މުޖްތަމަޢުގައި ހިނގާ ޝަރީޢަތާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް މަޝްވަރާކޮށްފި

މުޖްތަމަޢުގައި ހިނގާ ޝަރީޢަތާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް މަޝްވަރާކޮށްފި

Author
ޢަލީ އާދަމް
22 އޮގަސްޓް 2021 07:01
0

އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރަ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޤާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ޙައްލު ކުރުމަށާއި، ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެވުނު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހަމައެހެންމެ މިފަދަ މައްސަލަތައް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކޮށްފައި ވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގޭ ހަރުކަށި ޢަމަލުތަކާއި، އިސްލާމީ އަޚްލާޤީ މިންގަޑުންބޭރު ޢަމަލުތަކާއި އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމަޢުގައި ޢާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވި، މިކަންކަން ޙައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ.

ދީނުގެ ނަމުގައި ހިންގާ ހަރުކަށި ފިކުރު ތަކާއި ދީނަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަންކަން ކަމަށް ސަރުކާރާއި، އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ ބުނަމުންނެވެ.

އެގޮތުން މި ފަދަ މައްސަލަތަކަކީ ހަމައެކަނި ގާނޫނީ ފިޔަވަޅަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.