މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ރައްޓެހިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަަސަން ލަތީފް ހުށަހަޅުއްވި ޤަރާރުގައިވަނީ ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއްކަމަށެވެ. މާލޭގައި އޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުޞަތުތަކުގެ މަދުކަމުގެ މައްސަލަތަކާއި، ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައި ވުންކަމަށެވެ. މާލޭގެ މިހުރިހާ ކަމެއް މިމޭރުމުން ހިނގަމުންދާއިރުވެސް، އަދި ސަރުކާރުން މިއެންމެހައި ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނައިރުވެސް، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް މިވަނީ ގޮތްތަކެއް ހޯދާދޭން ޖެހިފައިކަމަށް މި ޤަރާރުގައި ބުނެފައިވެއެވެ.
ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ޚާއްޞަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވީ ހިނދު، އަދި، ހާސްކަމުން އެކަހެރިވެލެވޭނޭ ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް މިވަނީ އިންތިހާއަށް ބޭނުންވެފައިކަމަށް މި ޤަރާރުގައި ބުނެފައިވެއެވެ.
ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހަލާން ޒުވާނުންނަށް އެއްވެ އުޅެވޭނޭ ތަނެއްގެ މުހިއްމުކަން އިތުރުވެފައިވީ ހިނދު، އަދިގެ ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާޚިލާފު ކުޅަދާނަ ފަންނާނުން އެބަތިއްބެވި. އަދި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވި. އެހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހޭ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމު. އެޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑު. އެ ޒުވާނުންގެ އެ އާދަޔާޚިލާފު ހުނަރު ބޭނުންކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމުގައި ދެކެން.
– ހަސަން ލަތީފް ޤަރާރުގައިވެއެވެ.
ޤައުމެއްގެ ޤައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު އެއް އުންސުރަކީ އެ ޤައުމެއްގެ ޘަޤާފަތްކަން ފާހަގަކޮށް ހަސަން ލަތީފްގެ ޤަރާރުގައި، ޘަޤާފީ ކުޅިވަރާއި، މިއުޒިކާއި، ކުރެހުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ވާހަކަ ދައްކާއުޅޭ ބަހާއި، ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރެވޭނެ ގޮތަކަށް ކަންކަން އިނތިޒާމު ކުރުމަށްވެސް ގޮވާލާފައިވެއެވެ.
ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމަކަމަކަށްވާއިރު، ދިވެހީންގެ ޘަޤާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއްކަމަށް މިޤަރާރުގައި ބުނެފައިވެއެވެ. އަދި އަންނާން އޮތް ޖީލަށް ދިވެހީންގެ ޘަޤާފަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ، މިއަދު ދައުލަތުން ޒުވާނުންނާމެދު ޢަމަލުކުރާ ގޮތެއްގެ މައްޗަށެވެ. ޒުވާނުންގެ އެ މުހިއްމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނޭ ކަންކަން ކަމުގައިވީ ހިނދު، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ރައްޓެހިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހަސަން ލަތީފް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ