ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންވައިގެން ސޮއިކުރަމުންދާ ޕެޓިޝަނަކީ ރައްޔިތުން ގަބޫލު ކުރާނެ ޕެޓިޝަނެއް ނޫންކަމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގައި ހިމެނޭ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، އެނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި، ރައީސް ޞާލިހުއަށް ހުށަހަޅުމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ސޮއިކުރަންފެށި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރެއްވުމަށް އެންޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެދިވަޑައިގެންފައެވެ. ޕެޓިޝަންގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތަށްވެސް ލިބިފައިވަނީ ފިނިތަރުހީބެކެވެ.
ބަރުލަމާނީ ނިޒާމު ގެންނަން ހަދަމުންދާ ޕެޓިޝަނާއި ގުޅިގެން، ޝައިޚު ޒައިދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ދިވެހި ރައްޔިތުން ނޫނެކޭ ބުނެފައިވާ ނިޒާމެކަމަށެވެ. އަދި މިނިޒާމަކީ ރާއްޖެފަދަ ކުޑަ ޤައުމަކަށް އެއްވެސް ގޮތަކަށް އެކަށީގެންނުވާ ނިޒާމެއް ކަމަށާއި، ރައްޔިތުންގެ ތާއީދު އޭރުވެސް އަދި މިހާރުވެސް ބަރުލަމާނީ ނިޒާމަށް ނެތްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުން އެއްފަހަރު ރިޖެކްޓް ކޮށްފައިވާ ނިޒާމެއް! އަދި މިއީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް އެއްވެސް ގޮތަކުން އެކަށީގެންވާ ނިޒާމެއްނޫން! ބަރުލަމާނީ އަށް އޭރުވެސް މިހާރުވެސް ތާއީދެއްނެތް! ޕެޓިޝަން ހެދިޔަސް ރައްޔިތުން އެބަލައި ނުގަންނާނެ.
– ޒައިދު ވިދާޅުވިއެވެ.
Barulamaany Nizaamaky raajje ge Rayyiyhun 1 faharu reject kohfaivaa nizaameh! Adhi mi e Raajje kahala kuda qaumakah ehves gothakun ekashygen vaa nizaameh noon! Barulamaany ah eyruves mihaaru ves thaaeedheh neh! Petition hedhiyas Rayyithun e balai nugannaane!
— Ali Zaid (@alizaid1000) August 21, 2021
ޒައިދު މިހެން ވިދާޅުވެފައިވާއިރު، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެކަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީއަކުން ވަނީ ބުނެފައެވެ. އަދި ރައީސް ޞާލިހުވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ މޭރުމަކުން އެކިފަހަރު މަތީން ވާހަކަ ދައްކަވާފައެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ވަނީ މެސެޖްވެސް ފޮނުވާފައެވެ. މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރައީސް ޞާލިހު ވިދާޅުވަމުންދަނީ ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަނަކާއި ކަމަށެވެ.
ނަމަވެސް ރައީސް ޞާލިހުވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ކަމަށާއި، ދެންވެސް ނިޒާމު ގޯސްވެއްޖެނަމަ ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ކޮމެންޓު ފޮނުވާ