ޖޭ.އެސް.ސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ބިރުވެރިކަމެއްގެތެރެއަށް ވައްޓާލައި، ފަނޑިޔާރުންނަށް އިންޞާފުވެރި ޙުކުމެއް ނުކުރެވޭ މިންވަރަށް ޝަރުޢީ ނިޒާމް ޕެރެލައިޒްކޮށްލާފައިވާކަމަށް ދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާޙު ބޭރުކޮށްލުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭ.އެސް.ސީ އަކީ ވަކި ޚާއްޞަ ދުސްތޫރީ ވާޖިބެއް އަދާކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެއްކަމަށެވެ. ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގައި އެކޮމިޝަނުގެ ބާރުތައް ބަޔާންކުރެވިފައި ވީނަމަވެސް ނަމަވެސް، ސަރުކާރުން ވަނީ އެ ބާރުތައް މަސްހުނިކޮށް، ޖޭ.އެސް.ސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ބިރުވެރިކަމެއްގެތެރެއަށް ވައްޓާލައި، ފަނޑިޔާރުންނަށް އިންޞާފުވެރި ޙުކުމެއް ނުކުރެވޭ މިންވަރަށް ޝަރުޢީ ނިޒާމް ޕެރެލައިޒްކޮށްލާފައިކަމަށެވެ.
ރައްޔިތުންނަށް ވަޢުދު ވެފައިވާގޮތަށް، ޝަރުއީ ދާއިރާ މިނިވަންކުރުމަށާއި ނުފޫޒުން އެއްކިބާވެފައިވާ ޝަރުޢީ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގޮވާލަން އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އިޚްލާޞްތެރިކަމާއެކު ފުއްދުމަށް ގޮވާލަން.
– އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޕީ.ޕީ.އެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، ޤާނޫނުއަސާސީއަށް ހުށައެޅުއްވި އިޞްލާޙު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި މި ބިލުގެ ބަހުސްގައި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައި ނުވެ، އެމްޑީޕީގެ މެންބަރުންވަނީ ޕީޕީއެމްއާއި ޕީއެންސީން މިބިލަށް ވާހަކަ ދެއްކެވި މެންބަރުންނަށް ހުރަސްއަޅާފައިކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
ޖޭ.އެސް.ސީ އިޞްލާޙު ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެއް. އަދި ވެރިކަމާއި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާ ހަމައަށް އެމްޑީޕީން ތަކުރާރުކޮށް ދައްކަމުންދިޔަ ވާހަކައަކީ ޖޭ.އެސް.ސީ، ސިޔާސީ ނުފޫޒުން މިނިވަންކުރުމުގެ ވާހަކައާއި އެމްޑީޕީގެ ވެރިކަމެއްގައި އެކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރާނެ ވާހަކަ. ނަމަވެސް މިސަރުކާރަށް ހުރިހާ ބާރެއް ލިބުމުން، މިއަދު އިދިކޮޅު ކޯލިޝަނުން ޖޭ.އެސް.ސީ އިޞްލާޙު ކުރުމަށް ހުށައެޅި ބިލު ބޭރުކޮށްލުމަކީ، ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ނަމުގައި އެމް.ޑީ.ޕީން ދައްކަމުންދިޔަ ވާހަކަތަކަކީ އެއްވެސް އިޚްލާޞްތެރި ނިޔަތެއް ނެތި ދައްކަމުންދިޔަ ވާހަކަތަކެއްކަން ހާމަވާ ކަމެއް. އަދި އެމްޑީޕީއާއި މިސަރުކާރުގެ ނުފޫޒު ޝަރުއީ ނިޒާމަށް އިންތިހާއަށް އޮތްކަމާއި ސިޔާސީ ނުފޫޒުން ޝަރުޢީ ނިޒާމު މިނިވަންކުރަން ބޭނުންނުވާކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އިތުރަށް ހާމަވެގެން ދިޔަ ކަމެއް.
– އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މިއިސްލާހު މަޖިލީހަށް ބަލައި ގަންނަން ނުފެންނަކަމަށް 50 މެމްބަރުން ވޯޓް ދެއްވިއިރު ފެންނަކަމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ.
ކޮމެންޓު ފޮނުވާ