ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، އެނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި، ރައީސް ޞާލިހުއަށް ހުށަހަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރެއްވުމަށް އެންޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި، އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ސިޔާސީ ލީޑަރެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.
ޕެޓިޝަންގައި ސޮއިކުރުން ފެށުމަަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޕެޓިޝަންގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރި ނުވެވުނަށް، މަޖލީހުގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް އާންމު މެމްބަރުންވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ޝުއޫރު ފާޅު ކުރައްވަމުންނެވެ.
ވެރިކަމުގެ ދެފުށް މާ ސާފުކޮށް ފެންނަ،
ތަރުޖަމާނަކާނުލާ އަބަދު ޖަވާބުދާރީ ކުރެވޭ،
ގިނަ ފަރާތްތަކުގެ ހިއްސާވުން ޤާނޫނީގޮތުން އެކުލެވޭ،
ފަށަލަތަކާއި މަތިބަރުކަން ކުޑަ،
ގިނަބަޔަކު ވެގެން ނިންމުންތައް ނިންމާ،
ޤައުމުތަކުން އެންމެ ކާމިޔާބުކަމަށް ދައްކާ ނިޒާމު. #barulamaanee pic.twitter.com/VT3jRZGoGk— Waddey (@waddey_) August 21, 2021
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ވަނީ މެސެޖްވެސް ފޮނުވާފައެވެ. މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރައީސް ޞާލިހު ވިދާޅުވަމުންދަނީ ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަނަކާއި ކަމަށެވެ.
ނަމަވެސް ރައީސް ޞާލިހުވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ކަމަށާއި، ދެންވެސް ނިޒާމު ގޯސްވެއްޖެނަމަ ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ކޮމެންޓު ފޮނުވާ