ހުޅަނގުގެ ގައުމުތަކުން އަފްއާނިސްތާން ދޫކޮށް ދިއުމަކީ، ބޭކާރު އަދި އެހާމެ ބިރުވެރި ކަމެއްކަމުގައި، އެމެރިކާއިން 2001 ވަނަ އަހަރު އަފްއާނިސްތާނަށް އަރާ އެގައުމު ހިފިއިރު، އެމެރިކާއަށް ހުރިހާ ގޮތަކުންވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން، އަދި އޭރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ޓޯނީ ބްލެއަރ ވިދާޅު ވެއްޖެއެވެ.
އަފްއާނިސްތާނުގައި އޮތް ހުޅަނގުން ތާއީދު ކުރަމުން އައި ވެރިކަން ވެއްޓި އަފްއާނިސްތާން ތާލިބާންގެ ބާރުގެ ދަށަށް އައުމަށް ފަހު، އަފްއާނިސްތާނުގެ ސިޔާސީ މަސްރަހާ ގުޅިގެން ފުރަތަމަ ފަހަރަށް އާންމުކޮށް ބެލެއަރ ވާހަކަ ދަައްކަވާފައިވަނީ، އޭނާގެ ފައުންޑޭޝަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ އާޓިކަލަތަކެއްގައި ޚިޔާލު ފާޅު ކުރައްވައިގެންނެވެ.
"އަފްއާނިސްތާނާއި އަދި އެގައުމުގެ ރައްޔިތުންގެ ދޫކޮށްލުމަކީ ހިތާމަހުރި، ބޭކާރު އަދި އެހާމެ ބިރުވެރި ކަމެއް،" އޭނާގެ އަމިއްލަފުޅު ފައުންޑޭޝަންގެ ވެބްސައިޓުގައި ޝާއިއު ކުރި އާޓިކަލްގައި ލިޔުއްވާފަި ވެއެވެ.
2001ވަނަ އަހަރު އެމެރިކާއިން އަފްއާނިސްތާނަށް އެރުމަށް ތާއީދު ކުރުމުގެ އިތުރުން، އޭގެ ފަހުން އެމެރިކާއިން އިރާގަށް އަރާ ކުރި ހަގުރާމައަށްވެސް ތާއީދުކުރުމަށް އޭރު އޭނާ ނިންމި ނިންމުމާ ގުޅިގެން، އިނގިރޭސިވިލތާއި އަދި އިތުރު އެތައްބެއްގެ ފާޑުކިއުންވެސް އަމާޒުވެފައިވާ، އިނގިރޭސި ކުރީގެ ބޮޑުވަޒީރު، ޓޯނީ ބްލެއަރ ލިޔުއްވާފައިވާ ގޮތުގައި، އަފްއާނިސްތނާ ގުޅޭގޮތުން ހުޅަނގުގެ ގައުމުތަކުން މިހާރު ގެންހުޅެމުންދާ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ދުރު މުސްތަގްބަލެއްގައި އެގައުމުތަކަށް އޭގެ ގެއްލުން ލިބިގެން ދާނެއެވެ.
"ހުޅަނގުގެ ގައުމުތަކުން އަފްއާނިސްތާނާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުތަކާމެދު މުޅި ދުނިޔެވެސް މިއޮތީ ވާނުވާއެއްގައި، ސަބަބަކީ، ހަމަޔަގީނުންވެސް އެމީހުން އަފްއާނިސްތާން ދޫކޮށް ގޮސްފައިއެވަނީ، އެއްވެސް ގޮތަކަށް ރޭވިފައިވާ ވިސްނުމެއްގެ ތެރެއިންނެއްނޫން، އޭގެ ބަދަލުގައި އެނިންމުން ބިނާވެފައި އެވަނީ، ހަމައެކަނި ސިޔާސީ ވިސްނުމުގެ މައްޗަށް،" ބްލެއަރ ލިޔުއްވާފައި ވެއެވެ.
"އެކަން ކޮށްފައި އެވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޖިހާދީ ގްރޫޕްތައް އުފާފާޅުކުރަމުން ދަނިކޮށް،" ބްލެއަރ އިތުރަށް ލިޔުއްވާފައި ވެއެވެ.
1997އިން ފެށިގެން، 10 އަހަރު ވަންދެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރައްވާ، އިނގިރޭސި ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި، ޓޯނީ ބްލެއަރ އޭރުގެ އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއަށް ތާއީދު ކުރައްވާފައިވައި ވަނީ، "ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަގުރާމަ"އަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވެ އޭނާ ބުޝްއަށް ފޮނުއްވި ސިޓީއަކުންނެވެ.
އަދި އޭނާ އޭރު، އެމެރިކާއިން ފެށި ހަގުރާމައަށް އަސްކަރީގޮތުން އެއްބާރުލުން ދިނުމަށް ނިންމި ނިންމުމާ އިނގިރޭސި އާންމުން ވަރަށް ބޮޑަށް ދޮކޮޅުހަދާ، އޭނާއަށް އެގައުމުގައި އޮތް ތާއީދު ވަރަށް ބޮޑުތަނުން ގެއްލިގެން ދިޔައެވެ.
އަދި 2007ވަނަ އަހަރު، ގޯޑަން ބްރައުންއާ ވެރިކަމުގެ ބާރުތައް ހަވާލުކުރަންވެސް ބްލެއަރއަށް މަޖުބޫރުވި އެއްސަބަބަކަށްވެސް ވެގެން ދިޔައީ އެމެރިއާއިން ކުރަމުންއައި ޓެރަރިޒަމާދެކޮޅު ހަގުރާމައަށް ތާއީދުކުރައްވަން އޭނާ ނިންމެވި ނިންމެވުމެވެ.