ސަރުކާރުގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްޤުން ޢަދަބުދިނުންކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވެފައިމިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތަޢާވަލުކޮށް ރައީސް ޔާމީނަށް ކޯޓަށް ޙާޒިރުކޮށްފައިވުމާއެކުއެވެ. ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްޤުން ޢަދަބުދިނުންކަމަށެވެ. ޖަމީލް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބެލިފައިވޭތޯ ސުވާލުކުރައްވާފައެވެ.
ވެންޓިލޭޓަރ އާއި މަޙްލޫފްގެ މައްސަލަ އަށް މަނިކުފާނުގެ ސީދާ ނުފޫޒް އެބައޮތް. އެލިސްޓް ވަރަށް ދިގު.
– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް @ibusolih ގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްޤުން ޢަދަބުދިނުން.ކޮބައިތޯ ކޮރަޕްޝަންގެ މައްސަލަތައް ބެލިފައި؟ ވެންޓިލޭޓަރ އާއި މަޙްލޫފްގެ މައްސަލަ އަށް މަނިކުފާނުގެ ސީދާ ނުފޫޒް އެބައޮތް. އެލިސްޓް ވަރަށް ދިގު. pic.twitter.com/pUeTu2STuQ
— Mohamed Jameel Ahmed (@MJameelAhmed) August 22, 2021
މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
މި މައްސަލާގައި މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 86 ހެއްކެއް ހުށައަޅާފައެވެ. އެގޮތުން ހުށަހަޅާ ހެކީންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހައްމަދާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މަޢުރޫފް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގެ ތެރޭގައި ބެންކް ސްޓޭޓްމެންޓްތަކާއި، އޭރު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީއާ ދެމެދު ކުރެވުނު މުއާމަލާތްތައްވެސް ހިމެނެއެވެ. މާދަމާގެ އަޑުއެހުމުގައި މިކަންކަމާމެދު ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ