އާސެނަލް އާއި ޗެލްސީ ބައްދަލުކުރި މެޗުގައި ލަނޑު ޖެހި ލުކާކޫ

އާސެނަލް އަތުން ޗެލްސީ މޮޅުވިއިރު، ޔުނައިޓެޑް އެއްވަރު

އާސެނަލް އަތުން ޗެލްސީ މޮޅުވިއިރު، ޔުނައިޓެޑް އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އަތުން ޗެލްސީ ފަސޭހަކަމާއެކު މޮޅުވިއިރު، ސައުތެމްޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން ޗެލްސީއަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ދެވަނަ ފަހަރަށް ޗެލްސީއަށް ބަދަލުވި ރޮމޭލޫ ލުކާކޫއެވެ. މިއީ އިންޓަ މިލާނުން ޗެލްސީއަށް ބަދަލުވުމަށްފަހު ލޫކާކޫ އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެއެވެ. މި މެޗުގައި ލޫކާކޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި ޗެލްސީއަށް ލީޑު ފުޅާކޮށްދިން ލަނޑު 35 ވަނަ މިނެޓުގައި މޭސަން މައުންޓްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޖޭމްސްއެވެ.

މި މެޗުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޓަނާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ލިބިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑަކީ 30 ވަނަ މިނެޓުގައި ޗޭ އެޑަމްސް ޖެހި ބޯޅައެއް ޔުނައިޓެޑްގެ ފްރެޑް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ މި ލަނޑާއެކު ސައުތެމްޓަން ކުރީގައިއޮވެގެންނެވެ.

ނަމަވެސް ދެވަަނަ ހާފް ފަށައިގެން ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފް ފަށައިގެން ދިހަ ވަނަ މިނެޓުގައި ޕޮގްބާގެ އެހީތެރިކަމާއެކު މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑަށްފަހު ލަނޑު ޖަހާނެ އެންމެ ހުސް ފުރުޞަތެއް ލިބުނީ ސައުތެމްޓަނަށަށެވެ. އެގޮތުން އެޑަމް އާމްސްޓްރޯން ހުސްކޮށް ހުރެ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރ ޑޭވިޑް ޑެހެއާ ވަނީ ދިފާޢުކޮށްފައެވެ.

ޕްރިމިއަރ ލީގުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް އިން ވަނީ އެ ޓީމުގެ ކޯޗު ނޫނޯ ކުރިން ކޯޗުކޮށްދިން ވުލްވްސް ބަލިކޮށްފައެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމް ކާމިޔާބުކުރީ 1-0 އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *