ތާލިބާންއާއި ދެކޮޅަށް އަލުން ރުކުރުވާލަމުންދާ ހަގުރާމަވެރި ޖަމާއަތްތަކުން އެގައުމުގެ އުތުރުގެ 3 ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަން އިއުލާން ކޮށްފިއެވެ.
އިދިކޮޅު ހަގުރާމަވެރިން އެމީހުންގެ ބާރުގެދަށަށް ގެނެސްފައިވާކަން އިއުލާން ކޮށްފައިވަނީ، އަފްއާނިސްތާންގެ ޕަންޖުޝިރު ވާދީގެ ކައިރީގައިވާ ބައެއް އަވަށްތަކެވެ. ޕަންޖުޝިރު ވާދީއަކީ، ތާލިބާން ޖަމާއަތުލް ކާބުލް ހިފުމަށްފަހު، ސަރުކާރުގެ އަސްކައްޔާއި ވަކިވެގެންދިޔަ ބައެއް ފައުޖުތަކާއި އަދި، ތާލިބާން ޖަމާއަތާ ދެކޮޅު ހަގުރާމަވެރި ޖަމާއަތްތަކުންވެސް މިހާރު ޖަމާވެފައިވާ ސަރަހައްދެވެ.
ތާލިބާނުންނާ ދެކޮޅަށް ހަގުރާމަ ކުރާނެކަން އިއުލާން ކޮށްފައިވާ، އަފްއާނިސްތާންގެ ކުރީގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި ޖެނެރަލް ބިސްމިއްލާހި މުހައްމަދީ ކުރެއްވިި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ، ޑެހް ސަލާހް އަވަށާއި، ޕަންޖުޝިރު ވާދީގެ އުތުރުގައި އޮތް ބަގްލާން ޕްރޮވިންސްގެ ކައިރީގެ އަވަށްތައް ކަމުގައިވާ ބަނޯ އަދި ޕުލް-ހެސާރު އަވަށްވެސް މިހާރުވަނީ އެމީހުންގެ ބާރުގެ ދަށުގައެވެ.
މިއަވަށްތައް ހިފުމުގައި އިސްދައުރެއް އަދާކޮށްފައިވަނީ ކޮން ހަގުރާމަވެރި ޖަމާއަތްތަކެއްކަން އަދި ޔަގީން ކުރެވިފައި ނުވިނަމަވެސް، މި އަވަށްތައް ހިފާފައިވާކަން އިއުލާން ކުރުމާ ގުޅިގެން، އަފްއާނިސްތާނުގެ އެކި ހިސާބުތަކަށް ފެތުރިފައިވާ، ތާލިބާންޖަމާއަތާ ދެކޮޅު ހަގުރާމަވެރިން ހަރަކާތްތެރިވަމުންދާ ކަމުގެ ނިޝާންތައް މިހާރުވަނީ ފެންނާން ފަށާފައެއެވެ.
އަފްއާނިސްތާނުގެ ލޯކަލް ޓީވީ ޗެނަލްއެއް ކަމުގައިވާ ޓޯލޯ ނިއުސްއިން ބަގްލާން ސިޓީގެ ބާނޯ ސަރަހައްދުގެ ޕޮލިސް ކޮމާންޑަރއަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ އަވަށް މިހާރުވަނީ ހަނގުރާމަވެރިންގެ ބާރުގެދަށަށް ގޮސްފައެވެ. އެހެންނަމަވެސް، އެ އަވަށް ހަގުރާމަވެރިން ހިފާފައިވަނީ ބޮޑެތި ގެއްލުންތަކަކާ އެކީކަމަށްވެސް ޕޮލިސް ކޮމާންޑަރއާއި ހަވާލާދީ ޓޯލޯ ނިއުސްއިން ރިޕޯޓު ކޮށްފައި ވެއެވެ.
ތާލިބާން ޖަމާއަތުން، މި ހާދިސާއާއ ގުޅޭގޮތުން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
އަފްއާނިސްތާންގެ ކުރީގެ ނާއިބު ރައީސް އަމުރުﷲ ސާލިހުއާއި، ސޯވިއެޓް ޔޫނިއައާއި ދެކޮޅަ ހަގުރާމަކުރި މުޖާހިދީންގެ ލީޑަރު އަހުމަދު ޝާހު މަސްއޫދުގެ ދަރިކަލުން އަހުމަދު މަސްއޫދުވަނީ ތާލިބާން ޖަމާއަތާ ދެކޮޅަށް ޕަންޖުޝިރު ވާދީން ހަގުރާމަ ކުރާނެކަން އިއުލާން ކޮށްފައެވެ.
މަސްއޫދުއާއި ގާތް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އަފްއާނިސްތާނުގެ އަސްކަރިއްޔާއަށާއި، ސްޕެޝަން ފޯރސްއަށް ނިސްބަތްވާ ފަރާތްތަކާ އަދި ހަގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ ފަރާތްތައްވެސް ހިމެނޭގޮތުން، 6،000 ހަގުރާމަވެރިން ތާލިބާން ޖަމާއަތާ ދެކޮޅަށް ހަގުރާމަކުރުމަށްޓަކާ ޕަންޖުޝިރު ވާދީއަށް މިހާރުވަނީ ޖަމާވެފައެވެ.
އެމީހުން ބުނާގޮތުގައި، އެމީހުންގެ އަތުގައި، ހަގުރާމަމަތީ ހެލިކޮޕްޓަރތައްވެސް ހުރިއިރު، އަސްކަރީ އުޅަދުތަކާއި، އަދި ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރުގެ އަސްކަރީ ބައެއް އުޅަދުތައްވެސް، ބޭނުން ކުރުމަށްޓަކާ މިހާރުވަނީ މަރާމާތު ކޮށްފައެވެ.