2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމް ބަރުލަމާނީ ކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް ބާރު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ 9 މެންބަރަކު ސޮއިކުރައްވައިފިއެވެ.
އީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ މި ޕެޓިޝަނަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން، އަދުގެ ސަރުކާރުންވީ ވައުދާއެއްގޮތަށް އެކަން އަވަހަށް ފެށުމަށް ބާރު އެޅުމުގެ ގޮތުން ހުށައަޅާ ޕެޓިޝަނެކެވެ. ޤާނޫނީ ވަކީލް މުޙައްމަދު ނިޝާން އިބްރާހީމް އިސްވެ ތައްޔާރުކުރާ އެ ޕެޓިޝަންގައި މިހާތަނަށް މަޖިލީހުގެ 9 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲވެސް ހިމެނިވަޑައިގަންނަވައެވެ.
މިހާތަނަށް ސޮއިކުރައްވާފައިވާ މަޖިލިސް މެންބަރުންގެ ތެރޭގައި:
- މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
- ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު
މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި އުޅުވާ ބޭފުޅުންނާއި ޢާންމު ބައެއް ބަފާތްތަކުންވެސް ދަނީ އެ ޕެޓިޝަންގައި ސޮއިކުރަމުންނެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ގޮވާލާ ޕެޓިޝަނާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވީހާވެސް ގިނަބަޔަކު އެ ޕެޓިޝަންގައޮ ސޮއިކުރެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތިލއްވި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް ތާޢީދުކުރައްވާނެކަމަށެވެ.
ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލާ ޕެޓީޝަންގައި ގިނަ ބަޔަކު ސޮއިކުރުމަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދަުރަށް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް އެމަނިކުފާނު ތާޢީދުކުރައްވަން ނިންމާފައިވާކަމަށެވެ.
މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ