިމެނިވަޑައިގަންނަވައެވެ. މިގޮތުން އިބުރާ ދާދިފަހުން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ގައުމީ މަޖިލިހަށް ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން އޭނާ ތާޢީދުކުރައްވާނީ، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމާ ދެކޮޅަށް ތިއްބެވި މެމްބަރުންނަށް އެކަނި ކަމަށެވެ. ގަބޫލު ކުރެވޭ ގޮތުގައި، އޭނާ މިގޮތަށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ގައުމީ މަޖިލިހަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން، ނަޝީދު ތާޢީދު ކުރައްވާނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ތާއީދު ކުރާ ފަރާތްތަކަށް އެކަނިކަމަށް ވިދާޅުވި ވިދާޅުވުމަށް ހަޖޫ ޖެއްސެވުމުގެ ގޮތުންނެވެ.

އެހެންނަމަވެސް، އާގާނޫނު އަސާީ އެކުލަވާލެވުނު އިރު، އެންމެ ފުރަތަމަ ބަރުލަމާނީ ނިޒާމަކަށް ތާޢީދުކުރެއްވި އިބުރާ ފަހުން ކުރެއްވި ގިނަ ޓުވީޓުތަކުގައި އޭނާ ބަރުލަމާނީ ނިޒާމަށް ތާޢިދު ނުކުރައްވާ އެތައް ސަބަބުތަކެއް ފާހަގަ ކުރައްވާފައި ވެއެވެ. މިގޮތުން އޭނާ ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމެއްގައި ޕާޓީ ޓިކެޓް އަބަދުވެސް ލިބޭނީ ބޮޑުވަޒީރު ރުހޭ ބަޔަކަށް ކަމަށާއި، ޕްރައިމަރީ އޮންނާނީ "އައްބޮނޑީގައި" ކަމުގައެވެ. އަދި ވިދާޅުވީ އެހާލަތުގައި މުޅި އޮޑީގައި އޮންނާނީ ހަސަނުގެ ދެފައި ކަމުގައެވެ.

އެމްޑީޕީގެ ރައީސް ނަޝީދު އިސްވެހުންނަވާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އަނެއްކަމަކީ، ނަޝީދު ފިޔަވާ އެހެން އެއްވެސް ސިޔާސީ ލީލަރަކުވެސް، އަދި އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ފިޔަވާ ސިޔާސީ އިސް އެއްވެސް ފަރާތަކުންވެސް ފާޅުގައި ރާއްޖޭގައި މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައި ނުވާކަމެވެ. މިިގޮތުން، ޑިއެންއޭގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް އުފައްދަފަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އުމަރު ނަސީރު ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމުގައި ވާހަކައަކީ، ނަޝީދު "ފެންމަތީގައި" އޮންނަވަންވެގެން ދައްކަވަމުން ގެންދާވާ ވާހަކައެއް ކަމުގައެވެ.

ސަރުކާރުގެ ރައްދު:

ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވެ، ބަރުލާމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލު ކޮށްދެއްވުމަށް މީގެކުރިން ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ އަރިހުންވެސް ވަނީ އެދިވަޑައިގެންފައެވެ.

އަދި ބަރުލަމާނީ ނިޒާމެއް ގެނައުމަށްޓަކާ މިހާރު ސޮއި ކުރައްވަމުން ގެންދަވާ ޕެޓިޝަންއާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވެފައިވަނީ، މިހާރު ކުރިއަށްދާ ބަރުލަމާނީ ޕެޓިޝަނަކީ ވަކި ބަޔަކަށް ފެނިގެން ކުރިއަށްދާ ކަމެއްކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަ ނަމަ އެކަން ކުރެވޭނެ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭނާ އިތުރަށް ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމުގެ ވާހައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫންކަމަށާ، ނިޒާމު ބަދަލުކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސްގެންކަމަށް ރައީސް ޞާލިހު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށެވެ.

ބަރުލަމާނީ ޕެޓިޝަނެއް ތައްޔާރު ކުރައްވާ ރައީސް ސޯލިޙަށް ހުށަހެޅުއްވުމަށް، އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ތިއްބަވައިގެން ސޮއި ކުރައްވަން ފައްޓަވާފައިވާތާ ހަފްތާއެއް ފާއިތުވެގެން ދާއިރު، މަޖިލިހުގަ ސުޕަރ މެޖޯރިޓީ އޮތް އެޕާޓީގެ ޕާލަމެންޓްރި ގުރޫޕުން މިޕެޓިޝަނަށް މިހާތަނަށް ލިބިގެން ގޮސްފައިވަނީ ފިނި ތަރުހީބެއްކަން ފާހަގަ ކޮށްލެވެއެވެ.

މިގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 13 ވަރަކަށް މެމްބަރުން މިހާތަނަށް ޕެޓިޝަންގައި ސޮއިކުރައްވާފައިވާކަން މީޑިއާތަކަށް އެގިގެން ގޮސްފައިވާއިރު، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި، ޕެޓިޝަނާ ގުޅޭގޮތުން ޚިޔާލުތަފާތުވުން ހުރިކަންވެސް ފާހަގަ ކޮށްލެވެއެވެ. މިގޮތުން މި ޕެޓިޝަންގައި މެމްބަރުން ސޮއި ކުރައްވަން ފެއްޓެވި ފަހުން، ރާއްޖެއަށް ހެޔޮ އެދޭ ބަޔަކު ދައުލަތުން 150 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިޒާމީ ވޯޓް ނަގަން އުޅެފާނެތޯއޭ ވިދާޅުވެ، އެމްޑީޕީގެ ޕާލަމްނެޓްރީ ގްރޫޕުގެ މެމްބަރުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ. އިބްރާހިމް ޝަރީފް ވިދާޅުވީ ނިޒާމީ ވޯޓުގެ ކެމްޕެއިނަށް 100 އެތަށް މިލިއަން ރުފިޔާ އެއް ޚަރަދުވާނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ އެމްޑިޕީގެ ބައެއް މެމްބަރުން

އަދި، ދައުލަތުގެ ބަޖެޓުން އެފަދަ ވޯޓެއް ނެގުމަށް 150 މިލިއަން ރުފިޔާ މި ދަނޑިވަޅުގައި ޚަރަދުކުރުން އެއީ މިވަގުތަށް ކުރަން ހެޔޮވާވަރުވެ ކަމެއްތޯވެސް ޝަރީފް ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިހާރު ވެސް ސަރުކާރުން 300 މިލިއަން ރުފިޔާގެ ސުކޫކެއް 10 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ކޯލިޝަންގެ މެނިފެސްޓޯގައި، ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ނެތްކަމަށް ވިދާޅުވެ، ސަރުކާރުގެ ތަރުޖަމާން މަބުރޫކު އަޒީޒު ދެއްކެވި ވާހަކަފުޅު، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ޓުވީޓުތައް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރީޓުވީޓު ކުރައްވާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުންވެސް، 65 މެމްބަރުންގެ މައްޗަށް އެކުލެވޭ، އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ގިނަ މެމްބަރުން ޕެޓިޝަންގައި ސޮއި ކުރައްވާފައި ނުވާއިރު، ރައީސް ނަޝީދު އިސްވެ ހުންނަވާ، ތައްޔާރު ކުރައްވަމުން ގެންދަވާ ޕެޓިޝަނާ ގުޅޭގޮތުން، އަދިވެސް ގިނަ މެމްބަރުން ތިއްބެވީ ހަނުކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. އަންނީ އަށްހީވަނީ ތިމަންނަ ބޭނުންހާ ގޮތަކަށް ރާއްޖެ ހެދިދާނެހެން އެހެނެއް.ުވާނެ

  2. ކުރިން އަންނިސޮރުގެ ވެރިކަމުގައި ބަރުލަމާނީ ވާހަކަ ނުދަށްކާ މިހާރު އެމަކަރުމީހާ ބަރުލަމާނީ ވާހަކަ ދަށްކާ ސަބަބަކީ އެމްޑީޕީއަށް މެޖޯރެޓީ 65 މެމްބަރުންތިބީމަ މިހާރު ބަރުލަމާނީ ނިޒާމަށް ދިވެހިރަށްޔިތުން ޤަބޫލް ވެދާނެކަމށް އަންނިސޮރު ހީކުރަނީ ތޯއްޗެއް ވަރަށްސާފް

Leave a Reply

Your email address will not be published. Required fields are marked *